އައިއެމްއެފްގެ "އޭ" ރިޕޯޓް ދިން ސަބަބު ދުބާއީން މާލެއަށް

ހައްލު ހޯދަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮވްރިން ޑިވްލޮޕްމަންޓް ފަންޑެއް ހެދި އެވެ. މި ފަންޑުގައި 198 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރު ހުއްޓެވެ. އެކަމަކު މިހާރު މި ފަންޑުގައި ޑޮލަރެއް ނެތެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައެއް ވަޒީރުން އަދި ބައެއް އިސް އޮފިޝަލުން

ދުބާއީން: މުހައްމަދު އަފްރާހު 

ރާއްޖޭގެ އިގްތިސޯދު މިހާރު މިއޮތީ ހަތަރު އަނގޮޅިއެއްގަ އެވެ. މި ހިސާބަށްގޮސް ހުއްޓިފައި ވަނީ ހަމައެކަނި ކޮވިޑު ލައިގަނެގެން ދިމާވި ކަން ކަމަކުން ވެސް ނޫނެވެ. އެހެން ދިމާވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަކުރާރުކޮށް ގޯސްކޮށް ކުރި ކަންކަމުގެ ސަބަބުން ކަމަށް އިގްތިސޯދީ މާހިރުން ދެކެ ވަޑައިގަންނަވަ އެވެ. 

ފަސް އަހަރުގެ އެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ރިޒާވް ހުރީ ހުސްވެފަ އެވެ. ފައިސާ ޗާޕު ކުރިކުރީނުން ގޮސް އިގްތިސޯދުގެ ތެރެއަށް އިތުރު އަށް ބިލިއަން ރުފިޔާ ވަނީ ގިނަ ކޮށްފަ އެވެ. މި ހާލަތު އަންނާނެ ކަމަށް ތަކުރާރުކޮށް އައިއެމްއެފް ފަދަ ޖަމިއްޔާތަކުން ކުރިން ވެސް ބުނަމުން ގެންދިޔަ އެވެ. 

އެކަމަކު އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގަދަބަސް ވިދާޅުވި އެވެ. "ތިޔަހެނެއް ނުވާނެ" އޭ ވިދާޅުވި އެވެ. ނަމަވެސް ފަސް އަހަރު ނިމިގެން ފަހަތް ބަލާލިއިރު އޮތީ އައިއެމްއެފް ބުނިތަން އައިސް ޖެހިފަ އެވެ. އޭގެ ފަހުން ހަވާލުވީ އާ ސިސްޓަމަކަށް ހިންގަން ހިތުލައިގެން އައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށެވެ. މި ސަރުކާރަށް ފުރަތަމަ ވެސް ޖެހިފައި އޮތީ ތިން މަހުގެ އިމްތިހާނަކާ ކުރިމަތިލާށެވެ. އެ އިންތިހާނު ފުރިހަމަ ކުރަމުން ދަނިކޮށް އައިއެމްއެފުން މިވަނީ ތިން މަހުގެ ޕޭޕަރުތައް ބަލައި ސަރުކާރަށް "އޭ" ރިޕޯޓެއް ދީފަ އެވެ.

މި ސަރުކާރުގެ މިހާ ކުރީކޮޅު އައިއެމްއެފް ފަދަ ކްރެޑިބިލިޓީ ހައި ފައިނޭންޝަލް އިންވެސްޓިޓިއުޓްއަކުން "އޭ" ރިޕޯޓެއް ދިނީ ކީއްވެގެން ހެއްޔެވެ؟ އައިއެމްއެފަށް މި ސަރުކާރާއެކު މިފަހަރު ރަނގަޅު ވެގެން މި އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ އައިއެމްއެފް ރުހޭ ގޮތަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ 

ދުބާއީގައި މިހާރު ކުރިއަށް ދާ ދުނިޔޭގެ އިސްވެރިން ބައިވެރިވަޑައިގަންނަވާ ވޯލްޑް ގަވަމަންޓް ސަމިޓުގެ ހަވާސާގެ ތެރެއިން އައިއެމްއެފުގެ އިސް ވަދުދަކާ ރާއްޖޭގެ ރައީސް މުއިއްޒު ވަނީ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އައިއެމްއެފުގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެންމެ އިސްވެރިޔާ ކްރިސްޓަލީނާ ޖޯޖިއެވާ އެވެ. 

އިއްޔެގެ އެ ބައްދަލުވުމަށްފަހު ކްރިސްޓަލީނާ ވިދާޅުވީ މިހެނެވެ: 

"އާ ސަރުކާރުން ތިން މަސް ތެރޭ އަޅާފައިވާ ރަނގަޅޫ ފިޔަވަޅުތަކަށް އައިއެމްއެފް ހައިރާންވެފައި ވެއެވެ. ހަމަ އިމްޕްރެސް ވެއްޖެ" އެވެ 

އައިއެފްއެފުގެ އިސްވެރިޔާގެ ކްރިސްޓަލީނާ ޖޯޖިއެވާ އިމްޕްރެސްވާން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ އައިއެމްއެފުގެ އިސްވެރިޔާގެ އެ ވިދާޅުވުމުގެ އިތުރު ތަފުސީލް ކޮށްދެއްވަމުން ދުބާއީގައި ހުންނަވައިގެން "މި" ނޫހަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވި ގޮތުގައި އެ ޖަމިއްޔާއިން ޖުމްލަ ގޮތެއްގައި ތާއީދު ކުރެއްވީ ސަރުކާރުގެ އިސްލާހީ އިގްތިސޯދީ އެޖެންޑާއަށެވެ. 

ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް ބަލާއިރު ފައިސާ ޗާޕުކު ރުން ހުއްޓާލުމަކީ އުނދަގޫ ނިންމެވުމެއް ނަމަވެސް އެ ފިޔަވަޅާއެކު ފައިސާ ޗާޕު ކުރުން ހުއްޓާލުމަކީ އެޅި ވަރަށް ހިތްވަރު ގަދަ ފިޔަވަޅެކެވެ، އައިއެމްއެފުން ފާހަގަ ކުރަނީ އެތަނެވެ.

"ފައިސާ ޗާޕު ކުރުން ކުރިއަށް ގެންދިއުމުގެ ފުރިހަމަ އިހުތިޔާރު ސަރުކާރަށް އޮތް. މަޖިލީހުން ވެސް އެކަން ކޮށްދެއްވަން ތިބީ، އެކަމަކު ރައީސް ޑރ. މުއިއްޒު ނެންނެގެވި ޑިސިޝަނެއް މިއީ،" ސައީދު ވިދާޅުވި އެވެ. 

ފައިސާ ޗާޕު ކުރުން: އަމީރަށް މައްސަލައެއް ނޫން

ފައިސާ ޗާޕު ކުރުން ނުވަތަ ޕަބްލިކް އެކައުންޓުން ފައިސާ އޯވަޑްރޯ ކުރުން ހުއްޓާލުމަކީ އައިއެމްއެފަށް ބޮޑު ކަމަށްވަނީ ކީއް ވެގެން ހެއްޔެވެ؟ 

މިދިޔަ ސަރުކާރުން މިކަން ކުރަމުން ދިޔައިރު ބުނަމުން ދިޔައީ އެނޫން ގޮތެއް ރާއްޖެ އަކަށް ނެތެވެ.  ރައީސް ސޯލިހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ތަކުރާރުކޮށް 2020 އިން ފެށިގެން ވިދާޅުވަމުން ދެވީ އާމްދަނީއެއް ނުލިބެ އެވެ. ފައިސާ ހޯދަން އެބަ ޖެހެ އެވެ. އެހެން ނޫނީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ހުއްޓޭނެ އެވެ. އެ ވާހަކަ 2021 އަދި 2022 އާއި 2023 ގައި ވެސް ވިދާޅުވި އެވެ. އެކަމަކު އަހަރަކަށްވުރެ އަހަރެއް ދިޔައީ ޓޫރިޒަމް ރަނގަޅުވެ އާމްދަނީ މަތިވަމުންނެވެ. އެއާއެކު ދިޔައީ ފައިސާ ވެސް ޗާޕު ކުރަމުންނެވެ. 

މާހިރުން ބުނީ ކީކޭ؟ - ޕަބްލިކް އެކައުންޓުން ފައިސާ އޯވަޑްރޯ ކުރުމަކީ އިގްތިސޯދުގައި ދައުރުވާ ފައިސާ އިތުރުވާނެ ކަމެކެވެ. އޭގެ ސަބަބުން އެކްސްޗޭންޖް ރޭޓަށް ޕްރެޝަރު މަތިވެ ދިވެހި ރުފިޔާގެ އަގު ވެއްޓޭނެ އެވެ. އޭގެ ނަތީޖާއަކީ އަގުތައް އުފުލުމެވެ.

ފައިސާ ޗާޕު ކުރުމަކީ އާއްމު އާދައަކަށް ސަރުކާރުން ހަދައިފިނަމަ އެމްއެމްއޭ ވަކިން ގާނޫނެއްގެ ދަށުނު ބޭއްވުމުގެ ބާރު ކެނޑިގެންދާ ކަމަށް ބައެއް މާހިރުން ސިފަ ކުރައްވަ އެވެ. ތަޖުރިބާކާރު ބޭފުޅުން އެހެން ވިދާޅުވިއަސް އޭރުގެ ސަރުކާރުން ބުނީ އެއީ އަގު އުފުލޭނެ ކަމަކަށް ނުވާނެ އެވެ. އަގު އުފުލޭނެ ސަބަބަކީ ބޭރުގައި ވެސް އަގުތައް އުފުލުމެވެ.

ފައިސާ ޗާޕުކުރުން: އިގްތިސޯދު ހަރާބުވި ސަބަބު

ފައިސާ ޗާޕް ކުރަމުން ދިޔައިރު އިގްތިސޯދީ ހާލަތު ހަގީގަތުގައި ދިޔައީ ގޯހުން ގޯހަށެވެ. އާމްދަނީ ރަނގަޅު ވިޔަސް އެއިން ފުއްދޭ ވަރަށްވުރެ ބޮޑު ރާޅެއް ސިސްޓަމްގެ ތެރޭ ދިޔައީ އުފުލެމުންނެވެ. ރާއްޖޭގެ އިމްޕޯޓް ދިޔައީ ޓޫރިޒަމް ރަނގަޅުވުމާއެކު މަތިވަމުންނެވެ. އިމްޕޯޓަށް ބޭނުންވާ ޑޮލަރު އިތުރުވަމުން ދިޔަ އެވެ. އޭގެ ސަބަބުން ބޮޑު ރާޅެއް އަންނާނެ ކަމަށް އިގްތިސޯދީ މާހިރުން އޭރު ވެސް އިންޒާރު ދެއްވި އެވެ. ވިދާޅިވަމުން ގެންދެވީ އުނދަގޫ ލައްވާލާނީ ރިޔާސީ އިންތިހާބަށްފަހުގަ އެވެ. ނުވަތަ އޭގެ އަހަރެއް ފަހުންނެވެ. ފައިސާ ޗާޕު، ގިނަ އަދަދަކަށް ޖެހުމުގެ ނަތީޖާއަކީ ފައިސާ ގިނަވެ ޑޮލަރު ލީކު ވަމުން ދިޔަ ތަންތަން ނުބެއްދި އޮތް ސިސްޓަމްގެ ހާލަތު ގޯސްވެގެން ދިއުމެވެ. 

ޑޮލަރެއްގެ އަގު 15.42ރ. އިން 18ރ. ފަހަނަ އަޅާ ދިއުމެވެ. މި 18ރ. އަށްވުރެ ބޮޑު އަދަދަކީ ކޮވިޑުގައި މުޅި އިގްތިސޯދު އެއްކޮށް ހުއްޓިފައި އޮތް ހަތަރު މަހެއްގެ ތެރޭގައި ވެސް ޑޮލަރެއް ލިބުނު އަގަށް ވުރެ ބޮޑު އަދަދެކެވެ. 

މި އަހަަރަށް ރައްޔިތުން މަޖިލީސް ހުޅުއްވައި ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު އަށް ބިލިއަނެއްހައި ރުފިޔާ ވަނީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕްކޮށްގެން ނެރެފަ އެވެ. އަދި އެއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕްކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެކެވެ. 

"ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ ހަމައަގު ހިފެހެއްޓުމުގައި މިވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައި. ތަކެތީގެ އަގު އުފުލި، ލާދަ މިވަނީ މަތިވެފައި. އަޅުގަނޑުމެން ސަރުކާރާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ކުރި އެއް ކަމަކީ ޣައިރު ޒިންމާދާރުކަމާއެކު މަނިޓައިޒްކުރަމުން ދިޔަ ދިޔުން ނިމުމަކަށް ގެނައުން،" މުއިއްޒު ވިދާޅުވި އެވެ. 

ފައިސާ ޗާޕުކޮށްފަ؛ މަސައްކަތްކޮށްފަ ފައިސާ ނުދީ

ފައިސާ ޗާޕު ޖަހައިގެން ދައުލަތުގެ ސިސްޓަމް ހަރާ ބުކޮށްލާފައިވާއިރު، މުޅި ސަރުކާރުގެ މާލީ ނިޒާމު އޮތީ މި މައްސަލައާއެކު އެފުށްމިފުށަށް ޖެހިފަ އެވެ. ސަރުކާރުން ފައިސާ ޗާޕު ކޮށްގެން ދައުލަތް ހިންގަން އޭރު ވިސްނުން ގެންގުޅުނު އިރު ޕްރޮޖެކްޓް ހިންގަން ހަވާލު ކުރަމުން ދިޔައި ފަރާތްތަކަށް ހުރީ ފައިސާ ނުދެވި އެވެ. ފައިސާ ނުދީ ހުރީ އެންމެ އަހަރަކުއެއް ނޫނެވެ. ދެ އަހަރު ތިން އަހަރު ފައިސާ ނުދޭ ކިތަންމެ ކުދި އަދި މަދުފަންތީގެ ވިޔަފާރިއެއް އޮތެ އެވެ. ކޮންމެ އަހަރަކުވެސް ފައިސާ ދޭން ބަޖެޓުގައި ފައިސާ ހިމަނަ އެވެ. އެކަމަކު އެކަމެއް ނުކުރެ އެވެ. 

މިކަން ނުވި ސަބަބަކީ ޕްރޮޖެޓްތަކުގެ އިޝްރާފު އިންތިހާއަށް ބޮޑުވުމެވެ. އޭގެ މިސާލަކީ ފެނަކަ އެވެ. މުޅި ސިސްޓަމް ހަރާބުވި ގޮތުގެ ކުޑަ މަންޒަރެއް ސާފުކޮށް ފެންނާނީ ފެނަކައިގެ ރަނގަޅު އޮޑިޓެއް ހެދުނު ދުވަހަކުންނެވެ. ޕްރޮޖެކްޓް ހަވާލު ކުރަނީ މާކެޓު ވެލިއުއަށްވުރެ 50 ގުނަ ބޮޑުކޮށެވެ. ދެން އެ ޕްރޮޖެކްޓް ދަންމާލަ އެވެ. މަސައްކަތް ކުރަން އަމިއްލަ މީހުންގެ އަތުން ތަކެތި ނަގަނީ އަގު ބޮޑުކޮށެވެ. އަދި ނަގާ ތަކެއްޗަށް ފައިސާއެއް ނުދެ އެވެ. މިގޮތަށް ހަތް ބިލިއަން ރުފިޔާ ނުދީ އޮތެވެ. މިކަމަކީ ސީދާ އާއްމު ރައްޔިތު މީހާގެ ޖީބަށް އަސަރު ކުރާނެ ބޮޑު މައްސަލައަކަށްވެފައި ވެއެވެ. އެއީ ކުދި ވިޔަފާރިތަކަކީ ލިބޭ ލާރިކޮޅުން ހިންގަމުން ދިޔަ ތަންތަނަށްވުމެވެ. 

އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މިދިޔަ ޖެނުއަރީގެ ނިޔަލަށް މި އަދަދު ވަނީ 3.5 ބިލިއަން ރުފިޔާއަށް ކުޑަކުރެވި އެވެ. 

"ސަޕްލިމެންޓްރީ ބަޖެޓުވެސް ހިމަނައިގެން ހަތް ބިލިއަން ހުރި ވެރިކަމަށް އައިއިރު. ބިލުތައް ނުދައްކާ ހުރި. ތިޔަ ބޭފުޅުން ވިޔަފާރި ކުރައްވަނީ ދައުލަތް ދަރާ އޮތް ހަތް ބިލިއަން ރުފިޔާ. އެއި ކުދި ވިޔަފާރިތަކަށް." ސައީދު ވިދާޅުވި އެވެ.

މި ފައިސާ ކުންފުނިތަކަށް ދެމުން ގެންދަނީ ސަރުކާރު ހިންގަން ޓީބިލް ވިއްކައިގެން ހޯދާ ފައިސާ އާއި އެގޮތް މިގޮތުން ތަންތަނުން ފައިސާކޮޅު ހޯދައިގެނެވެ. 

ރައީސް މުއިއްޒާއި އައިއެމްއެފްގެ އިސްވެރިޔާ ސަލާމް ކުރައްވާއިރު ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޝަފީގު އަރިހުގައި

ފައިސާ ޗާޕުކޮށްފައި، ސޮވްރިން ފަންޑު ހުސް

ފައިސާ ޗާޕު ކުރަމުން ގެންދިޔައިރު ދަރަނި ވެސް ވަނީ އިންތިހާއަށް މަތި ކޮށްފަ އެވެ. ސަރުކާރު ޕްރައިވެޓް ސެކްޓަރަށް ބޮޑު އަދަދު ތަކުން ދަރާފައިވާއިިރު ރާއްޖޭގެ ދަރަނީގެ ޖުމްލަ 114 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފަ އެވެ. މީގެތެރޭގައި ހިމެނޭ ބޭރުގެ ދަރަނީގެ މިންވަރަކީ 50 ބިލިއަން ރުފިޔާ އެވެ. އަދި އެތެރޭގެ ދަރަނި 49 ބިލިއަން ރުފިޔާގައި ހުރިއިރު އެސްއޯއީތަކުގެ ދަރަނި 99 ބިލިއަން ރުފިޔާއަށް އަރަ އެވެ. 

މި ދަރަނީގެ ތެރޭން އިންޑިއާގެ ދަރަނި 30 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ރާއްޖޭގެ ލޯނު ޕޯޓްފޯލިއޯގައި މިހާރު އިންޑިއާގެ ލޯނުތައް މައްޗަށެވެ. އެހެންވެ ޗައިނާގެ ލޯނުތައް ފަސްކޮށްދީ ލުއިކޮށްދޭން އެ ގައުމުން ނިންމިނަމަވެސް ލޯނުތަކުގެ ބުރަ ސަރުކާރަށް އިންތިހާ އަށް ބޮޑުވާނެ އެވެ. މިއީ ކުރިއަށް އޮތް ދެތިން އަހަރު ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ. 

މިކަމަށް ހައްލު ހޯދަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮވްރިން ޑިވްލޮޕްމަންޓް ފަންޑެއް ހެދި އެވެ. މި ފަންޑުގައި 198 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރު ހުއްޓެވެ. އެކަމަކު މިހާރު މި ފަންޑުގައި ޑޮލަރެއް ނެތެވެ. ހުރީ ފައިސާ އެވެ. އެ ފައިސާ ވެސް ހުރީ ޓީބިލަށް އިންވެސްޓްކޮށްފަ އެވެ. އެހެންވެ މިހާރު މި ފަންޑުގައި ހުރީ ތިޖޫރީ އެކެވެ. އެ ފަންޑުގެ މަގުސަދު ގެއްލި އޮތީ ހުސްކޮށްލާފަ އެވެ. 

ހަގީގަތުގައި ސަރުކާރަށް އިގްތިސޯދީ ގޮތުން ގިނަ ގޮންޖެހުންތަކެއް ހުރި ދުވަސްވަރެއްގައި މި ސަރުކާރުން ފައިސާ ޗާޕު ނުކުރަން ނިންމި ނިމުމަކީ އައިއެމްއެފުން އެންމެ ގަޔާވި ސަބަބެވެ. މި ސަބަބުގެ ސިއްރަކީ މި މައްސަލައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަމުން ދިޔަ ގޮތެވެ. ސަރުކާރު ބޭނުންނަމަ މިހާރު ވެސް ފައިސާ ޗާޕު ކުރެވިދާނެ އެވެ. އެކަމަކު މިކަން ކުރަން ފަށައިފިނަމަ ރާއްޖެ ހޯދާ ނުފެންނާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.