ރޮޒައިނާ ވިދާޅުވީ ކުރިއަށް އޮތީ ރޯދަ މަހަށް ވެފައި، ރާއްޖޭގެ އެތަކެއް އާއިލާތަކުގެ ކަންކަން ބިނާވެފައި ވަނީ މަސްވެރިންނަށް ލިބޭ އާމްދަނީގެ މައްޗަށް ކަމަށާއި، އެމީހުންނަށް ލިބެން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ކަމަށެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ. މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.
މަޖިލީހަށް މިއަދު ގަރާރު ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވީ، މަސްވެރިންގެ އަގު ވަޒަންކޮށް، އެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ރަގަޅު އާމްދަނީއާއި ނަގާ ހޯދުމަށް ސަރުކާރުން އެހީތެރިވެދިނުމަށް މަސްވެރިންނާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސްކިރާ ވަގުތުން ފެށިގެން 48 ގަޑިއިރުތެރޭ ކިރާ މަހަށްވާ ފައިސާ ދޭނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް އަމަލު ކުރަމުން ނުދާކަން ފާހަގަކުރެއްވި އެވެ.
"މަސްވެރިން ކުރާ މަސައްކަތުގެ އަގު މަސްވެރިންނަށް ލިބުމަކީ މަސްވެރިންގެ ހައްގަކަށްވާތީ އާއި، ގައުމުގެ އިންތިސޯދާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ މިފަދަ މުހިންމު ކަމެއްގައި ސަރުކާރުން ވެފައިވާ ވައުދުތަކާއި، މަސްވެރިންނަށް ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް،" ގަރާރު އިއްވަމުން ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ މަސްވެރިންނަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާތައް ކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެމީހުންގެ ދިރިއުޅުމުގެ ކަންކަން ދަތިވެފައިވާ ކަމަށެވެ. މިފްކޯއަށް ކިރާ މަހަށްވާ ފައިސާ މަސްވެރިންނަށް ނުދެވި މިހާ ގިނަ ދުވަހަށް މީގެ ކުރީގައި ލަސްވެފައިވާ ނުވާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ ކުރިއަށް އޮތީ ރޯދަ މަހަށް ވެފައި، ރާއްޖޭގެ އެތަކެއް އާއިލާތަކުގެ ކަންކަން ބިނާވެފައި ވަނީ މަސްވެރިންނަށް ލިބޭ އާމްދަނީގެ މައްޗަށް ކަމަށާއި، އެމީހުންނަށް ލިބެން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އާއިލާތައް ހާލުގައި ޖެހިފައިވާ ކަމަށެވެ.
އެހެންކަމުން މި ކަމާ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން އެ ގަރާރުގައި ސަރުކާރަށް ގޮވާލައްވާފައިވެ އެވެ. މަޖިލީހުގައި މިހާރު ވަނީ ގަރާރުގެ ބަހުސް ފަށައިފަ އެވެ.
ސަރުކާރުން ބުނާ ގޮތުން މިހާތަނަށް 422 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރެވިއްޖެ އެވެ. އަދިވެސް ނުދެވި 280 މިލިއަން ރުފިޔާ އޮތްއިރު، އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން އެއްކޮށް ބެކްލޮގް ސާފުކޮށްލާނެ ކަމަށް ބުނެފައިވެ އެވެ.