ހުޅުމީދޫހިތަދޫ ބްރިޖު | މިސްރު ކުންފުނިން މިއަހަރު ފަށާނެ

ހުޅުމީދުހިތަދޫ ބްރިޖުގެ ދިގުމިނުގައި 14 ކިލޯމީޓަރު ހުންނާނެ އެވެ. މި މަސައްކަތް މި އަހަރު މިސްރުގެ އަރަބް ކޮންޓްރެކްޓާސް އިން ފަށާނެ އެވެ.

އައްޑޫ ބްރިޖް ސާވޭ ހަދަން ހަވާލު ކުރުމުގެ ޖަލްސާގައި އިންފްރާ މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ

އައްޑު އަތޮޅު ހުޅުމީދޫ-ހިތަދޫ ބްރިޖުން ގުޅާލުމުގެ މަސައްކަތް މިސްރުގެ އަރަބް ކޮންޓްރެކްޓާސް ކުންފުނިން މި އަހަރު ފަށާނެ ކަމަށް ސަރުކާރުން ބުނެފި އެވެ

ގާތްގަނޑަށް 14 ކިލޯމީޓަރުގެ ދިގު އައްޑޫ ބްރިޖްގެ ޕްރިލިމިނަރީ ޑިޒައިންނާއި ސާވޭގެ މަސައްކަތް ހަވާލު ކުރީ މިސްރު ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް" އާއެވެ. އެއްބަސްވުމުގައި މިއަދު ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވި އިންފްރާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އެންޑް އަހުމަދު އޮސްމާން އެންޑް ކޯގެ ފަރާތުން ސޮއި ކުރެއްވީ އިންޖިނިއާ ހެބާ އަހުމަދު ލައިލާ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އަރަބް ކޮންޓްރެކްޓާސްއާއެކު އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ، މުއްތޮލިބު ވިދާޅުވީ މިއީ ހަމައެކަނި ފީޒިބިލިޓީ ހެދުމާއި ޑިޒައިން ހެދުމަށް ސޮއިކުރި އެއްބަސްވުމެއް އެކަނި ނޫން ކަމަށާ މި އެމްއޯޔޫއާއެކު މަސައްކަތް ފެށުމުގެ އަމަލީ މަސައްކަތް ވެސް ފެނިގެންދާނެ ކަމަށެވެ.

"މި [އައްޑޫ ބްރިޖު] މަސައްކަތް އިއުލާނުކޮށްލުމާއެކު ޗައިނާގެ ވަރަށް ގިނަ ކުންފުނިތަކުން ވެސް ޝައުގުވެރިކަން ފާޅުކުރި. އެކަމަކު އަރަބް ކޮންޓްރެކްޓާސްއިން މިކަމަށް ޝައުގުވެރިކަން ފާޅުކޮށް، ގާތުން މަސައްކަތްކޮށް އެމްއޯޔޫގައި ސޮއި ކުރެވިގެން މިދަނީ. މިއީ ހަމައެކަނި ދިރާސާތައް ކޮށްފަ ޑިޒައިންތައް ހެދުމެއް ނޫން. އަރަބް ކޮންޓްރެކްޓާސް އިން ބޭނުންވަނީ މި މަސައްކަތް ނިންމައި މި މަސައްކަތް އައްޑޫ ރައްޔިތުންނަށް ކޮށްދޭ ފަރާތަކީ އަރަބް ކޮންރެކްޓާސް ކަމުގައިވުން. އެހެންވީމަ މި އެމްއޯޔޫއާއެކު ހަރަދުތައް އެނގި ކަށަވަރުވުމާއެކު އެއަށް ބޭނުންވާ ހަރަދުތައް އެނގުމާއެކު އީޕީސީ [އިންޖިއަރިން ޕްރޮކިއުމަންޓް އެންޑް ކޮންސްޓަރަކްޝަން ކޮންޓްރެކްޓާސް] އަކަށް ދެވޭނެ. އެހެންވެ އެކަންކުރުމަށް މި މަސައްކަތް ކުރަން މި ސޮއިކުރީ،" މުއްތޮލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގާތްގަނޑަކަށް 14 ކިލޯމީޓަރުގެ މި ބްރިޖުގެ މަސައްކަތްތުގެ އީޕީސީ ކޮންޓްރެކްޓަރަށް ދާން ކުރަން ޖެހޭ ދިރާސާތަށް ތިން މަސް ތެރޭ ދެވޭނެ ކަމަށާ ފައިނޭންސް ހޯދައި މި އަހަރުތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. 

"ފީޒިބިލީޓީ ސްޑަޓީގެ މަސައްކަތް ދާނީ އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތަށް. ހުޅުމީދޫން ގުޅޭނީ ކޮންތަނަކުން ތޯ ހުޅުމީދޫ ކޮޅުން ކުޅޭނީ ކޮން ތަނަކަށް ތޯ ބްރިޖު އެޅިގެންދާއިރުގަ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ މި ހުރިހާ ކަމެއް ރައްޔިތުންނާ މަޝްވަރާ ކުރެވިގެންދާނެ،" މުއްތޮލިބު ވިދާޅުވި އެވެ. 

މިނިސްޓަރުގެ ވާހަކަފުޅު ކުރުކޮށް

  •  އައްޑޫ ބްރިޖަށް ޗައިނާ ކުންފުނިތައް ވެސް ޝައުގުވެރިވި
  •  އަރަބް ކޮންޓްރެކްޓާސްއިން ހުށަހެޅުން ބޮޑުތަނުން ރަނގަޅު، ޝައުގުވެރި
  •  ތިން މަސްތެރޭ އެއްބަސްވުމަކަށް ދެވޭ ވަރުވާނެ
  •  އެމްއޯޔޫއާއެކު އަގާއި ބްރިޖު އަޅާނެ ގޮތް އެނގޭނެ
  •  ފައިސާ ހޯދާނީ އަބަރް ކޮންޓްރެކްޓާސް އިން
  •  އަމަލީ މަސައްކަތް މި އަހަރު ފެށިގެންދާނެ
  •  ބްރިޖު ގިނަވެގެން ހަތަރު އަހަރުން ނިމޭނެ

ރާއްޖޭގައި އަޅާ އެންމެ ދިގު ބްރިޖު

މި ބްރިޖު ވެގެންދާނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް އަޅާނެ އެންމެ ދިގު ބްރިޖަށެވެ. މި ބްރިޖުގެ ދިގުމިނުގައި 14 ކިލޯމީޓަރު ހުންނާނެ އެވެ. ސަރުކާރުން ވަނީ މި ބްރިޖުގެ މަސައްކަތް ގާތްގަނޑަކަށް ތިން އަހަރާއި ހަތަރު އަހަރުތެރޭގައި ނިމޭނެ ކަމަށް ބުނެފަ އެވެ. މިހާތަނަށް ރާއްޖޭގައި އެޅި ސިނަމާލެ ބްރިޖުގެ ދިގުމިނަކީ ދެ ކިލޯ މީޓަރެވެ. އަދި މިހާރު އިންޑިއާގެ އެފްކޮންސް ކުންފުނިން އަޅާ ތިލަމާލެ ބްރިޖުގެ ދިގުމިނަކީ ތިލަފުއްޓާ ހަމައަށް ހަ ކިލޯމީޓަރެވެ. 

އަރަބް ކޮންޓްރެކްޓާސް - އަރަބް ކޮންޓްރެކްޓާސް ކުންފުންޏަކީ 1955 ވަނަ އަހަރު އުފަންވި ކުންފުންޏެކެވެ. މިއީ މިސްކު ސަރުކާރުގެ ހިއްސާވާ ކުންފުންޏެވެ. އެ ކުންފުނިން މެދުއިރުމައްޗާއި ޔޫރަޕު އަދި އޭޝިއާގައި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދެ އެވެ. ޔޫރަޕުގެ ކޮސޯވޯ އާއި ބޮސްނިޔާ އަދި ޕޯލެންޑުގައި ވެސް މަޝްރޫއުތައް ހިންގަ އެވެ. ގިނަ އަދަދެއްގެ ބްރިޖުގެ މަސައްކަތް ކުރަމުން ގެންދާ ކުންފުންޏެކެވެ. އެފްރިކާ ބައްރުގައި ބްރިޖެ އެޅުމުގެ މަސައްކަތްތަކުގައި އެންމެ ގާބިލް އެއް ކުންފުންޏެވެ. ދުނިޔޭގެ ރިކޯޑްފޮތުން ޖާގަ ހޯދާފައިވާ "ތަހްޔާ އަލް މިސްރް" ބްރިޖަކީ ވެސް ދަ އަރަބް ކޮންޓްރެކްޓާސް އިން އެޅި ބްރިޖެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.