ގުޅިފަޅު ހިއްކަން ހަދާފައި އޮތީ ގައުމަށް ހެޔޮއެދޭ ބަޔަކު ހަދާނެ ކަހަލަ އެއްބަސްވުމެއް ނޫން

ހައި ކޯޓުން މަސައްކަތް ހުއްޓާލަން އަމުރު ނެރުނީ ސަރުކާރުން ބޭނުން ވެގެން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން މަސައްކުރާ ފަރާތްތަކަކީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި ފަރާތްތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފޯރަމެއް ގައި ވާހަކަ ދައްކަވަނީ

ގުޅިފަޅު ހިއްކަން ހަދާފައި އޮތީ ގައުމަށް ހެޔޮއެދޭ ބަޔަކު ހަދާނެ ކަހަލަ އެއްބަސްވުމެއް ނޫން ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ގުޅިފަޅުން ގޯތިދޭން ނިންމާ އެތަން ހިއްކަން ބަޔަކާ ހަވާލު ކުރީ މިދިޔަ ސަރުކާރު ގައެވެ. ގުޅިފަޅު ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް ގުޅިފަޅު ހިއްކުން ވަގުތީ ގޮތުން މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ ވަނީ އަމުރެއް ނެރެފައެވެ. އެ އަމުރު ނެރުމާ އެކު އެއީ ސަރުކާރުން އަޑީގައި އޮވެގެން ކުރި ކަމެއް ކަމަށް ސިފަކޮށް ކުރީ ސަރުކާރުގެ ވެރީންނާއި އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ ވާހަކަ ދައްކަމުންނެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ މިނިސްޓަރު މުއްތަލިބު ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ ހައި ކޯޓުން މަސައްކަތް ހުއްޓާލަން އަމުރު ނެރުނީ ސަރުކާރުން ބޭނުން ވެގެން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން މަސައްކުރާ ފަރާތްތަކަކީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި ފަރާތްތައް ކަމަށެވެ. އަދި ވިދާޅުވީ ގުޅީފަޅު ހިއްކުމަށް ހެދި އެގްރީމަންޓަކީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަހަލަ އެގްރިމަންޓެއް ނޫން ކަމަށެވެ.

ގުޅީފަޅު ހިއްކުމަށް ހެދި އެގްރީމަންޓަކީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަހަލަ އެގްރިމަންޓެއް ނޫން

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

ގުޅިފަޅު ހިއްކާތީ އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްގަފޫރެވެ. އޭރު ކޯޓުން ނިންމީ މަޝްރޫއު މަޑުޖައްސާލަން ޖެހޭ ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. ނަމަވެސް އޭނާ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އަމުރުކޮށްފައި ވަނީ ސިވިލް ކޯޓުން މައްސަލަ ނިމެންދެން އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އަންގާ ކަމަށެވެ.

އެކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް މިއަދު ވައްދާ އެ ކޯޓުގެ އަމުރަށް އަމަލުކުރުން ފަސް ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދުނެވެ.

ގުޅިފަޅު ހިއްކުން މިވަގުތު ވެސް ކުރިއަށް ގެންދެވޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރު ނެރުއްވެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނާއި ފަނޑިޔާރު ހުސްނުއްސުއޫދު ބެއްލެވި މައްސަލާގައި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓްގެ އަމުރުގައި ބުނަނީ ހައި ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން މިވަގުތު ފަސް ނުކޮށްފި ނަމަ، އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދިއުމުގެ އިހްތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ވަކި ގޮތަކަށް އަންގަންދެން ނުވަތަ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ދެން ހައި ކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅަން އެ ކޯޓުގެ ގަވައިދުގެ 21 ވަނަ މާއްދާގެ ދަށުން އެންމެހާ ފަރާތްތަކަށް އަންގާ ކަމަށެވެ.

ހުމައިދާ އެ މައްސަލަ ކޯޓަށް ހުށަހެޅީ ގުޅިފަޅު ޕްރޮޖެކްޓަކީ ތިމާވެއްޓަށް ގެއްލުން ބޮޑު، ރާއްޖޭގެ ގުދުރަތީ ވެއްޓާއި ދިރުންތަކުގެ މުއްސަނދިކަމުން ހޯދާ އިގްތިސާދީ އަދި އިޖުތިމާއީ ނަފާ ހީނަރު ކުރުވައި މާލީ ގޮތުން ދެކޮޅު ނުޖެހޭ ދަރަނި ބޮޑު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ޕްރޮޖެކްޓެއް ކަމަށް ބަލައި އެ ޕްރޮޖެކްޓް ހުއްޓުވާށެވެ.

ކޮމެންޓް

2
450
ސުން
6 months ago

ތި އެއްބަސްވުން ހާމަ ކުރަންވީނުން.އިންޑިޔާ ސިފައިން އެބަތިބި އަދަދެއް ނޭނގެ.އެއްބަސްވުން ގޯސް ހާމަ ނުކުރޭ.ޚިޔާނާތް ތެރި ވެއްޖެ. ޥީ ކިހިނެއްކަމެއް ނޭނގެ.

ސުން
6 months ago

ތި އެއްބަސްވުން ހާމަ ކުރަންވީނުން.އިންޑިޔާ ސިފައިން އެބަތިބި އަދަދެއް ނޭނގެ.އެއްބަސްވުން ގޯސް ހާމަ ނުކުރޭ.ޚިޔާނާތް ތެރި ވެއްޖެ. ޥީ ކިހިނެއްކަމެއް ނޭނގެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.