ފްލެޓް ނުލިބޭ ކަމަށް އޭސީސީން ކަނޑައެޅި ލިސްޓު އާންމުކުރާނަން: ރައީސް

ރައީސް ވިދާޅުވީ ޕޯޓަލްއަށް އެކްސެސް ލިބުމާއެކު އެ މައުލޫމާތުތައް ޗެކު ކުރަން މިނިވަން ކޮމެޓީއެއް ނަގައިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ "އަހާ" ފޯރަމްގައި ވާހަކަދައްކަވަނީ --

ކުރީ ސަރުކާރުން އިމާރާތް ކުރަން ފެށި 4000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގައި، ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި މީހުންގެ މައުލޫމާތު ވެސް އާންމު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސިލްސިލާކޮށް ބާއްވާ "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އޭސީސީން އަދިވެސް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ހައުސިން މިނިސްޓްރީއަށް ނުދޭ ކަމަށެވެ. ނަމަވެސް، ޕޯޓަލްގެ އެކްސެސް މި ހަފްތާ ދޭނެ ކަމަށް އޭސީސީން އޮތީ ބުނެފަ އެވެ.

އާންމުގެ ޝަކުވާއަކަށް ވެފައި އޮތީ، ކުރީ ސަރުކާރުން ފްލެޓް ލިބުނު ކަމަށް ކަނޑައެޅި މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީ އިން ނިންމުމެވެ. ސުވާލުކުރި މީހާ ވެސް ފާހަގަކުރީ އެކަމެވެ. ރައީސް ވިދާޅުވީ ޕޯޓަލްއަށް އެކްސެސް ލިބުމާއެކު އެ މައުލޫމާތުތައް ޗެކު ކުރަން މިނިވަން ކޮމެޓީއެއް ނަގައިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތު ގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. 

"އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މިސާލަކަށް މިފަހަރު އެ ފްލެޓް ނުލިބޭ ކަމަށް ކަނޑައެޅި މީހުންގެ ވޯސްޓް ކޭސްގަ، މާނައަކީ އަޅުގަނޑުމެން ކޮމެޓީން ބަލައިގެން ވެސް ހަމަ ހަގީގަތުގަ ވެސް ނުލިބޭ މީހެއް ގޮތަށް ކަނޑައެޅުނިއްޔޯ، އެހިސާބަށް ދިޔަސް އެމީހާގެ ހައްގު އެއްކޮށް ގެއްލޭ ގޮތް ވިޔަކަ ނުދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވެސް ކުރިއަށް އޮތް ތަނުގައި ބައިވަރު ހައުސިން މަޝްރޫއުތައް ހިންގާނެ ކަމަށެވެ. އެއްވެސް ރައްޔިތަކު ބޯހިޔާވަހިކަމުން މަހުރޫމް ވެގެން ނުދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި 21،000 މީހުން ފްލެޓަށް ކުރިމަތިލި އެވެ. އޭގެ ތެރެއިން 12،000 މީހުންނަށް ފްލެޓް ލިބޭ ކަމަށް ކަނޑައެޅުމަށްފަހު، އޭގެ ތެރެއިން ފުރަތަމަ ފްލެޓް ދޭން ނިންމީ 4000 މީހުންނަށެވެ. ސަރުކާރު ނިމުންއިރު އެމީހުންނަށް އޮތީ ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް ދީފަ އެވެ. އެ މަރުހަލާ ހިނގީ ވެރިކަމުގެ އެންމެ ފަހު ދެ ދުވަހު އެވެ.

ނަމަވެސް، ފްލެޓް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ ބަޔަކު އޭސީސީއަށް މައްސަލަ ހުށަހެޅުމުން، ފްލެޓް ދިނުން ހުއްޓުވައި، ޕޯޓަލްގެ އެކްސެސް ވެސް މިހާރު އޮތީ އޭސީސީގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ބުނެފައި ވަނީ ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި 59.6 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.