ދިއްދޫގައި އެއާޕޯޓަކާއެކު ފެންވަރު ރަގަޅު ހޮސްޕިޓަލެއް އަޅައިދޭނަން: ރައީސް

"ހަމައެކަނި ރައްޔިތުން ހިތްހަމަ ޖައްސާލާކަށް ނޫން އަޅުގަނޑު ވައުދުވަނީ. ކޮންމެހެން ބޭނުންވާތީ މިރަށުގަ ވެސް އެއާޕޯޓް އަޅަން ނިންމީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ --

ހއ. ދިއްދޫގައި އެއާޕޯޓް އަޅައިދެއްވާނެ ކަމަށް ވެވަޑައިގަތް ވައުދާއެކު ފެންވަރު ރަގަޅު ހޮސްޕިޓަލެއް އަޅައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ދިއްދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވަނީ އެރަށުގައި އެއާޕޯޓް އަޅުއްވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ނަމަވެސް އެ މަޝްރޫއު ފައްޓަވާދެއްވާނެ ވަގުތެއް ވިދާޅެއް ނުވެ އެވެ.

ރަށްރަށުގައި އެއާޕޯޓް އަޅަން ޕްލޭން ކުރާތީ ބައެއް އިދިކޮޅު ސިޔާސީ މީހުން ފާޑުކިޔާތީ އެކަމަށް ވެސް ރައީސް ރައްދެއް ދެއްވި އެވެ. ވިދާޅުވީ، ޖިއޮގްރަފިކަލް ޑިސްޓްރިބިއުޝަން އޮތް ގޮތުން، ރާއްޖެ ތަރައްގީ ކުރާއިރު އެއާޕޯޓްތައް ރައްޔިތުން ބޭނުންވާ ކަމަށެވެ.

"ހަމައެކަނި ރައްޔިތުން ހިތްހަމަ ޖައްސާލާކަށް ނޫން އަޅުގަނޑު ވައުދުވަނީ. ކޮންމެހެން ބޭނުންވާތީ މިރަށުގަ ވެސް އެއާޕޯޓް އަޅަން ނިންމީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެރަށުގެ ރައްޔިތުން ބޭނުންވާ ފެންވަރުގެ، މުޅި ހއ. އަތޮޅަށް ފައިދާވާނެ ފެންވަރުގެ ހޮސްޕިޓަލެއް ވެސް އަޅުއްވައިދެއްވާނެ ކަމަށެވެ. އެ ހޮސްޕިޓަލުން ގިނަ ހިދުމަތްތަކެއް ވެސް ލިބިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެރަށުގައި މިވަގުތު އެންމެ އެމްބިއުލާންސެއް އޮތް ނަމަވެސް، ހޮސްޕިޓަލް އެޅުމުގެ ކުރިން އިތުރު އެމްބިއުލާންސެއް ވެސް ގެނެސްދެއްވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ އިސްވެރިން މިއަދު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ --

އެއާޕޯޓްގެ މަޝްރޫއާއެކު ބިން ވެސް ހިއްކައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެރަށުގައި ވެސް ބީހިޔާވަހިކަމުގެ ދަތިކަން އޮތްއިރު، އެކަމަށް ވެސް ރަގަޅު ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެންމެ އަވަހަށް އަޅާ ހައުސިން މަޝްރޫއުތަކުގެ ތެެރެއިން އެންމެ އިސްކަމެއް ދޭ ރަށްތަކުގެ ތެރޭގައި ދިއްދޫ ހިމެނޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިއަހަރުގެ ބަޖެޓް އޮތް ގޮތުން، މިހެން ހުރި މަޝްރޫއުތައް ފަށާނެ ފައިސާ ނެތް ކަމަށެވެ. ނަމަވެސް، ބޭރުގެ ފަންޑިން ހޯދައިގެން ވެސް މިކަންކަން ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތައް ނިންމާނެ ފައިސާ ވެސް ބަޖެޓްކޮށްފައި ނެތްކަން ރައީސް ފާހަގަކުރެއްވި އެވެ.

ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ނިމިދިޔަ ސަރުކާރުގެ ވެސް ވައުދެކެވެ. ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ދިއްދޫ އެއާޕޯޓް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް މުއިއްޒު ވެސް ކެމްޕޭނުގައި އެރަށަށް ވަނީ އެއާޕޯޓްގެ ވައުދުވެވަޑައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.