ފޯރަމާއެކު ރާއްޖެއަށް އިންވެސްޓްމަންޓް އިތުރުވާނެ: ލިއޯ

ސިންގަޕޫރުގެ މަހުޖަނު ލޯރެންސް ލިއޯއަކީ އައްޑޫ ކެނެރީފް ރިސޯޓުގެ ބާނީ އެވެ. ސިންގަޕޫރުގެ 42 އަހަރުވީ ކްރެސެންޑާސް ކުންފުނީގެ ޗެއާމަން އެވެ.

ސިންގަޕޫރުގެ މަހުޖަނު ލޯރެންސް ލިއޯ މީޑއާއަށް ވާހަކަ ދައްކަވަނީ

ދުބާއީން: މުހައްމަދު އަފްރާހު 

ދިވެހި ސަރުކާރުތަކުން މިހާތަނަށް އިންވެސްޓަރުންގެ ކުރިމައްޗަށް ނެރެނީ ރިސޯޓެކެވެ. އެ މީހުނަށް ދެނީ ހަމައެކަނި ދައްކަނީ ފަޅެކެވެ. ނޫނީ ފަޅުރަށެކެވެ. އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ 18 ދާއިރާ އަކުން ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ފުރުސަތުތައް ޑުބާއީގައި މިދިއަ އަންގާރަ ދުވަހު ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ދައްކާލާފަ އެވެ. 

އެ ކަރުދާސްތަކުގައި ހުރީ ބިލިއަން ޑޮލަރުގެ ފުރުސަތުތަކެވެ. ބޯހިޔާވަހިކަމާއި އެއާޕޯޓް އެޅުމުން ފެށިގެން ނަން ހުސްކޮށް ފުރުސަތުތައް ކިޔައި ދީފައިވެ އެވެ. މިކަންވީ ރާއްޖޭގައި އިންވެސްޓް ކޮށްގެން ތިބި ބޭރުގެ އިންވެސްޓަރުންނަށް ވެސް ލިބުނު އިތުރު ފުރުސަތަކަށެވެ. އެ ނަޒަރިއްޔާއިން ދެކެވަޑައިގެން ހުންނެވި އެއް ބޭފުޅަކީ ސިންގަޕޫރުގެ މަހުޖަނު ލޯރެންސް ލިއޯ އެވެ. 

"އަޅުގަނޑު ވަރަށް އިމްޕްރެސް ވެއްޖެ ސަރުކާރުން ހުށަހެޅި ޕްރޮޖެކްޓްތަކަށް. މި ޕްރޮޖެކްޓްތަކުގައި ހުރީ ހަމައެކަނި ޓޫރިޒަމެއް ނޫން. ސިއްހީ ދާއިރާ އާއި ކްލީން އެނާޖީ ވެސް ހިމެނޭ. މިއީ އުފާވެރި މަންޒަރެއް. އެހެންވެ އުންމީދު ކުރަނީ ކުރިއަށް އޮތްތަނުގައި ގިނަ އަދަދެއްގެ އިންވެސްޓަރުން ރާއްޖެ އަންނާނެ ކަމަށް،" ލޯރެންސް ލިއޯ ވިދާޅުވި އެވެ. 

ލިއޯއަކީ ރާއްޖޭގައި ޓޫރިޒަމް ފުޅާ ކުރަން އެންމެ ދަތި ސަރަހައްދު ކަމަށްވާ ދެކުނު އައްޑޫގައި މި ވިޔަފާރި ކާމިޔާބު ކަމާއެކު ހިންގާ ބޭރުގެ އެއް އިންވެސްޓަރެވެ. އޭނާގެ އެ ވިޔަފާރި އައްޑޫގައި ކުރި ނަމަވެސް އެކަމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގަންނަ އެވެ. މައިގަނޑު ސަބަބަކީ ސަރުކާރުން އެ ސަރަހައްދުގައި ކޮންމެހެން ބޭނުންވާ ވަސީލަތްތައް ގާއިމް ނުކުރުމެވެ. 

ސަރުކާރުތަކުން އެނދުތަކެއް ނެރޭނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް އެކަން ނުވުމެވެ. އެންމެ ކައިރިން މިދިޔަ ފަސް އަހަރަށް ބަލާނަމަ 8،000 ޓޫރިސްޓު އެނދު ގެންދަން ވައުދުވި ނަވެސް އެކަމެއް ނުވި އެވެ. އެހެންވެ އެ ސަރަހައްދުވެފައި ވަނީ އިންވެސްޓަރުންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ސަރަހައްދަކަށެވެ. 

އެކަމަކު ރާއްޖޭގެ އެ ސަރަހައްދުން މުތީއެއް ފެނިވަޑައިގެން އިންވެސްޓް ކުރައްވައިގެން ހުންނެވި ބިލިއަނަރު ލޯރެންސް ލިއޯ އައްޑޫ ޓޫރިޒަމަށް އޮތް އުންމީދު ކަނޑައެއް ނުލައްވަ އެވެ. އޭނަ ހުންނެވީ މި ވިޔަފާރިއާއިގެން ކުރިއަށް ވަޑައިގެން އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާ ކުރުމުގެ އުންމީދުގަ އެވެ.

އައްޑޫ ކެނެރީފް ރިސޯޓުގެ ވެރިޔާ ލިއޯ

އައްޑޫ ޓޫރިޒަމްގެ އުންމީދު ކަނޑައެއް ނުލާ

ސިންގަޕޫރުގެ އެންމެ ނުފޫޒު ގަދަ ބޭފުޅުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ލިއޯ ދިވެހި ޕާޓްނަރުންނާއެކު ރާއްޖޭގެ އެންމެ ޓޫރިޒަމް ދަތި ސަރަހައްދުގައި އިންވެސްޓް ކުރެއްވީ 2015 ވަނަ އަހަރު އެވެ. ގާތްގަނޑަކަށް 42 އަހަރުވީ ކުންފުނިން ރާއްޖޭގެ މި ވިޔަފާރީގެ ތެރެއަށް ނުކުތީ އައްޑޫގައި ހަތަރު ތަރީގެ 271 ކޮޓަރީގެ ރިސޯޓަކާއެކުގަ އެވެ. 

އެ އިންވެސްޓްމަންޓަކީ ވެސް ރާއްޖޭގައި ހުންނަ ފަދަ ލަގްޒަރީ ހަތަރު ތަރީގެ ޕްރޮޕަޓީއެކެވެ. އެ ރިސޯޓުގައި 71 ސަންސެޓް ބީޗް ވިލާއާއި 80 ސަންސެޓް ވިލާ އަދި 120 ޕްރިމިއަމް ޖަކޫޒީ ވިލާ ހުރެ އެވެ. ރާއްޖޭގެ ޓޫރިޒަމް ދެކުނަށް ފުޅާ ކުރަން ލޯރެންސް ފެއްޓެވި ދަތުރުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ ވަޑައިގެންނެވި އެވެ. ނަމަވެސް އަދިވެސް ހުންނެވީ އުންމީދުގަ އެވެ. 

ސަރުކާރުން ބޮޑު އެހީތެރިކަމެއް ދޭ

ދުބާއީގައި ބޭރުގެ ގިނަ އަދަދެއްގެ އިންވެސްޓަރުންނާއެކު ބޭއްވި ފޯރަމްގެ ހަވާސާގައި ދެއްވި އިންޓަވިއުއެއްގައި ލިއޯ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ތަރައްގީވުމުގައި އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިވެހިންގެ ރަހުމަތްތެރިކަމާއި ސަރުކާރުން ދޭ އެއްބާރުލުމެވެ. ހާއްސަކޮށް މިނިސްޓްރީތަކާއި ވިޔަފާރިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމެވެ. 

ދެކުނުގެ ޓޫރިޒަމް ފުޅާ ކުރަން މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރައްވަނީ ޒަމާންވީ ޝަކުވާ އެވެ. އެއީ އެ ސަރަހައްދަށް ދަތުރު ކުރެވޭނެ އެކަށީގެންވާ މަގުތަކެއް ނެތުމެވެ. ފްލައިޓް މަދުވުމެވެ. 

"ސަރުކާރުން [އައްޑޫ] ގައި އެނދުތައް ތަރައްގީ ކުރަން އެހީތެރިކަން ދެއްވާ. އެކަމަކު އިތުރަށް ބޭނުންވާ ވަސީލަތްތަކެއް ނެތް. އެކަން ފުރިހަމަ ވުމުން އިތުރު ޓޫރިސްޓުން ގެންދެވޭނެ،" ލިއޯ ވިދާޅުވި އެވެ. "ކުރިއަށް އޮތްތަނުގައި ޗައިނާ މީހުން ވެސް އައްޑުއަށް ގެންދެވޭނެ." 

ރާއްޖޭގެ ކޮންމެ ތަނެއްގައިވެސް ޓޫރިޒަމް ހިނގާނެ

ލިއޯ ގަބޫލު ކުރައްވާ ގޮތުގައި މި ސިނާއަތް ދެކުނުގައި ފައްކާ ކުރަން ގޮންޖެހުންތަކެއް ހުރި ނަމަވެސް އުންމީދު އެބައޮތެވެ. އެ އުންމީދުތައް ގުޅިފައިވަނީ ސަރުކާރުން ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. އެ މަސައްކަތްތަކާއެކު އެ ސަރަހައްދުގެ ޓޫރިޒަމުގެ ކުރިމަގު އުޖާލާވާނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތެވެ. 

ރާއްޖޭގެ އިންވެސްޓަރެއްގެ ހައިސިއްޔަތުން ލިއޯ ދެކެ ވަޑައިގަންނަވާ ގޮތަކީ ރާއްޖޭގެ ޓޫރިޒަމަކީ ކޮންމެ ސަރަހައްދެއްގައި ޓޫރިޒަމް ތަރައްގީ ކުރި ނަމަވެސް ފައްކާވެ ޓޫރިސްޓުން ގެންދެވޭނެ ޕްރޮޑަކްޓެއްގެ ގޮތުގަ އެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން، ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކާއެކު ދުބާއީ ފަދަ އިންވެސްޓަރުންނަށް ފަހި މަންޒިލެއްގައި އިންވެސްޓްމެންތް ފޯރަމެއް ބޭއްވުން އޭނާ ދެކެވަޑައިގަންނަވަނީ ވަރަށް ޕޮޒިޓިވް ބަދަލެއްގެ ގޮތުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.