ރައީސްގެ ޔަގީންކަން: އައްޑޫ ބްރިޖްގެ މަސައްކަތް މިއަހަރު ފަށާނެ

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ވީހާވެސް ކުރިން ތަރައްގީގެ މަސައްކަތްތައް ފަށަން. ދައުރުގެ ފަހުކޮޅަށް ތަރައްގީގެ މަޝްރޫއުތަކެއް ނުބަހައްޓާނަން،" ރައީސް އައްޑޫ ރައްޔިތުންނަށް ޔަގީންކަން ދެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ --

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ގުޅާލުމުގެ ގޮތުން އަޅަން ނިންމާފައިވާ ބްރިޖްގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މަރަދޫ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ އައްޑޫ ސިޓީގައި އަޅަން ނިންމާފައިވާ ބްރިޖްގެ މަސައްކަތާއެކު އެ ސިޓީގެ ރައްޔިތުންނަށް އިގްތިސޯދީ ބޮޑެތި ކުރިއެރުންތައް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ އައްޑޫގައި ހިންގަން ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއަކީ އެއީ ކަމަށާއި، ބްރިޖް އެޅުމަށް ބޭނުންވާ ޑިޒައިން ފީޒިބިލިޓީގެ މަސައްކަތް ބަޔަކާ ހަވާލުކޮށް ހިންގާނީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކަމަށެވެ. އަދި އަސްލު ބްރިޖްގެ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

އައްޑޫ ސިޓީއަށް ބޭނުންޖެހިފައިވާ މުހިންމު މަޝްރޫއުތައް މިއަހަރު ތެރޭ ކުރިއަށް ގެންގޮސްދެއްވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އަނދަވަޅަކަށް ވެއްޓިފައި އޮތް މި ދަނޑިވަޅުގައި އެ ކަންކަން މުޅި އަހަރަށް ބަހާލަން ޖެހޭ ކަމަށެވެ. ސަރުކާރު އައިއިރު ކުރީ ސަރުކާރުން 120 ބިލިއަން ރުފިޔާގެ ދަރަނި ވާރުތަވެފައި އޮތްއިރު، ރައްޔިތުންގެ ލާބައަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ލޯނު ނަގައިގެން މަޝްރޫއުތައް ހިންގާނީ ރައްޔިތުންނަށް އޭގެއިން ފައިދާ ވާނެހެން ކަމަށެވެ. މިސާލަކަށް ދެއްކީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް މަޝްރޫއެވެ. އެގޮތުން އެ މަޝްރޫއު ހިންގީ ލޯނު ނަގައިގެން ވިޔަސް، ބޭނުންވާ ސާމާނު ގެނައުމާއި ލޮޖިސްޓިކް މަސައްކަތާއި އަދި މުވައްޒަފުންނަށް ބޭނުންވާ ކާބޯތަކެތި ހޯދުން ފަދަ މަސައްކަތްތައް ކުރީ ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން ކަމަށް ވިދާޅުވި އެވެ. އެ މަޝްރޫއުގެ ސަބަބުން ދިވެހި ކުންފުނިތައް މުއްދަނދިވެގެން ދިޔަ ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ: އައްޑޫ ބްރިޖްގެ މަސައްކަތް މިއަހަރު ފައްޓަވާދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި --

"އިރާދަކުރެއްވިއްޔާ މި ދަތުރުގަ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ސިޓީގެ ތަރައްގީއަށްޓަކާ ކުރިއަށް ގެންދަން އަޅުގަނޑު ވައުދުވެފައިވާ އެންމެ ބޮޑު މަޝްރޫއުގެ ޑިޒައިން ފީޒިބިލިޓީގެ މަސައްކަތް، އެ މަސައްކަތް ވެސް އިރާދަ ކުރެއްވިއްޔާ އޭގެ ޑިޒައިންގެ މަސައްކަތް، އެއީ ޗައިނާގެ ހިލޭ އެހީން، ބްރިޖްގެ އަސްލު މަސައްކަތް މިއަހަރު ފެށިގެންދާއިރު މިދެންނެވި ބީދައިން ކުރިއަށްދާނީ،" އެކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ދެއްވި ޔަގީންކަމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް މިއަހަރު ބަޖެޓް ކުރެވިފައިވާ މަޝްރޫއުތައް ފައްޓަވައިދެއްވާނެ ކަމެވެ. އަދި، ބްރިޖްގެ މަސައްކަތާއެކީ އެ ސިޓީގެ އެއާޕޯޓްގެ މަސައްކަތާއި ސީޕްލޭން ހަބްގެ މަސައްކަތް ވެސް ކުރިއަށް އޮތްކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ވީހާވެސް ކުރިން ތަރައްގީގެ މަސައްކަތްތައް ފަށަން. ދައުރުގެ ފަހުކޮޅަށް ތަރައްގީގެ މަޝްރޫއުތަކެއް ނުބަހައްޓާނަން،" ރައީސް އައްޑޫ ރައްޔިތުންނަށް ޔަގީންކަން ދެއްވި އެވެ.

އައްޑޫ ބްރިޖް - ރައީސް އަބްދުﷲ ޔާމީންގެ 2018ގެ މެނިފެސްޓޯގައި މީދޫ އާއި ހިތަދޫއާ ދެމެދު ބްރިޖް އެޅުމަށް ނިންމާ އެކަން ހިމަނާފައި އޮތެވެ. 2013 ވަނަ އަހަރުން ފެށިގެން އެ ސިޓީގެ ރައްޔިތުން ދަނީ އެކަމަށް އުންމީދު ކުރަމުންނެވެ. ރައީސް ޔާމީނަށް އިންތިހާބަށް ކުރިމަތި ލެއްވޭ ގޮތް ނުވުމުން ރައީސް މުއިއްޒު ކެންޑިޑޭޓަކަށް ވެވަޑައިގެން ވެސް އެ ވައުދު ވަނީ ތަކުރާރު ކުރައްވާފައެވެ. ކެމްޕެއިނަށް އައްޑޫއަށް ވަޑައިގެންނެވި ދެ ފަހަރު ވެސް ކެމްޕެއިން ޖަލްސާއަށް އެ ސިޓީގައި ތަން އިންތިޒާމު ކުރީ މީދޫ-ހިތަދޫ ބްރިޖު ސިފަކުރެވޭނެ ގޮތަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.