ރައީސް ވިދާޅުވީ ކުރީ ސަރުކާރުން، ވޭތުވެ ދިޔަ 40 އަހަރު ޗާޕު ނުކުރާ ވަރަށް ފައިސާ ޗާޕުކޮށް އަދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ހުރި ޑޮލަރުކޮޅު ވެސް މާރުކޮށްފައިވާ ކަމަށެވެ.
މި ސަރުކާރު އައިއިރު އެކި ކުންފުނިތަކާއި މިނިސްޓްރީތަކުން އެކި މަސައްކަތްތައް ކުރުވުމަށްފަހު ނުދައްކާ ނުވަ ބިލިއަން ރުފިޔާގެ ބިލު ހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރު ނިމުނުއިރު ރާއްޖެ އޮތީ 120 ބިލިއަން ރުފިޔާއިން ބޭރުގެ ފަރާތްތަކަށް ދަރަނިވެރި ކުރުވާފައި ކަމަށެވެ.
އޭގެ އިތުރަށް، ސަރުކާރުގެ އެކި ކުންފުނިތަކާއި މިނިސްޓްރީތަކުން ދިވެހި ވިޔަފާރިތައް ލައްވާ އެކިއެކި މަސައްކަތް ކުރުވުމަށްފަހު ނުދައްކާ ނުވަ ބިލިއަން ރުފިޔާ އޮތް ކަމަށެވެ. އޭގެ ތެރޭގައި މިސްކިތްތައް އެޅުމާއި މަރާމާތުގެ މަސައްކަތްތައް ފަދަ ކަންކަން ހިމެނޭކަން ރައީސް ފާހަގަކުރެއްވި އެވެ.
"މަސްވެރިންގެ ވާހަކައެއް ނޫން، މިއަދު ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަ މި ދައްކާ ގޮތުން މި ހީވަނީ އަޅުގަނޑުމެން އައި ފަހުން ތަންތަނަށް ދައްކަން ޖެހޭ، ރައްޔިތުންނަށް ދަރާފަ ހުރި ފައިސާތަކެއްގެ ވާހަކަ ކަމަށް މިދައްކަނީ. އެހެންނެއް ނޫން ކަން އޮތީކީއެއް. މިދެންނެވި ފައިސާ ނުދައްކާ އޮތީމަ ރާއްޖޭގެ އިގްތިސޯދު އެހާ ބޮޑަށް އަނދަވަޅަކަށް ވެއްޓިފަ އޮތީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން، ވޭތުވެ ދިޔަ 40 އަހަރު ޗާޕު ނުކުރާ ވަރަށް ފައިސާ ޗާޕުކޮށް އަދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ހުރި ޑޮލަރުކޮޅު ވެސް މާރުކޮށްފައިވާ ކަމަށެވެ. އެ އަނދަވަޅުން އަރައިގަތުމަށް އެޅުނު މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ފައިސާ ޗާޕުކުރުން ހުއްޓާލުން ހިމެނޭކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"މިވީ ތިން މަސް ދުވަސް. މި ތިން މަސް ދުވަސް ތެރޭ އަޅުގަނޑުމެން ފައިސާ ޗާޕު ކުރުން ހުއްޓާލައި، އެތައް 100 މިލިއަން ރުފިޔާ އެއީ، މިދެންނެވި 9 ބިލިއަން ރުފިޔާގެ ތެރެއިން އެކިއެކި ކުންފުނިތަކާ، އާންމު ފަރުދުންނަށް ދައްކައިފިން. އާންމު ފަރުދުންގެ ކުންފުނިތަކަށް ދައްކައިފިން،" ރައީސް ވިދާޅުވި އެވެ.
ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެލީގައި ފަށައިގަނެވޭނީ އިގްތިސޯދީ ހާލަތު ރަގަޅު ވެގެން ކަމަށާއި، ސަރުކާރުގެ މިސްރާބު ރަގަޅު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރު އައިއިރު އެންމެ ހާލުގައި އޮތީ ފެނަކަ ކުންފުންޏެވެ. އެކުންފުނި އޮތީ 3.2 ބިލިއަން ރުފިޔާއިން އެކި ފަރާތްތަކަށް ދަރަނިވެރިވެފަ އެވެ.