ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޒައާމަތް ފެށުނުތާ ދެ ހަފްތާ ނުވަނީސް ތުރުކީއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާ ދިވެހީންނަށް ދިން ދީލަތި އެހީ ނެތް ނަމަ މިކަން މިހާ އަވަހަށް ހަގީގަތަކަށް ނުވީސް ކަމަށެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް -- އެމްއެންޑީއެފްގެ އެއާ ކޯ އަށް އަސްކަރީ ގިނަ އާލަތްތައް ތުރުކީން ހަދިޔާ ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުން ދިވެހިންގެ އަތްމައްޗަށް ގެންނަން ޑރ. މުހައްމަދު މުއިއްޒު ވެޑައިގެންނެވި ވައުދާ އެއްގޮތްވާ ގޮތުގެ މަތިން މިރޭ ނ. މާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސިފައިންގެ ވައިގެ ބާރު "އެއާ ކޯ" ވަނީ އިފްތިތާހު ކޮށްފައެވެ.
އެ ރަސްމިއްޔާތު ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު "އެއާ ކޯ" އިފްތިތާހު ކުރެވިގެން ދިޔައީ އިސްލާމީ އުންމަތުގެ މިއަދުގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ގިނަ މުސްލިމުން ދެކޭ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޒައާމަތް ފެށުނުތާ ދެ ހަފްތާ ނުވަނީސް އެ ގައުމަށް ވަޑައިގަތުމަށް ދައުވަތު ދެއްވާ ބެހެއްޓެވި ގާތް ކަމާއި ދިވެހީންނަށް ދިން ދީލަތި އެހީ ނެތް ނަމަ މިކަން މިހާ އަވަހަށް ހަގީގަތަކަށް ނުވީސް ކަމަށެވެ.
"މިތަނުން ތިން ޔޫއޭވީ ފެނުނު ނަމަވެސް އިރާދަކުރެއްވިއްޔާ އެއަށް ވުރެ މާ ގިނަ ވާނެ އެމަނިކުފާނާއި [ރައީސް އުރުދުޣާން] އަޅުގަނޑުމެންނާ މި އޮތް ގާތް ކަމުގެ ތެރެއިން އަޅުގަނޑުމެންގެ އަސްކަރިއްޔާގެ ބާރުވެރިކަން. އަދި މީގެ ގިނަ އާލަތްތަކަކީ މި ގާތް ކަމުގެ ތެރެއިން ހިލޭ ހަދިޔާ ކޮށްފައިވާ ތަކެތި ކަމުގައި ވެސް އަޅުގަނޑު ފަހުރުވެރިކަމާ އެކު ފާހަގަ ކުރަން،"
ތިން ޑްރޯނެއް މިހާރު ސިފައިންގެ އެއާ ކޯ ގައި އެބަ އޮތެވެ. މިއީ ރަޝިއާ އިން ޔޫކްރެއިންގައި ކުރާ ހަނގުރާމާގައި ސާވޭލަންސް އަދި ހަމަލަ ދިނުމުގައި ވެސް ބޭނުން ކުރާ ތުކުރީގެ ބައިރަކުތާރު މަރުކާގެ ޑްރޯންތަކެކެވެ. ތުރުކީގެ ބައިރަކުތާރު ކުންފުނީގެ މި ޑްރޯންތައް 2015 އިން ފެށިގެން ދަނީ ތުރުކީގެ އަސްކަރިއްޔާގައި ބޭނުން ކުރަމުންނެވެ.
ރައީސް ވިދާޅުވީ ބައިރަކުތާރު ކުންފުނީގެ އިސް ދެ ބޭފުޅުން އެމަނިކުފާނު ބައްދަލު ކުރެއްވި ކަމަށާ އެއީ މިފަދަ އާލަތްތައް އުފެއްދުމުގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށެވެ. އަދި ކުރިއަށް އޮތްތާ އިތުރު އާލަތްތަކާ އެކު ސިފައިންގެ "އެއާ ކޯ" އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.