އެޗްޑީސީއަށް ލިބެން ޖެހޭ 800 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ފައިސާ ހޯދަން މިދިޔަ ފަސް އަހަރު އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭގެ 50 ބިމަކާއި ތިލަފުށީގެ 35 ބިމެއް ނުހައްގުން ބޭނުން ކުރަމުންދާ ކަމަށާ އެކަންކަން ބަލަމުންދާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
ފަޒުލް މިހެން ވިދާޅުވީ ރައީސް މުއިއްޒާ އެކު ފެލިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅު ގައެވެ. ފަޒުލް ވިދާޅުވީ އޭނާއާ ގުޅޭގޮތުން ދައްކާފާނެ ވާހަކަ އަކަށް ޖެހިލުންވެ ހަގީގަތް ހާމަ ކުރަން ނުކުރި ނުހުންނަވާނެ ކަމަށެވެ.
އެޗްޑީސީގެ ހާލަތު ރަނގަޅެއް ނޫން ކަން ފާހަގަ ކުރައްވާ ފަޒުލް ވިދާޅުވީ ކުންފުނީގެ ދަރަނި ވަނީ 10 ބިލިއަން ރުފިޔާ ފަހަނައަޅާ ގޮސްފައި ކަމަށެވެ. މިދިޔަ ފަސް އަހަރު ކުންފުނީ ގައި ގަވާއިދާ ހިލާފު އެތައް ކަމެއް ހިންގާފައިވާ ކަމަށް ވިދާޅުވި އެވެ.
އެއް ކަމަކަށް ފާހަގަ ކުރެއްވީ ހުޅުމާލެ އިން 50 ބިމެއް ނުހައްގުން ބަޔަކަށް ދީފައި އޮތް އޮތުމެވެ. ފަޒުލް ވިދާޅުވީ އެ ތަންތަން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ ރައްޔިތުންގެ ބިމާއި މުދާ ކަން ފާހަގަ ކުރައްވާ ފަަޒުލް ވިދާޅުވީ ގާނޫނާއި ހިލާފަށް ކޮށްފައިވާ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ހުޅުމާލޭގެ ފަންސާހަކަށް ބިން ނުހައްގުން އެކިއެކި މީހުންނަށް ދިން ވާހަކަ، އަޅުގަނޑު ކުރީން ފާހަގަ ކުރިން. ހަމަ ހަގީގަތު ގައި ވެސް މި ދަންނަވަނީ އަޅުގަނޑު ހަވާލުވުމަށް ފަހު ގައި އަޅުގަނޑު ބެލީ އެޗްޑީސީގެ ހުޅުމާލެ އެކެއް ނުވަތަ ހުޅުމާލެ ދޭއް އަދި ތިލަފުށި އަދި އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ހުރީ ކޮންފަދަ ހާލަތެއްގައިތޯ. ބެލިއިރުގައި ހުޅުމާލޭގެ ފަންސާހަކަށް ބިން ނުހައްގުން ބޭނުން ކުރާ ވާހަކަ އޮންނާނެ އިއުލާނު ކޮށްފައި،"
އެޗްޑީސީއަށް ލިބެން ޖެހޭ 800 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ފައިސާ ހޯދަން މިދިޔަ ފަސް އަހަރު އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ ތިލަފުށީގެ 35 ބިން ހައްގު ނޫން ފަރާތްތަކަށް ދީފައިވާ މައްސަލަ އެއް ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެއީ ވަގުތީ ގޮތުން އަހަރު ދުވަހަށް ދީފައިވާ ބިންތަކެއް ކަމަށާ އެ މުއްދަތަށް ވަގުތީ ގޮތުން ދޭ ބިން ބިމަކީ އިމާރާތް ކުރުމުގެ ހުއްދަ ދޭނެ ބިންބިން ނޫން ކަމަށެވެ. ނަމަވެސް ކުރީ މެނޭޖްމަންޓުން އަނގަ ބަހުން ދީފައިވާ ހުއްދަ އަކުން އެެފަދަ ތަންތާ އިމާރާތް ކޮށްފައިވާ ކަމަށެވެ.
އެގޮތަށް ބިންތަކެއް ދޫކުރުމުން އެކަމުގެ ސަބަބުން އެޗްޑީސީއަށް ލިބެން ޖެހޭ އާމްދަނީ ގެއްލިފައިވާ ކަމަށް ވިދާޅުވި އެވެ.
"މިކަމާ ބެހޭ މައްސަލަތައް ކުރިއަށް އޮތްތާންގައި އޭސީސީއާ އެނޫން ތަންތަނަށް ވެސް ހުށައަޅާނެ ކަމަށް އިއުލާނު ކުރަން،"
މީގެ އިތުރުން ރައީސް ސޯލިހްގެ ސަރުކާރުން ބިންވެރިޔާ ސްކީމުން ގޯތި ދިންއިރު ފެނާއި ނަރުދަމާ އަޅާފައިވާ ތަންތަނުން ވެސް ގޯތި ދޫކޮށްފައިވާ ކަމަށާ ބޮޑެތި ހިލަފުނިތައް ހުރި ތަންތަނުން ވެސް ގޯތި ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެެވެ. އަދި ބައެއް މީހުންނަށް އެ މީހުންގެ އަނބިންނާ އެކު ގުރުއަތުން ޖެހިޖެހިގެން ދެ ގޯތި ލިބިފައިވާ ކަމަށެވެ. އެއީ ސިކުޑިއަށް ގަބޫލު ކުރެވޭ ކަމެއްތޯ ވެސް ސުވާލު ކުރެއްވި އެވެ.
"އެއްވެސް ބޭފުޅަކު ގަބޫލު ކުރައްވާނަންތޯ ގުރުއަތު ނަގައިގެން އަޅުގަނޑާއި އަޅުގަނޑުގެ އަނބިމީހާއާ ނުވަތަ ތިބޭފުޅުންނާއި ތިބޭފުޅުންގެ އަނބިމީހާއާ އާއިލާ ބޭފުޅުންނަށް ޖެހިޖެހިގެން ގޯތި ލިބިދާނެ ކަމަށް. އަޅުގަނޑުގެ ބުއްދި ގަބޫލެއް ނުކުރޭ މިހެން ހުންނަ ކަންތައްތަކެއް،" ފަޒުލް ވިދާޅުވި އެވެ.
މީގެ އިތުރުން ތިލަފުށިން ގެއްލުނު ބޮޑު ހިލަ ފަރުބަދަ ގެއްލުނީ ކުރީގެ މެނޭޖްމަންޓުގެ އިހުމާލުން ކަމަށް އޮޑިޓް ރިޕޯޓްތަކުގައިވާ ކަމަށް ފަޒުލް ވިދާޅުވި އެވެ.
އަދި ހުޅުމާލެ އަނދިރީގައި ކަމުގައި އޮތްއިރު އެކަން އެހެންވީ ލައިޓް ޕޯސްޓްތައް ބާ ދަގަނޑަަށް ކިރާފައިވާތީ ކަމަށް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ މި ހުރިހާ މައްސަލަތައް ދިރާސާކޮށް އޮޑިޓް ރިޕޯޓް ހަދަމުންދާ ކަމަށާ އެ ކަންކަން ބަލަން ކަމާގުޅޭ އިދާރާތަކަށް ހުށައަޅުއްވާނެ ކަމަށެވެ.
މި މައްސަލަ ދިމާވެފައި ވިޔަސް، ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު އެއްވެސް މީހެއްގެ ހައްގު ނުގެއްލޭނެ ކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ ދީފަ އެވެ.