ސަރުކާރު ކޯލިޝަން ގައި އޮތް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސްގެ މަގާމު ގައި ވެސް ހުންނެވި ހުސައިން އިސްމާއީލް ކުއްލި ގޮތަަކަށް މަގާމުން ވަކި ކުރެއްވި ސަބަބެއް ސަރުކާރުން ވެސް ނުބުނެ އެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު، ހުސައިން އިސްމާއީލް އެ މަގާމުން ވަކި ކުރައްވައިފި އެވެ.
މަގާމުން ވަކި ކުރައްވާފައިވާކަން ހުސައިން ވެސް ވަނީ ކަށަވަރު ކޮށް ދެއްވާފައެވެ. ނަމަވެސް މަގާމުން ވަކި ކުރެއްވި ވަކި ސަބަބެއް ވިދާޅެއް ނުވެ އެވެ. ހަމަ އެކަނި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން މަގާމުން ވަކި ކުރެއްވީ ކަމަށެވެ.
ސަރުކާރު ކޯލިޝަން ގައި އޮތް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސްގެ މަގާމު ގައި ވެސް ހުންނެވި ހުސައިން އިސްމާއީލް ކުއްލި ގޮތަަކަށް މަގާމުން ވަކި ކުރެއްވި ސަބަބެއް ސަރުކާރުން ވެސް ނުބުނެ އެވެ.
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މިނިސްޓަރު، ޑރ. އައިޝަތު ރަމީލާ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްްދެވުމަށް ބޭރުގައި ހޭދަ ކުރެއްވި މުއްދަތު ގައި އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ ގިނަ ހަރަކާތްތަކުގައި އިސްކޮށް ހުންނެވީ ހުސައިންނެވެ.
ހުސައިން މަގާމުން ވަކިކުރެއްވިއިރު އެ މިނިސްޓްރީ ގައި އިތުރު ދެ ބޭފުޅަކު ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އެބަ ތިއްބެވި އެވެ. އެއީ ކުރީގެ ކެބިނެޓް ސެކްރެޓަރީ އަހްމަދު ހަސަން ދީދީ އާއި މަރިޔަމް ވިޝާމާ އަހްމަދު އެވެ.
މީގެ ކުރީން ވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ މަގާމުތަކުން ވަކި ކުރައްވާފައެވެ. ބައެއް ބޭފުޅުން މަގާމުތަކަށް އައްޔަނު ކުރެއްވިތާ ދެ ތީން ދުވަހުގެ ތެރޭގައި ވެސް ވަކި ކުރައްވާފައިވެ އެވެ. އިދާރީ އޮޅުންތަކެއްގެ ތެރެއިން ވެސް ބައެއް ބޭފުޅުން މަގާމުތަކަށް އައްޔަނު ކުރެވިފައިވާތީ މަގާމުތަކުން ވަކި ކުރަން ޖެހުނެވެ.
އެފަދަ ކަންކަމާއި ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވި އެވެ.
މި ސަރުކާރުގައި މިނިސްޓަރުންނާއި މިނިސްޓަރުން ފެންވަރުގެ ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރުންނާއި ނާއިބުންނާއި އެ ފެންވަރުގެ ބޭފުޅުންގެ އަދަދު ކުރީ ހުރިހާ ސަރުކާރުތަކަށް ވުރެ ވެސް ބޮޑު ތަނުން އިތުުރު ކަމުން ވެސް ފާޑު ކިޔުން އަމާޒުވެފައި ވެ އެވެ. ސަރުކާރުން މިހާރު ވަނީ މި ފެންވަރުގެ މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރުން ހުއްޓާލާފައެވެ. ނަމަވެސް އޭރު ވަނީ މަތީ ފެންވަރުތަކުގެ މަގާމުތަކުގެ އަދަދު 300 އާ ހަމައަށް އަރާފައެވެ.
އިސް މަގާމުތަކުގެ އަދަދު ގިނަ ނަމަވެސް ކުރީ ސަރުކާރުތަކަށް ވުރެ ސިޔާސީ މަގާމުތަކުގެ އަދަދު މި ސަރުކާރު ގައި އަދި މަދެވެ. ރައީސް މުއިއްޒު ވަނީ ސިޔާސީ މަގާމުތަކުގެ ނަންބަރު 700 އިން މައްޗަށް ނުގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.