ދައުލަތުން ފަޒްލޫން ބަންދުގައި ބަހައްޓަން އެދޭ ސަބަބުތަކުގެ ތެރޭގައި ވަނީ އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ދިމާވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމުގެ އިހުތިމާލު އޮތުމެވެ.
ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
ފަޒްލޫން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާއި ގުޅިގެން ހިންގި ހަމަނުޖެހުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތު އެވެ. އޭގެ ފަހުން ދެތިން ފަހަރު ބަންދު ދެމެހެއްޓުމަށް ފަހު ޖުލައި މަހުގެ 22 ވަނަ ދުވަހު ޝަރުތުތަކަކާއެކު ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.
އެއީ މާލެއިން ބޭރަށް ދާނަމަ އެންގުމަށާއި ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެންގުމަށް ޝަރުތު ކޮށެވެ. އަދި އޭނާ އުޅޭ އެޑްރެސް އެންގުމަށާއި އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަންވެސް އެންގުމަށެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށްވެސް ކޯޓުން ވަނީ އަންގާފަ އެވެ.
އެ އަމުރު ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ އެ ނިންމުމަށް ދަށު ކޯޓުން ވާސިލްވި ގޮތާއިމެދު ސުވާލު އުފައްދައިފަ އެވެ. އެގޮތުން އެ އަމުރުގައި ހެކި ދަރަޖަ ކޮށްފައި ވަނީ ކުޑަ މިންވަރަކަށެވެ. އެންމެ ފުރަތަމަ ފަޒްލޫން ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރުގައި ބަޔާންކޮށްފައި ވަނީ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުރި ކަމަށެވެ. ދެން ނެރުނު އަމުރުގައި ބަޔާންކޮށްފައި ވަނީ ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަށް ހެކި ހުރި ކަމަށެވެ.
އޭގެ ފަހުން ފަޒްލޫން ދޫކޮށްލި އަމުރު ނެރެފައި ވަނީ ކުރިން ނެރުނު އަމުރަށްވުރެ ހެކީގެ ދަރަޖަ ކުޑަކުރުމަށްފަހު އެވެ. އޭގައި ވަނީ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުރި ކަމަށެވެ. އެގޮތަށް ހެކީގެ ނިސްބަތުގައި ފަރަގެއް ވާނަމަ އެ ފަރަގު އަންނަން މެދުވެރިވި ސަބަބު ފަނޑިޔާރު ސާފުކޮށްދޭން ވާނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.
ދައުލަތުން ފަޒްލޫން ބަންދުގައި ބަހައްޓަން އެދޭ ސަބަބުތަކުގެ ތެރޭގައި ވަނީ އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ދިމާވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމުގެ އިހުތިމާލު އޮތުމެވެ. ކްރިމިނަލް ކޯޓުން ފަޒްލޫން ދޫކޮށްލިއިރު އެ ސަބަބުތައް ވެސް ވަޒަންކޮށްފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އެގޮތުން އޭނާ އާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުގެ އަލީގައި އޭނާގެ ފަރާތުން އަނިޔާވެރިކަން ފެންނަނީ ކިހާ މިންވަރަކަށްތޯ ވަޒަން ކުރަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި ވަނީ، މިއަދުން ފެށިގެން ހަތް ދުވަސް ތެރޭގައި އޭނާ އަލުން ބަންދު ކުރުމަށް ދައުލަތުން އެދޭނަމަ އެ ހުކުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށެވެ.