"ރިޔާސީ އިންތިހާބު ގެއްލުމުގެ / ނާކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެން ދިޔައީ އަޅުގަނޑުމެންނާ އެކީގައި އެ ބޭފުޅުންނަށް [ރައީސް ނަޝީދާއި ޓީމަށް] މަސައްކަތް ނުކުރެއްވުން،"
މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބު ގައި ނާކާމިޔާބުވެ ވެރިކަން ގެެއްލުމުގެ މައިގަނޑު ސަބަބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ޓީމު ވަކިވެގެން ދިއުން ކަމަަށް ކުރީގެ ރައީސް / އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ފަށާފައިވާ ކެމްޕެއިން ގައި ނ. މަނަދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ސޯލިހް ވިދާޅުވީ މަޖިލީސް އިންތިހާބުން ކާމިޔާބު ހޯދުމަކީ ވަރަށް މުހިންމު ކަމެެއް ކަމަށެވެ. އެކަމަށްޓަކައި ބަދަހިކޮށް ތިބުމުގެ މުހިންމު ކަން ފާހަަގަ ކުރެއްވި އެވެ.
ބަދަހިކަން ނެތުމުން ލިބޭ ގެއްލުމުގެ މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ އެވެ. ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީ އެއް ބޭއްވި ކަމަށެވެ. އެއީ ވަރަށް ވާދަވެރި ޕްރައިމަރީއެެއް ކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީގެ ނިމުމުން އެކުގައި ކުރިއަށް ދެވޭ ގޮތް ނުވި ކަމަށެވެ. ނަޝީދާއި އެމަނިކުފާނުގެ ޓީމު ވަކިވުމަކީ ރިޔާސީ އިންތިހާބު ގެއްލުމުގެ އެންމެ ބޮޑު ސަބަބު ކަމަށް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބު ގެއްލުމުގެ / ނާކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެން ދިޔައީ އަޅުގަނޑުމެންނާ އެކީގައި އެ ބޭފުޅުންނަށް [ރައީސް ނަޝީދާއި ޓީމަށް] މަސައްކަތް ނުކުރެއްވުން،" ކުރީގެ ރައީސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ބައިބައިވެ އެކީގައި މަސައްކަތް ނުކުރެވިއްޖެ ނަމަ އެމްޑީޕީން އެދޭ ނަތީޖާ ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަަށެވެ. އެހެން ކަމުން ރިޔާސީ އިންތިހާބުގެ ނަތީޖާ އިން އިބްރަތް ހާސިލު ކުރާނެ ކަމަަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގައި ވާދަކުރީ ރައީސް ސޯލިހާއި ރައީސް ނަޝީދެވެ. އޭރު ވެސް ދެ ރައީސުންގެ ގުޅުން އޮތީ ގޯސްވެފައެވެ. ޕްރައިމަރީ ގައި އެއް ބޭފުޅަކު އަނެެއް ބޭފުޅަކަަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވި އެވެ. އެއާއެކު ދެ ބޭފުޅުންގެ ގުޅުން އިތުރަށް ގޯސްވި އެވެ. އަދި ނަޝީދުގެ ވަފާތެރި މެންބަރުން ކުއްލި ގޮތަަކަށް ޕާޓީން ވަކިވެ "ދަ ޑިމޮކްރެޓްސް" އުފެއްދި އެވެ. އޭގެ ކުރިއަށް ވެސް ނަޝީދުގެ ވަފާތެރިން އެމްޑީޕީ ގައި ހަރަކާތްތެރިވީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެެއް ގޮތުގައެވެ.
ފަހުން ނަޝީދު ވަނީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފަ އެވެ. ރިޔާސީ އިންތިހާބަށް ދެ ޕާޓީން ވަކީން ކެންޑިޑޭޓުން ނެރުނެވެ.
ދެވަނަ ބުރުގައި ނަޝީދާއި ޑިމޮކްރެޓްސްގެ ތާއީދު ވެސް ރައީސް ސޯލިހަށް ނުދެއްވި އެވެ. ޑިމޮކްރެޓްސްގެ ތާއީދު ރަސްމީކޮށް ނުދިން ނަމަވެސް ޕާޓީގެ އިސް ބޭފުޅުންނާއި މެންބަރުންގެ ތާއީދު ދިނީ ރައީސް މުއިއްޒަށެވެ.
ނަމަވެސް ޑިމޮކްރެޓްސްއާ ސަރުކާރާއި ގުޅުން ކެނޑި އެމްޑީޕީއާ އެކު ވަނީ މަސައްކަތް ފަށާފައެވެ. އެކަމަކު މަޖިލީސް އިންތިހާބަށް ނިކުންނަނީ ދެ ޕާޓީން ވަކިންނެވެ. އެމްޑީޕީން 90 ދާއިރާއަށް ވާދަ ކުރެ އެވެ. ޑިމޮކްރެޓްސް އިން ވަނީ 41 ކެންޑިޑޭޓުން ނެރެފަ އެވެ.