"ކައުންސިލްތަކުން ނެރޭ ބަޔާންތަކާ ގުޅިގެން ދެން ފިޔަވަޅެއް ނާޅާނަން"

އެލްޖީއޭއަށް އެފަދަ އެންގުމެއް ކައުންސިލްތަކަށް ނޭންގޭނެ ކަމަށް ބަންޑާރަ ނައިބް އަހުމަދު އުޝާމް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކައުންސިލްތަކަށް ސަރުކާރުން ފިޔަވަޅު ނާޅާނެ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު

އެކި ކަންކަމާ ގުޅިގެން ލޯކަލް ކައުންސިލްތަކުން ނެރޭ ބަޔާންތަކާމެދު ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި، އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ކައުންސިލްތަކާބެހޭ މިނިސްޓަރު، އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މީގެ ދުވަސް ކޮޅެއް ކުރިން މައްސަލަ ޖެހުނީ މިޗމަހުގެ ދެވަނަ ދުވަހު ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ލެޓަހެޑްގައި "ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ހިފައި ރަސްމީ ދަތުރުފުޅުގެ ނަމުގައި ކެމްޕެއިން ހަރަކާތްތައް ހިންގުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން" ކަމަށް ބުނެ ބަޔާނެއް އާންމު ކުރުމުންނެވެ. އެއީ ގާނޫނުއަސާސީއާ ހިލާފު ބަޔާނެއް ކަމަށް ބުނެ، އެ ބަޔާން ބާތިލް ކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ކެނދިކުޅުދޫ ކައުންސިލަށް އަންގާފަ އެވެ.

އެލްޖީއޭއަށް އެފަދަ އެންގުމެއް ކައުންސިލްތަކަށް ނޭންގޭނެ ކަމަށް ބަންޑާރަ ނައިބް އަހުމަދު އުޝާމް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކައުންސިލްތަކަށް ސަރުކާރުން ފިޔަވަޅު ނާޅާނެ ކަމަށް ވިދާޅުވެފަ އެވެ.

ސިޓީސް، ލޯކަލް ގަވަމެންޓް އަދި ޕަބްލިކްސް ވޯކްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ ރައީސްގެ އެންގެވުމާ އެއްގޮތަށް، އެއްވެސް ކައުންސިލަކަށް ފިޔަވަޅު ނާޅުއްވާނެ ކަމަށެވެ.

"ކުރިއަށް އޮތްތަނުގަ އަޅުގަނޑުމެންނެއް ކޮންމެހެން ކައުންސިލަކުން ކަމަކާ ގުޅިގެން ނެރޭ ބަޔާނަކާ ގުޅިގެންނެއް އިތުރަށް އަޅުގަނޑުމެންނެއް ކަމެއް ކުރާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މި މައްސަލައިގައި އެންމެ ބޮޑަށް ފާޑުކިޔަމުން ދަނީ އެލްޖީއޭގެ ސީއީއޯ މަރިޔަމް ޒުލްފާ އަށެވެ. އެ މައްސަލަ އެލްޖީއޭގެ ބޯޑަށް ނުގެންގޮސް، އަމިއްލަފުޅަށް ބަޔާން ބާތިލުކުރަން ކެނދިކުޅުދޫ ކައުންސިލަށް ނޭންގޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެލްޖީއޭގެ ސީއީއޯ މަރިޔަމް ޒުލްފާ


ޒުލްފާ މިއަދު ވިދާޅުވީ، ކައުންސިލްތަކުން ނިންމުންތައް ނިންމުމާއި ގަރާރުތައް ފާސްކުރަން ވާނީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ތެރެއިން ކަމަށާއި، ކައުންސިލްތަކަށް މަތިކޮށްފައިވާ ހިދުމަތްތަކާ ގުޅިގެން އެ ނިންމުންތަކާ ގަރާރުތަކާ އެންގުންތައް އާންމުކުރަން ވާނީ ކައުންސިލްގެ ބައްދަލުވުމަކުން ފާސްކޮށްގެން ކަމަށް އެލްޖީއޭއިން ކައުންސިލްތަކަށް ކުރީން އަންގާފައިވާ ކަމަށެވެ.

"ބައެއް ބޭފުޅުން ވިދާޅުވޭ ކީއްވެގެންހޭ ބޯޑަށް ނުގެންދަނީ، އޮފީސް ހިންގުމުގެ އެކްސްޕީރިއެންސަށް ބަލާފަ، ޗީޕް އެގްޒެކެޓިވް އޮފިސާއަށް އޮންނަނީ ގާނޫނުން އޮފީސް ހިންގުމުގެ ބައި ހަވާލުވެފަ. ނެރެވުނު ބަޔާނަކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ގޮތުގަ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ، އެގޮތަށް އެ އިދާރާގެ ހުރުމަތް ކުޑަނުވާގޮތަކަށް ކަންތައްތައް ގެންދިއުމަށް އަޅުގަނޑުމެން އަންގާފަ އޮންނާނީ،" ޒުލްފާ ވިދާޅުވި އެވެ.

ޒުލްފާ ވިދާޅުވީ، ކައުންސިލްތަކުން ގާނޫނުއަސާސީއަށާއި އެންމެހާ ގާނޫނުތަކަށް ބީލަނބަން ޖެހޭއިރު، އެ އިދާރާތަކުން ކުރާ ކަންތައްތަކަށް ޖަވާބުދާރީވާން ޖެހޭ ފަރާތަކީ އެލްޖީއޭ ކަމަށެވެ. އަދި، ފިޔަވަޅު އަޅަން ޖެހިއްޖެނަމަ ފިޔަވަޅު އަޅަން ވެސް ގާނޫނުން މަތިކޮށްފައިވާ ކަމަށާއި، ކެނދިކުޅުދޫ ކައުންސިލަށް އެ ސިޓީ ފޮނުއްވީ އެ ޒިންމާގެ ދަށުން ކަމަށެވެ.

އެ މައްސަލަ އެލްޖީއޭގެ ބޯޑަށް ނުގެންގޮސް ސިޓީ ފޮނުއްވީ، ބޯޑު ބައްދަލުވުމެއް ދެން އޮންނާނީ މިމަހުގެ 29 ހިސާބުގައި ކަމަށްވެފައި، އޭރުން މައްސަލައިގެ މުއާލާތް ކެނޑޭނެ ކަމަށް ބެލެވޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބަންޑާރަ ނައިބްގެ ފަރާތުން މިމަހުގެ ހަތް ވަނަ ދުވަހު އެ މައްސަލައިގައި އެލްޖީއޭއިން ކަންކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރިޔަސް، އަވަސް ފިޔަވަޅެއް އެޅީ ރައީސްގެ އަބުރުފުޅަށް ހުތުރުވާނެހެން އަމަލުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

އެލްޖީއޭގެ ފަރާތުން އެ ސިޓީ ފޮނުވި ނަމަވެސް، އެ ބަޔާން ބާތިލު ނުކުރަން ކެނޑިކުޅުދޫ ކައުންސިލުން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.