ރާއްޖެ އައިޓީގައި | އިކޯ ޓޫރިޒަމްގެ ވާހަކައަށް ބޭރުގެ ޝައުގުވެރިކަން

ބޭރުގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވި ޗެއާޕާސަން ނޫރެއިން ވިދާޅުވި ގޮތުގައި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ޓޫރިޒަމް ވަރަށް ވަރުގަދަ ވެގެންދާނެކަމުގެ ޔަގީންކަން ލިބިވަޑައިގެންނެވި އެވެ.

އެމްއެމްޕީއާރުސީގެ ޗެއާޕާސަން ނޫރައިން ޖަނާހް

ރާއްޖޭގައި މިހާތަނަށް އޮތީ ޓޫރިޒަމްގެ މައިގަނޑު އެންމެ ޕްރޮޑަކްޓަކެކެވެ. ވިއްކަނީ ވެސް އެ ޕްރޮޑަކްޓެވެ. މިހާތަނަށް ޓޫރިޒަމް ޑައިވާސިފައި ވާހަކަ ދެއްކިޔަސް އަމަލީ ގޮތުން ކަމެއް ނުކުރެ އެވެ. އެކަމަކު މިފަހަރު އައިޓީބީއަށް ރާއްޖެ ދިޔައިރު ޓޫރިޒަމްގެ ވަކި ޕްރޮޑަކްޓެއް ހަދަން ރަށެއް ހާއްސަ ކުރިކަން ސަރުކާރުން އޮތީ އިއުލާނު ކޮށްފަ އެވެ. އެއީ އިކޯ ޓޫރިޒަމް ފައްކާ ކުރުމަށް ކޭލަކުނެވެ. މިކަންވީ އައިޓީބީގައި ރާއްޖޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ބޮޑު ޝައުގުވެރިކަމެއް ލިބުނު ވާހަކައަކަށެވެ. 

ނޫސްވެރިންގެ އެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ބައިވެރިވެވަޑައިގަތް ޗެއާޕާސަން ނޫރައިން ޖަނާހް ވިދާޅުވި ގޮތުގައި ގިނަ ބައެއްގެ މެދުގައި އެންމެ ޝައުގުވެރިވި އެއް ކަމަކީ ރާއްޖޭން އިކޯ ޓޫރިޒަމް ޕްރޮޑަކްޓެއް ގެންނަން ކުރަމުންދާ މަސައްކަތްތަކާއި ޓޫރިޒަމް ޑައިވާސިފައި ކުރަން ކުރާ މަސައްކަތަކާ މެދު އެވެ.

ޗެއާޕާސަން ނޫރައިން ޖަނާހް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

"ޓޫރިޒަމް ޑައިވާސިފިކުރަން ސަރުކާރުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ސާފު ކުރި. ހާއްސަކޮށް އިކޯ ޓޫރިޒަމް ގެންނަ ވާހަކައަކީ އެ ބޭފުޅުން [ބޭރުގެ ނޫސްވެރިން] ވަރަށް ޝައުގުވެރިވި ކަމެއް،" އައިޓީބީގައި ހުންނަވައިގެން ނޫރައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޫސްވެރިންގެ އެ ބައްދަލުވުމުގައި މަޓީއާއި ޓޫރިޒަމް އެހެން އެސޯސިއޭޝަންތައް ބައިވެރިވިއިރު، ޓޫރިޒަމްގެ ގިނަ މައުލޫމާތުތަކެއް އެ ބޭފުޅުން ދީފައިވާ ކަމަށެވެ. މި މައުލޫމާތުތަކާއެކު އެނގިގެން ދިޔައީ ރާއްޖެ ދުނިޔޭގެ އެންމެ ވަރުގަދަ ޓޫރިޒަމް ޑެސްޓިނޭޝަންގެ ގޮތުގައި އޮތް މިންވަރާއި ރާއްޖޭގެ ޓޫރިޒަމްގެ ވަރުގަދަކަން ބޭރުގެ ފަރާތްތަކުން ފާހަގަ ކުރުން ކަމަށެވެ.

އާ އެއާލައިންތަކާއެކު ރާއްޖޭން މަޝްވަރާ

އައިޓީބީގެ ނޫސްވެރިއެއް ސުވާލު ކުރަނީ

އައިޓީބީގައި މިހާރު ވަޑައިގެން އުޅުއްވާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީން ވަނީ ދުނިޔޭގެ ޓޫރިޒަމްގެ އިސް ފަރާތްކާއެކު ވެސް ބައްދަލުވުންތައް ބާއްވާފަ އެވެ. މި ބައްދަލުވުންތަކުގެ އިތުރުން ރާއްޖޭގެ ކަނެކްޓިވިޓީ ވަރުގަދަ ކުރަން އިތުރު އެއާލައިންތަކާ ވެސް ވާހަކަ ދެކެވުނު ކަމަށް ނޫރެއިން ވިދާޅުވި އެވެ.

"މި ފަހަރުގެ އައިޓީބީގައި އެމްއޭސީއެލް އިން ބައިވެރި. އެމްއޭސީއެލްގެ އެމްޑީއާއެކު ރާއްޖެއަށް އިތުރު އެއާލައިންތައް ގެނެސް، ކަނެކްޓްވިޓީ ރަނގަޅު ކުރެވިދާނެ ގޮތަކާމެދު ވެސް މަޝްވަރާ ކުރެވުނު،" ނޫރެއިން ވިދާޅުވި އެވެ.

ރާއްޖެ މައުލޫމާތު މީޑިއާ މީޓްގައި ދެނީ

ރާއްޖޭގެ ޓޫރިޒަމް ބޯޑުގެ ފުރަތަމަ އަންހެން ޗެއާޕާސަން ނޫރެއިން ވިދާޅުވީ މި ބައްދަލުވުންތަކުން އެނގިގެން ދިޔައީ ރާއްޖެއަށް އޮތް ޝައުގުވެރިކަން ބޮޑުކަން ކަމަށެވެ.

"ޔޫކޭގެ ބޭފުޅުންނާ ވެސް ދިމާވެ މަޝްވަރާ ކުރެވުނު. ޔޫކޭގެ ގިނަ ޓޫރިސްޓުން ޝައުގުވެރިވޭ ރާއްޖޭގެ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެފްޓް. އަޅުގަނޑުމެން ޔަގީންކަން ދިނިން މި ކޮންސެޕްޓް ކުރިއަށް ގެންދަން މަސައްކަތް ކުރާކަން،" ނޫރެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ މެނޭޖުމަންޓާއެކު ރާއްޖޭގެ ޓޫރިޒަމްގެ އެންމެ އިސް ފަރާތްތަކާ ބައްދަލުވެ އެ ބޭފުޅުންގެ ހިޔާލުތައް އެނގިގެން ދިއުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

"ވަރަށް ގިނަ ހިޔާލުތައް ލިބިގެން ދޭ. އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާނީ އިންޑަސްޓްރީއާ ގުޅިގެން ކުރިއަށްދާން،" ނޫރެއިން ވިދާޅުވި އެވެ.

އައިޓީބީ - މި ފެއާއަކީ ޔޫރަޕަށް ރާއްޖެ ގުޅުގެން ގޮސް ޔޫރަޕު މީހުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އުފުލިގެން ދިއުމުގައި މުހިންމު ރޯލެއް ކުޅުނު ފެއާ އެވެ. ރާއްޖޭން އެންމެ ފުރަތަމަ ޓޫރިޒަމް ފެއާއެއްގައި ބައިވެރިވެފައި ވަނީ 1983 ވަނަ އަހަރު އެވެ. މި ފެއާއަށް ފުރަތަމަ ދަތުރުކުރީ ރާއްޖޭގެ އެންމެ ބޮޑު އެއް ދިވެހި ޓޫރިޒަމް ބްރޭންޑް ޔުނިވާސަލް ކުންފުނިންނެވެ. މި ދަތުރުގައި ބައިވެރިވެ ވަަޑައިގަތީ މުހައްމަދު އުމަރު މަނިކް (އެމްޔޫ) އާއި އަހުމަދު މާހިރު ދީދީ އެވެ. މިއީ އައިޓީބީ ފެއާ އެވެ. އޭގެ ފަހުން ސަރުކާރުން މި ފެއާއަށް ދިޔައީ މާރިޗް 3، 1984 ވަނަ އަހަރު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.