ހިޔާގެ ކޮންމެ ޓަވަރެއް ގައި އިތުރު ދެ ލިފްޓް ބަހައްޓައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ވައުދުވެވަޑައިގެންފައެވެ.
ސަރުކާރުގެ އަމާޒަކީ ހިޔާ ލިފްޓްތަކުގައި ވީހާވެސް އަވަހަށް އިތުރު ލިފްޓް ހަރުކޮށް ނިންމުން ކަމަށާ މިހާރު ކަނޑައަޅާފައިވާ ތާރީހުތަކަށް ވުރެ އަވަހަށް އެ މަސަައްކަތް ނިންމަން ވަރަށް ބޮޑަށް ބާރު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓްތަކު ގައި އިތުރު ލިފްޓުތައް ބެހެއްޓުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޗައިނާ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕް އާއިއެކު ވަނީ އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ ދަށުން މުޅި ޖުމްލަ 32 އާ ލިފްޓް ބަހައްޓާނެ އެވެ. އެއީ ކޮންމެ ޓަވަރަކަށް އިތުރު ޕެސެންޖާ އަދި ސްޓްރެޗާ ލިފްޓެކެވެ.
ހިޔާގެ ކޮންމެ ޓަވަރެއް ގައި އިތުރު ދެ ލިފްޓް ބަހައްޓައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ވައުދުވެވަޑައިގެންފައެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ސިލްސިލާ ގައި ހިޔާގައި ދިރިއުޅޭ މީހަކު ވަނީ ލިފްޓްތައް ހަރުކޮށް ނިމޭނެ ތާރީހަކާއި ގުޅޭގޮތުން ސުވާލު ކޮށްފައެވެ. ރައީސް ވިދާޅުވީ އެ މަސައްކަތް ކުންފުންޏަކާއި ހަވާލުކޮށް މިހާރު ކުރިއަށް ދަނީ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކަމަށެވެ. އަދި ވީހާވެސް އަވަހަށް މަސައްކަތް ފެށުމަށް ބާރު އަޅުއްވާނެ ކަަމަށެވެ.
"އަޅުގަނޑު އަދިވެސް ބާރު އަޅާނަން ވީހާވެސް އަވަހަށް އަމަލީ މަސައްކަތަށް ދާން. މިހާރު ޑިޒައިން މަސައްކަތް ނިމެނީ. ދެން އެޑްވާންސް ޕޭމަންޓް ސަރުކާރުން އެ ފަރާތަށް ވަރަށް އަވަހަށް ދޭނެ. ދިނީމަ އެގްރީމަންޓްގައިވާ ގޮތުން ދޭތާ އެއްމަސް ތެރޭ މޮބިލައިޒްވާން ޖެހޭނެ،"
ރައީސް ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ފަށާތާ އެއް އަހަރުތެރޭ ހުރިހާ ލިފްޓެއް ހަރުކޮށް ނިންމަން ޖެހޭ ކަމަށެވެ. އެއީ ބޮޑު މަސައްކަތެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އަހަރު ދުވަހަށް ވުރެ އަވަހަށް މުޅި މަސައްކަތް ނިންމަން ބާރު އަޅުއްވާނެ ކަމަށެވެ.