ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަގަޅު ސިއްހީ ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތްތަނުގައި ފެންނަމުން ދާނެ ކަމަށެވެ.
ހުޅުމާލޭގައި ދިރިއުޅެމުންދާ އާބާދީއާ އެކަށީގެންވާ ފެންވަރެއްގައި ހުޅުމާލެ ހޮސްޕިޓަލްގެ ފެންވަރު ރަގަޅު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި، ހުޅުމާލެ ހޮސްޕިޓަލްގައި ސްޕެޝަލިސްޓުންނަށް ދައްކަން ވަރަށް ބޮޑު ކިޔޫއެއް އޮންނާނީ އެކަމަށް ހައްލެއް ގެނެވޭތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
ރައީސް ވިދާޅުވީ މާލޭ ސަރަހައްދުގެ ސިއްހީ ނިޒާމް ވަރުގަދަ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން، ދަރުމަވަންތަ ހޮސްޕިޓަލް އޮޕަރޭޝަނަށް ގެނައުމަށް ބާރު ސްޕީޑުގައި މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި، އައިޖީއެމްއެޗް އަދި ހުޅުމާލެ އާއި ވިލިމާލޭގެ ހޮސްޕިޓަލް ވެސް އޭގެ ތެރޭގައި ހިމެނޭކަން ފާހަގަކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ ހުޅުމާލެ ހޮސްޕިޓަލްގަ ދެންމެ ތި ވިދާޅުވި ކަންކަން ހައްލު ވެގެން ދާނެ. ހުޅުމާލޭގަ ލައްކައެއްހާ މީހުން، ފޭސް ވަން، ފޭސް ޓޫ އެއްކޮށް ދިރިއުޅެމުން ދާނެ ކަމަށް ގަބޫލު ކުރެވެނީ. އެހެންވީމަ އެހާ ގިނަ މީހުންނަށް ހިދުމަތް ދޭއިރު ހުޅުމާލެ ހޮސްޕިޓަލުގެ ފެންވަރު ވަރަށް ބޮޑު ތަނުން މަތި ކުރަން ޖެހޭ. އަދި އިތުރު ހޮސްޕިޓަލެއް ވެސް އަޅަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަގަޅު ސިއްހީ ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތްތަނުގައި ފެންނަމުން ދާނެ ކަމަށެވެ.
އައިޖީއެމްއެޗަކީ ވެސް ސްޕްޝަލިސްޓު ޑޮކްޓަރުންނަށް ދައްކަން ބޮޑު ކިޔޫއެއް އޮންނަ ތަނެކެވެ. ބައެއް ފަހަރު ހަތަރު ފަސް މަސް ވެސް ޑޮކްޓަރަށް ދައްކަން ނަގަ އެވެ. މިކަމަށް ހައްލު ގެނައުމަކީ މި ސަރުކާރުގެ ވައުދެކެވެ.