މެންބަރު ސަނީފްގެ ތުހުމަތު ޝާހިދާއި މިއުވާން ދޮގު ކުރައްވައިފި

"މަޖިލީހުގެ އިމްތިޔާޒް ނިވާފަތްގަނޑަކަށް ބޭނުންކޮށް ދޮގު ހެދުމާއި މީސްމީހުންގެ އަބުރަށް އަރައިގަތުމަކީ ޑިމޮކްރަސީ އާއި ބީރަށްޓެހި ކަމެކެވެ. ފިނޑިކަމެކެވެ،" ޝާހިދު ވިދާޅުވި އެވެ.

މެންބަރު އަބްދުﷲ ސަނީފް (ކ) މިއުވާން މުހައްމަދު (މ) ކުރީގެ މިނިސްޓަރު އަބްދުﷲ ޝާހިދު (ކ)

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ކުރެއްވި ތުހުމަތު، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން މިއުވާން މުހައްމަދު ދޮގު ކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ސަނީފް ވަނީ ރަޖިސްޓްރީ ނުކޮށް ހިންގާ ވެބްސައިޓަކުން ތަކުރާރުކޮށް އޭނާއާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރަމުންދާތީ އެކަން ފާހަގަ ކޮށް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓެއް ގައި ބައިވެރިނުވެ ރިޝްވަތު ނެތި ކަމަށް ތުހުމަތު ކޮށާއި ސަރުކާރު ކެންޑިޑޭޓަށް ތާއީދު އިތުރު ކުރަން މަސައްކަތް ކުރުމަށް އެއްބަސްވެ ފައިސާ ނެގި ކަމަށް ބުނެ ވެސް ދަނީ އަސާސެއް ނެތް ވާހަކަތައް ފަތުރަމުންނެވެ.

ސަނީފް މީގެ ކުރީން ވަނީ އެ ދޮގުތައް ފެތުރުމުގެ އަޑީގައި ތިބި މީހުން ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެ ފައެވެ. މިއަދުގެ ޖަލްސާ ގައި ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވި ގޮތުގައި އޭނާއާ ގުޅޭ ދޮގުތައް ފަތުރާ ވެބްސައިޓްގެ ފަހަތުގައި ފޮރުވިގެން ތިއްބެވީ ކުރީގެ ފޮރިން މިނިސްޓަރު / އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން މިއުވާން މުހައްމަދެވެ.

އެ ތުހުމަތާއި ގުޅިގެން "އެކްސް" ގައި ޕޯސްޓެއް ކުރައްވާ ޝާހިދު ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު މެންބަރު ސަނީފު ދެއްކެވި ވާހަކައިގައި އޮންލައިންކޮށް ލިޔާ ނޫހަކާއި އޭނާއާ ގުޅުމެއްވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ އަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"މަޖިލީހުގެ އިމްތިޔާޒް ނިވާފަތްގަނޑަކަށް ބޭނުންކޮށް ދޮގު ހެދުމާއި މީސްމީހުންގެ އަބުރަށް އަރައިގަތުމަކީ ޑިމޮކްރަސީ އާއި ބީރަށްޓެހި ކަމެކެވެ. ފިނޑިކަމެކެވެ،" ޝާހިދު ވިދާޅުވި އެވެ.

މިއުވާން ވެސް ވަނީ ޕޯސްޓެއް ކޮށް ތުހުމަތު ތައް ދޮގު ކޮށްފައެވެ. ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ނިވަލު ގައި ފިއްލަވައިގެން ހުންނަވާ މެމްބަރު އަބްދުﷲ ސަނީފް އޭނާގެ ބޮލުގަައި މިއަދު އެޅުވީ ދޮގު ތުހުމަތެއް ކަމަށެވެ.

"ހަގީގަތެއް ނެތް ދޮގު ވާހަކަ ދައްކައި އަޅުގަނޑުގެ އާއިލާ ނުރައްކަލުގެ ތެރެއަށް ވައްޓާލި ސަބަބެއް ސާފުނުވި ނަމަވެސް، އަޅުގަނޑަށް ނިސްބަތްކޮށް ދެއްކި ވާހަކައަކީ ދޮގު ވާހަކައެއް ކަން ޔަގީންކޮށް ދަންނަވަން އެނގޭ. އަޅުގަނޑު ނޫސްވެރިކަން ކުރާނަމަ ކުރާނީ ކެރިގެން ފާޅުގައި،" މިއުވާން ވިދާޅުވި އެވެ.

ސަނީފްގެ ތުހުމަތެއް ޝާހިދަށް އަމާޒު ކުރެއްވިއިރު ސަނީފް ނިސްބަތްވާ ގޮނޑިއަށް މި ފަހަރު އެމްޑީޕީން ވާދަ ކުރަނީ ޝާހިދުއާ ވަރަށް ހާއްސަ ގާތް ކަމެއް އޮންނަ ކަމަށް ވާހަކަ ދެކެވޭ ޒިފްލީން ހަސަން އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.