ރައީސް ދެއްވީ ތުޅާދޫ އެއާޕޯޓް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން

"ވަރަށް ލަސްކޮށްދާ، ވަރަށް ފަނޑުކޮށް، ހަގީގަތަކަށް ނުވާނެހެން ކުރާ މަސައްކަތެއް. އެގޮތް ބަދަލުކޮށް ރަށުގެ ރައްޔިތުން އުންމީދު ކުރާވަރުގެ އެއާޕޯޓެއް އަޅުގަނޑު އަޅައިދޭނަން،" ރައީސް ޔަގީންކަން ދެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު: ތުޅާދޫ އެއާޕޯޓް މަޝްރޫއު ނިންމަވައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި --

ބ. ތުޅާދޫގައި އެއާޕޯޓެއް އަޅަން ނިންމައި، އެކަން ނުކުރެވި ދިގުލައިގެން ގޮސްފައިވީ ނަމަވެސް، އެ މަޝްރޫއު ރަގަޅު ފެންވަރެއްގައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

އެރަށުގައި އެއާޕޯޓެއް އަޅަން ސަރުކާރުތަކުން ވާހަކަދައްކާތާ އަހަރުތަކެއް ވެއްޖެ އެވެ. މީގެ ފަސް އަހަރު ކުރިން އެ މަޝްރޫއު ހިންގަން އިއުލާނުތައް ކުރި ނަމަވެސް، ތަރުހީބެއް ނުލިބެ އެވެ. ކުރީ ސަރުކާރުން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ ތުޅާދޫ އެއާޕޯޓާއެކު އިތުރު ދެ އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަޝްރޫއު ކެޕިޓަލް މެރިންއާ ހަވާލުކޮށްފަ އެވެ.

ރައީސް މިއަދު ތުޅާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އެރަށުގެ ރައްޔިތުން ގިނަ ޒަމާންވަންދެން ކުރަމުންދާ އުންމީދަކީ އެއާޕޯޓްގެ އުންމީދު ކަމަށެވެ. 

"ވަރަށް ލަސްކޮށްދާ، ވަރަށް ފަނޑުކޮށް، ހަގީގަތަކަށް ނުވާނެހެން ކުރާ މަސައްކަތެއް. އެގޮތް ބަދަލުކޮށް ރަށުގެ ރައްޔިތުން އުންމީދު ކުރާވަރުގެ އެއާޕޯޓެއް އަޅުގަނޑު އަޅައިދޭނަން،" ރައީސް ޔަގީންކަން ދެއްވި އެވެ.

ރައީސް ވިދާޅުވީ، މިހާރު ވެސް މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވީ ނަމަވެސް މާ ބޮޑު މަސައްކަތެއް ނުހިނގާ ކަމަށެވެ. އެކަން ބަދަލުކުރައްވައި، އެ މަޝްރޫއާއެކު މުސްތަގުބަލަށް ބޭނުންވާ ވަރަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ. އޭރުން ސިނާއީ މަސައްކަތްތަކާއި ގެދޮރުވެރިކަމުގެ މަޝްރޫއުތަކާއި އަދި އެހެނިހެން ބޭނުންތަކަށް ވެސް ބޭނުން ކުރެވޭނެކަން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން މިއަހަރު އެރަށުގައި 100 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފައްޓަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަމަށް އެކަށީގެންވާ ވަރަށް ބަޖެޓް ކުރެވިފައި ނެތަސް، އެހެން ގޮތްގޮތުން ފައިސާ ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ތުޅާދޫގައި އެއާޕޯޓް އަޅަން ކުރީ ސަރުކާރުން ހިއްކަން ނިންމާފައި ވަނީ 44.70 ހެކްޓަރެވެ. އެރަށާއެކު ތ. ވިލުފުއްޓާއި ށ. ބިލަތްފަހީގައި އެއާޕޯޓް އަޅަން ބިން ހިއްކަން ވެސް ވަނީ ކެޕިޓަލް މެރިން ކުންފުންޏާ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.