ރާއްޖެއަށް މިވަގުތު ފަސޭހައެއް ނޫނެވެ. އެކަމަކު އައިއެފްއެފުގެ ބަނގުރޫޓު ޕެކޭޖު ނަގާ ހާލަތެއް ނެތެވެ. ޓޫރިޒަމް ރަނގަޅެވެ. ދަރަނި ހުރީ މެނޭޖު ކުރެވޭ ހާލަތުގަ އެވެ. އައިއެމްއެފުންވެސް އެކަން ފާހަގަ ކޮށްފައިވެ އެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ވަފުދުތައް މިދިޔަ ފަސް އަހަރު ރާއްޖެ އައިސް ދެއްކީ އެއް ވާހަކައެކެވެ؛ އެ މީހުން ބުނީ ރާއްޖޭގެ ސަބްސިޑީ ސިސްޓަމް އޮތީ ބޮއްސުންލާފަ އެވެ. ސަރުކާރު ޕްރޮޖެކްޓްތަކުގެ ބޭކާރު ހަރަދު ކަނޑާލައި އެކަންކަން އިސްލާހު ކުރަން ޖެހެއޭ ބުނަމުން ދިޔައެވެ. ސަރުކާރުން ޕްރޮޖެކްޓް ހިންގާ ގޮތުން ހިޔާނާތަށް ވާގޮތަށް ނުކިއްސަރަށް ބައިވަރު ކަންކަން ހިނގަން ފުރުސަތު އެބައޮތް ކަމަށް ކިޔައި ދިނެވެ. ސަބްސިޑީ ސިސްޓަމް އޮތީ ރަނގަޅަކަށް ނޫނޭ އިސްލާހު ކުރާށޭ ދިމާއަށް ބުންޏެވެ. އާސަންދައިން ލީކުވުން އޮތީ އިންތިހާއަށޭ ވެސް ބުނެދިނެވެ. ހަދާނެ ގޮތްވެސް ކިޔައި ދިނެވެ. އެކަމަކު އެ ހުރިހާ ވާހަކަތަކަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިނީ ބީރު ކަންފަތެވެ.
ރައީސް ސޯލިހުގެ އެ ސަރުކާރުގެ ބާރު ގަދަ ވަޒީރުން ކުރެއްވި ކަމަކީ އައިއެމްއެފްގެ ކޮންމެ ރިޕޯޓަކަށް ގޮންޖަހައި ޕަކަޕަކަ އަޅާފައި ހީނގަތީ އެވެ. އަދި ގިނަ ވަޒީރުން ބޭރުގެ ޖަމާއަތްތަކުން ނެރޭ މާލީ ރިޕޯޓްތަކަށް ހަޖޫޖެއްސެވި އެވެ. ސަރުކާރަށް ސަނާ ކިޔައި ރައީސް ސޯލިހު ކުރިމަތީގައި އުނަގަނޑުން ތިރީ ދެ އަތް ހުރަސް ކުރައްވައިގެން ތިއްބަވާ ވަޒީރުން ވިދާޅުވަމުން ގެންދެވީ އެހެން ނެރޭ ރިޕޯޓުތަކަކީ އެފަދަ އޯގަނައިޒޭޝަންތަކުގެ ރިސެޕްޝަންގައި ތިބޭ މުވައްޒަފުން ނެރޭ އެއްޗެއްސެވެ. އެއަކާ އަހަރުމެން އަޅައެއް ނުލަމު އެވެ. އަޅައެއް ލާނެވެސް ކަމެއް ނެތެވެ.
މިދިއަ ފަސް އަހަރު އެހެން ނެރުނު ގިނަ ރިޕޯޓްތަކަށް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ގޮން ޖައްސަވާ ވިދާޅުވަމުން ގެންދެވީ ގަދަބަހެވެ. އެއިން ރިޕޯޓެއްގެ ރެކޮމެންޑޭޝަންތަކުގައި ހިމެނޭ ކަމެއް ކުރުމުގައި އެ ސަރުކާރު ޝައުގުވެރިކަމެއް ނެތެވެ. އެ މީހުނަށް އޭރު ވަރިހަމަ އެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އެންމެފަހުން ރާއްޖެ އައިސް ރާއްޖެ ވަށައިގެން ބަލައި ހެދުމަށް ފަހު ހެދި ރިޕޯޓަށް ފަހު އެ ޖަމިއްޔާއިން ފާހަގަ ކޮށް ހެޔޮ ފާހަގައެއް ޖަހައި ބުނެފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލީ ސިޔާސަތުތައް ކުރިއަށް ގެންދަން ރާވާފައި އޮތް ގޮތް އައިއެމްއެފަށް ވަރަށް ކަމުދެ އެވެ. އަދި އެކަމަށް ތައުރީފުކޮށް އެ ވާހަކަތައް އެ ރިޕޯޓުގައި ހިމަނާފައި ވެސް ވެއެވެ.
އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރުން އާސަންދަ ރިފޯމް ކުރުމާއި ސަބްސިޑީ އިސްލާހު ކުރުމާއި ޕްރޮޖެކްޓުތަކުގެ އިސްރާފު ކުޑަ ކުރުމާއި ސަރުކާރު ކުންފުނިތައް އިސްލާހު ކުރުމުގައި ރަނގަޅު ނިޔަތެއް އެބައޮތެވެ. ތައުރީފު ކުރީ އެހެން ވެގެނެވެ.
އެކަމަކު އެ ރިޕޯޓަށް ދެ މަސް ނުވަނީސް ސޯޝަލް މީޑިއާގައި އޮންނަ އާންމު އުސޫލުން ވަގު އެކައުންޓުތައް ބޭނުން ކޮށްގެން ފަތުރާ ވާހަކަތަކަކީ ދިވެހިރާއްޖެ އައިއެމްއެއެފުގެ ހަރުކަށި މާލީ ޕެކޭޖެއް ނަގަން އުޅޭ ވާހަކައެވެ. އެއީ މާ މޮޅު ވާހަކައަކަށް ހަދައިގެން ދެއްކުމުގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ އެ ހާލަތަށް ގައުމު ހިނގައިދާނެ ހެއްޔެވެ؟ މިހެން ވާހަކަ ދައްކަން ފުރުސަތެއް ލިބުނީ ކީއް ވެގެން ހެއްޔެވެ؟
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ މާލީ ކަންކަމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅަކު މަސްލަހަތަށްޓަކައި ނޫހުގައި ނަން ނުޖެހުމަށް އެދި ވަޑައިގެން ވިދާޅުވި ގޮތުގައި އައިއެމްއެފް ހަރުކަށި ބޭންކްރަޕްސީ ޕްރޮގްރާމަކަށް ރާއްޖެ ދާނެ އެއްވެސް ޖާގައެއް ނެތެވެ. އެފަދަ ހާލަތަށް ދާނީ ދަރަނި ދެއްކޭނެ އެއްވެސް ފުރުސަތު ތަކެއް ނެތި ބަންދު ވެގެނެވެ. އެ ހާލަތަށް ދިވެހިރާއްޖެއެއް ނުދާނެ އެވެ.
އައިއެމްއެފުގައި އޮންނަނީ ހަމައެކަނި ގައުމުތައް ބޭންކްރަޕްސީވުމުން ބައިވެރި ކުރާ ޕްރޮގްރާމެއް އެކަންޏެއް ވެސް ނޫނެވެ. އައިއެމްއެފުގައި ބައިވަރު ޕްރޮގްރާމްތައް ހުރެ އެވެ. އެގޮތުން ޖަމިއްޔާގައި އަށެއްކަ ޕްރޮގްރާމެއް ރާވަފައި އޮވެ އެވެ. އެ ޖަމިއްޔާގެ ބައެއް ޕްރޮގްރާމްތަކަކީ އެ ޕްރޮގްރާމްތަކުގެ ސަބަބުން މާލީ ނިޒާމުގެ އިތުބާރު ބޮޑުވެގެންދާ ވެސް ޕްރޮގްރާމް ތަކެވެ.
މި ހަދާފައިވާ ވާހައެކެވެ؛ މި ވާހަކައަކީ އޭގައި އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫނެނެވެ. އެކަން ރާއްޖޭގެ ނަމްބަރު ތަކުން އެނގެން އެބައޮތެވެ. އެކަމަކު މި ވާހަކަ ފަތުރާ ބަޔަކަށް އެ ފުރުސަތު ލިބުނީ ލޯނު ދައްކަން ހަދާފައި އޮތް ފަންޑުގައި ހުރި ޑޮލަރު ނަގައިގެން އެ "ކާލީ" މަ އެވެ.
މިދިޔަ ފަސް އަހަރު ނިމުނުއިރު ސޮވެރިން ފަންޑުގައި އެންމެ ޑޮލަރެއް ވެސް ނެތެވެ. ރުފިޔާއިން ހުރި އެއްޗެއް ފެންނަން ހުއްޓަސް އެވެސް ހުރީ ޓީބިލަށް އިންވެސްޓްކޮށް ހުސްކޮށްލާފަ އެވެ. ސޮވްރިން ފަންޑުގައި 2015 ގެ ފަހުން 200 މިލިއަން ޑޮލަރު ހުރި ކަމަށް ދައްކަ އެވެ. އެކަމަކު ރައީސް ސޯލިހު ވެރިކަމުން ފޭބީ މުޅި މާލީ ނިޒާމު ހަރާބުކޮށް އެ ފަންޑުން ވެސް ފައިސާ ނަގައިގެނެވެ.
ރާއްޖޭގައި މިހާރު ހުންނަވަނީ ވާހަކަފުޅު ނުދައްކަވާ ފިނޭންސް މިނިސްޓަރެކެވެ. އަނގައި ބަސްފުޅެއް ވިދާޅުވުމަކީ އޭނާއަށް ހަރާން ކަމެކެވެ. މިހެން އޮންނަ ކަންކަމުގައި ވާހަކަފުޅު ދެއްވުމުގެ ބައްދަލުގައި އެކްސްގައި ޕޯސްޓްތައް ކުރައްވައިގެން ސުރުހީ ހޯއްދަވައި އުޅުއްވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އޭނާ ވިދާޅުވާ ގޮތުގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު ވަރަށް ބޮޑަަށް ގޯސްވެ، ބޭންކްރަޕްޓް ވުމުން ދޭ އެހީގެ ޕެކޭޖެ ނަގައި، އައިއެމްއެފްގެ ޕްރޮގްރާމަށް ދާ ވާހަކައަކީ ކަނޑައެޅިގެން ދޮގެކެވެ.
އެ ވާހަކަތައް ސައީދު ސިފަ ކުރެއްވީ ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލައި ތިބެ ބަޔަކު ކުރާ މަސައްކަތެއްގެ ގޮތުގައެވެ. އެ މީހުން އެ މަސައްކަތް ކުރަނީ އެ މީހުން އިންތިޒާރު ކުރި ގޯސް ހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސް ވެގެންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވާ ގޮތުގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު އައްނަނީ ކުރީން ލަފާ ކުރިވަރަށް ވުރެ ވެސް ބާރަށް ރަނގަޅުވަމުންނެވެ. ދިވެހި ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހެ އެވެ.
ރާއްޖޭން ދުވަހަކުވެސް އައިއެމްއެފުގެ ބޭންކްރަޕްސީ ޕްރޮގްރާމް ނުވަތަ ބަނޑަށް ޖެހޭ ގައުމުތަކުގެ ޕެކޭޖް ނަގާފައެއް ނެތެވެ. ރާއްޖެ އެ ހާލަތަށް ދާނަމަ ދާނެ އަހަރަކީ ކޮވިޑް-19 އާ ގުޅިގެން އައި 2021 ވަނަ އަހަރެވެ.
އެ އަހަރު އާމްދަނީ މައްޗެއް ނުވި އެވެ. އެކަމަކު ހަރަދު ދިޔައީ މަތިވަމުންނެވެ. މިހާރު ގިނަ ބަޔަކު ހަނދާން ނެތަސް އެއީ ކާނާގެ ޔަގީންކަން އިތުރު ކުރަން ހަނޑޫ ހައްދަން ވާހަކަ ދެއްކި އަހަރެވެ. އެއީ އެ ހަނޑޫ އެސްޓީއޯއަށް ގަންނާނެ ކަމުގެ ޔަގީކަން އޭރުގެ އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު ދެއްވި އަހަރެވެ. ބަނބުކެޔޮ ހައްދަން ސަރުކާރުން ގޮވާލި އަހަރެވެ. އެހެންވީއިރު އެ އަހަރު ނުނެގި ހަރުކަށި ޕެކޭޖެއް މިހާރު ނަގާކަން ނުޖެހޭނެކަން ފަސޭހައިން ދެނެގަނެވޭނެ އެވެ.
އެހެން ނަމަވެސް ހަގީގަތަކީ ރާއްޖެއަށް މިވަގުތު އެހައި ފަސޭހައެއް ނޫނެވެ. އޭގެ މާނައަކީ ރާއްޖެ ދަރަނި އިންތިހާއަށް ބޮޑުވެ ޕާކިސްތާނާއި ސްރީލަންކާގެ ހާލަތަށް ވެއްޓުމެއް ނޫނެވެ.
މިހާރު ދިމާވެފައިވާ ދަތިކަމުގެ އަސްލަކީ ކުރީގެ ފިނޭންސް މިނިސްޓަރުގެ އިބްރާހިމް އަމީރުގެ އަތުން ފިސްކަލް ހާލަތު ފިރުކިގެން ގޮސްގެން ދިމާވި މައްސަލައެކެވެ. އޭނާއަށް އެނގިވަޑައި ނުގަތީ އެވެ. ނޫނީ އެނގި ވަޑައިގަތަސް ވަކި ބަޔަކު އެންގި ގޮތަކަށް ކަން ކުރަން ހައްދަވައިގެން އަތުން ދުވީ އެވެ. ފައިސާ ޗާޕު ކުރަން މަޖިލީހުން ދިން ހުއްދައިގެ ބޭނުން ހިފައި، ކަންނެތް އާމްދަނީގެ ސިޔާސަތެއްގެ ދަށުން ފައިސާ ޗާޕުކޮށް އަށް ބިލިއަން ރުފިޔާ އިގްތިސޯދަށް ބަންޑުން ކޮށްލިއެވެ. އައިއެމްއެފުން އިސްލާހު ކުރަން ބުނި ކަންކަން އިސްލާހު ކުރަން ފަސް ޖެހުނެވެ.
މިހާރު މިއޮތް ރައީސް މުއިއްޒުގެ ސަރުކާރުގެ ފިނޭންސް އެޑްވައިޒަރު އަދި ކުރީގެ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު "މި" ނޫހަށް ވިދާޅުވި ގޮތުގައި ސަރުކާރުން ގިނަ ކަންތައްތަކެއް އިސްލާހު ކުރަމުން އެބަގެންދެ އެވެ. އަދި އެ މާލީ ރިފޯމްތަކުގެ ނަތީޖާ ވެސް ފެންނާނެ އެވެ.
"އެންމެ ރަނގަޅަށް ކުރި ކަމަކީ ފައިސާ ޗާޕު ކުރުން ހުއްޓާލުން. ހަގީގަތުގައި މިއީ މުހިންމު ނިންމުމެއް. މީގެ އިތުރުން އާސަންދަ އާއި ސަބްސިޑީ ރިޕޯމް ޕްރޮގްރާމާއި އެސްއޯއީތަކުގެ ހިންގުން އިސްލާހުކޮށް ހަރަދު ކުޑަ ކުރުމުގެ ޕްރޮގްރާމްތަކުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. މިއިން ކަމެއް ނުކޮށް، މިހާތަނަށް ފެނަކަ ހިންގި ގޮތަށް ކުންފުނިތައް ހިންގަން ތިބެއްޖެނަމަ ކަންކަން ގޯސްވާނެ. އެކަމަކު ރައީސް މުއިއްޒުގެ ސަރުކާރުން މިކަންކަން އިސްލާހު ކުރަން ދަނީ މަސައްކަތް ކުރަމުން. އައިއެމްއެފުން އެންމެ ފަހުން ވަޑައިގަތް ވަފުދުން ނެރުއްވި ރިޕޯޓުގައި ވެސް އެކަން ވަނީ ފާހަގަކޮށްދީފައި،" ނަސީރު ވިދާޅުވި އެވެ.
ދެން އޮތީ އައިއެމްއެފުގެ ޕްރޮގްރާމްގެ ވާހަކަ އެވެ. އެ ޖަމިއްޔާގެ ބައެއް ޕްރޮގްރާމްތަކަކީ އިގްތިސޯދު ވަރުގަދަ ކޮށްދޭ ޕްރޮގްރާމް ތަކެވެ. މާލީ އެހީތެރިކަން ދޭ ބައެއް ޖަމިއްޔާތަކުގެ އިތުބާރު ބޮޑު ކޮށްދޭނެ ޕްރޮގްރާމް ތަކެވެ. ރާއްޖޭން މިހާތަނަށް އައިއެމްއެފްގެ ޕްރޮގްރާމެއް ނަގަން މަސައްކަތް ކޮށްފައި ވަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ.
އެ ފަހަރު ނަގަން ނިންމި ޕްރޮގްރާމުގެ ދަށުން މާލީ ސިޔާސަތުތައް އިސްލާހު ކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން "ހިފި" އެވެ. ސަބްސިޑީ ރިފޯމްކޮށް ސިވިސް ސާވިސް މަދު ކުރަން އުޅުނެވެ. ސިވިސް ސާވިސް މުވައްޒަފުންނަށް ބަލްކް ޕޭމަންޓެއް ދީ ރިޓަޔާކޮށް ޕްރައިވެޓް ސެކްޓަރަށް ވައްދައި ސަރުކާރުގެ ހަރަދު ކުޑަ ކުރަން ވިސްނި އެވެ. އެކަމަކު އެކަމެއް އެ ސަރުކާރަކަށް ނުވި އެވެ. އެހެންވެ އެ ޕްރޮގްރާމް ފެއިލްވީ އެވެ. އޭގެ ފަހުން އެ ވާހަކައެއް ނުދައްކަ އެވެ.
މިހާރުގެ ރާއްޖޭގެ އިގްތިސޯދުގެ ހާލަތު އޮތް ގޮތުން އެ ފަދަ ޕްރޮގްރާމަކަށް ރާއްޖެ ވަންނަން މަޖުބޫރެއް ނޫނެވެ. އެކަމަކު ވަނުމަކީ މުޅިން ގޯސް ކަމެއް ވެސް ނޫނެވެ.
އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ބައެއް ޕްރޮގްރާމްތަކަކީ ކުރު ރާސްތާގައި ވެސް ގައުމަށް ފައިދާ ހުރި ޕްރޮގްރާމް ތަކެވެ. ރާއްޖޭގެ އިގްތިސޯދު ނަމްބަރުން ދައްކަނީ ގަދަ ކޮށެވެ. ސަރުކާރުން ވަނީ އިސްރާފު ބޮޑު ޕްރޮޖެކްޓްތައް ހިންގުން މަޑު ޖައްސާލާފަ އެވެ. މި އަހަރު ދިވެހި އިގްތިސޯދު 5.5 ޕަސެންޓްގެ ކުރިއެރުމެއް ހޯދާނެކަމަށް އަންދާޒާ ކުރެވެ އެވެ.
ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިކަންދޭ އެއް ގައުމު ކަމަށްވާ ޗައިނާ އިން މީގެ ކުރިން ނަގާފައި ހުރި ލޯނުތަކަށް ލުއި ދޭން އެ ގައުމުން އޮތީ ނިންމާފަ އެވެ. އިގްތިސޯދުގެ މައި މަސައްކަތް ޓޫރިޒަމް، ދުނިޔޭގައި ބޮޑު ކަމެއް ނުހިނގާނަމަ ރަނގަޅުވާނެ ކަމަށް ހިސާބު ތަކުން ދައްކަ އެވެ. ޗައިނާ އިން އަންނަ ފްލައިޓުތައް އިތުރުވެ ކަނެކްޝަން ހެސް ކިޔާފައި މަތި ވެއްޖެ އެވެ. މިހާތަނަށް ރާއްޖެއަށް 279,234 ޓޫރިސްޓުން އައިސްފި އެވެ. ޓޫރިޒަމް ހުރީ 16 ޕަސެންޓުގެ ކުރިއެރުމެއްގަ އެވެ.
މި ހިސާބުތަށް މިގޮތަށް ދައްކާއިރު މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލަން ވާހަކަ ފެތުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. އެކަމަކު ވެސް ރާއްޖެއަށް މިވަގުތު ދަތިތަކެއް އެބަހުއްޓެވެ. އޭގެ މާނައަކީ ރާއްޖެ ބަނރޫޓުވުމެއް ނޫނެވެ. ބަނގުރޫޓު ޕްރޮރްމެއް ނަގަން ޖެހުމެއް ވެސް ނޫނެވެ. ރާއްޖެ އަދިވެސް އޮތީ އިގްތިސޯދީ ރަނގަޅު ޓްރެކް މަތީގަ އެވެ. ކުރިން ހެދި ގޯސްތަކެއް ހުއްޓަސް އެކަންކަން އިސްލާހުކޮށް ހަމަ މަގަށް އަޅުވަން އަދިވެސް ވަގުތު އެބައޮތެވެ. މި ހުންނެވި ފިނޭންސް މިނިސްޓަރުވެސް އަނގައިން ވާހަކަ ދައްވާން އެބަޖެހެ އެވެ.