ހުރިހާ ގޮތުން ގުޅިފައިވާ ޔޫއޭއީއާއެކު މިފަހަރު ރާއްޖެ އެހެން ހަރުފަތްބަރިއަކަށް މައްޗަށް ޖެހިލާނެ އެވެ. ރާއްޖޭގައި ޔޫއޭއީގެ އާ އިންވެސްޓްމަންޓްތަކެއް ފެށި ދިވެހިންނަށް އާ ފުރުސަތުތަކެއް ފަހި ވެގެން ދިއުމަކީ އެދޭ ގޮތެވެ.
ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ކަމަށް ހާރިޖީ ދާއިރާގެ ތަޖުރިބާ ބޮޑު، މުހައްމަދު ހުސެއިން ޝަރީފު (މުންދު) އައްޔަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ވަރަށް ގިނަ ގޮތްގޮތަށް ބަލައްވާފަ އެވެ. އޭގެ އެއް ސަބަބަކީ މުންދުއަކީ އެ ގައުމުގައި ގިނަ ދުވަސް ތަކެއް ވަންދެން ދިރިއުޅުއްވާފައިވާ ބޭފުޅަކަށްވެ ވަޑައިގަތުމެވެ. އަނެއް ކަމަކީ އޭނާގެ ހާރީޖީ ތަޖުރިބާ ބޮޑު ކަމާއި ބޭރުގެ ޑިޕްލޮމެޓުންނާ ކައިރި އަދި އަރަބި އެކުވެރި ގައުމުތަކާ ފަރިތަ ބޭފުޅަަށް ވުމެވެ. މި ހުރިހާކަމާއެކު މުންދު ޔޫއޭއީގައި ހުންނަވާތާ ދެ މަސް ވެގެން ދާއިރު، އެ ހުންނެވީ ވަރަށް ބޮޑު ޔަގީންކަމާއެކުގަ އެވެ. އެއޯ ރައީސް މުއިއްޒުގެ ވެރިކަމުގައި ޔޫއޭއީ އާއި ރާއްޖޭގެ ގުޅުން އެހެން ހަރުފަތަކަށް ގެންދިއުމުގެ ޔަގީން ކަމެވެ.
"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް މި އެޑްމިނިސްޓްރޭޝަން [ރައީސް ޑރ. މުއިއްޒު] ގެ ޒައާމަތުގައި ޔޫއޭއީ - ރާއްޖޭގެ ގުޅުން އެހެން ހަރުފަ ތަކަށް އެރޭނެކަން،" ހަތް ސަހަރުގެ މައްޗަށް އުފެދިފައިވާ ޔޫއޭއީގެ ވިޔަފާރީގެ މައި ރަށް ދުބާއީގެ ޑައުންޓައުންގައި ހެރިޓޭޖް އޮޓޯގްރާފް ކަލެކްޝަން ހޮޓަލުގައި ހުންނަވާ "މި" ނޫހަށް ރޭ ވިދާޅުވި އެވެ.
ޔޫއޭއީ އާއި ރާއްޖެއަކީ ޒަމާންވީ ގުޅުމެއް އޮތް ދެ ގައުމެވެ. ރާއްޖެއާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގޮތުން ރަސްމީކޮށް ގުޅުމުގެ ގޮއްޖެހީ މާރިޗް 15، 1978 ވަނަ އަހަރު އެވެ. އޭރުން ފެށިގެން ރާއްޖޭގައި މިހާތަނަށް އައި ހުރިހާ ސަރުކާރުތަކާއި ދެމެދު ވެސް ޔޫއޭއީން ގާތް އެކުވެރި ގުޅުމެއް ބާއްވައި ދެމެހެއްޓި އެވެ.
ޔޫއޭއީގެ ބާނީ، ހަތް ސަހަރުގެ ވެރިޔާ ޝެއިހް ޒައިދް ބިން ސުލްތާން ނަހްޔާންގެ ޒަމާނުން ފެށިގެން މިއަދާ ޖެހެންދެން މި ގައުމުގެ ކޮންމެ ވެރިޔަކު ވެސް ރާއްޖެއާ ގާތް ގުޅުމެއް ބޭއްވެވި އެވެ. ރާއްޖޭގެ އާ ރައީސް މުއިއްޒު ޔޫއޭއީއަށް ފެއްޓެވި އޮފިޝަލް ވިޒިޓްގައި ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް މައްޗަށް ޖެހިލާނެ ކަމުގެ ފެހި ބޮކިތައް ހުރީ ދިއްލިފަ އެވެ.
ސަފީރު މުންދު ވިދާޅުވި ގޮތުގައި މި ފަހަރު ޔޫއޭއީ އާއި ރާއްޖޭގެ ގުޅުން އެހެން ހަރުފަތްބަރިއަކަށް އަރައިގެންދާނެ ކަމުގެ ފެހި އެއް ސިގްނަލަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ތިން މަސްތެރޭ ތިން ފަހަރެއްގެ މަތިން މި ގައުމަށް ވަޑައިގެންފައި ވުމެވެ. އެއީ ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން ކުރިޔަށް ދާނެ ގޮތުގެ ކުޑަކުޑަ މަންޒަރެއްގެ ގޮތުގައި މުންދު ސިފަ ކުރެއްވި އެވެ.
މުންދު ދެއްވާ ޔަގީން ކަމަކީ ކުރިއަށް އޮތްތަނުގައި ޔޫއޭއީއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މަތީ ފަންތީގެ ބައިވެރިންގެ ތެރެއަށް ވަންނާނެ ކަމެވެ.
ރައީސް މުއިއްޒު ޔޫއޭއީ ދަތުރުފުޅަކީ ޔޫއޭއީގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫއޭއީގެ މިނިސްޓާ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ ޔޫއޭއީން އިންތިޒާމު ކުރާ ވޯލްޑް ގަވަމަންޓް ސަމިޓް - ޝޭޕިން ފިއުޗާ ގަވަމަންޓްސް ގައި ރައީސް މުއިއްޒު ބައިވެރިވަޑައިގަންނަވަން ދެއްވި ދައުވަތެކެވެ. މި ދައުވަތުގެ ދުނިޔޭގެ 25 ލީޑަރަކަށް އަރުވާފައި ވެއެވެ. އަދި މި ދައުވަތަކީ ކުރީން ވެސް ރާއްޖެއަށް ލިބޭ ދައުވަތެކެވެ. ނަމަވެސް މިފަހަރާއި ކުރިއާ އޮތް ތަފާތަކީ މި ފަހަރުގެ ސަމިޓުގައި ރާއްޖޭގެ އެންމެ މަތީ ވެރިޔާ ސީދާ ރައީސުލް ޖުމްހޫރިއްޔާ ބައިވެރިވަޑައިގަތުމެވެ. މިދިޔަ ފަސް އަހަރަށް ބަލާނަމަ މި ސަމިޓަށް ގިނަ ފަހަރު ވަޑައިގެންފައިވަނީ ނައިބު ރައީސެވެ.
މުންދު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު ޔޫއޭއީގެ އެކި ފަރާތްތަކުން ރާއްޖެއަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ފާޅު ކުރަމުން ގެންދެ އެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް އިންވެސްޓްކޮށްފައި ނެތް، ޔޫއޭއީގެ ބޮޑެތި ކުންފުނިތަކުން އިންވެސްޓް ކުރަން ބޭނުން ވެގެން ވާހަކަ ދައްކަމުން ގެންދެ އެވެ.
"އިންވެސްޓްމަންޓް ފޯރަމްގެ ބޭނުމަކީ އެ ފުރުސަތު [އިންވެސްޓަރުން] ނަށް ހޯދައި ދިނުން. ރާއްޖޭގައި މިހާރު އިންވެސްޓްމަންޓް ކްލައިމެޓް އޮތް ގޮތް ގިނަ ބަޔަކަށް ކިޔައި ދިނުން. ރާއްޖެއަށް އެހީތެރި ވެދެވެން އޮތީ ކޮން ދިމާލަކުންތޯ. ނެޓްވޯކް ކުރެވޭނީ ކޮންކޮން ދިވެހި ސަރުކާރުގެ ވުޒާރާތަކަކާތޯ ބަލައި ދައްކައި ދިނުން. މި ހުރިހާ ކަމެއް އެއް ތަނަކުން ލިބިގެންދާނެ މިފަހަރުގެ އިންވެސްޓްމެންޓް ފޯރަމުން،" މުންދު ވިދާޅުވި އެވެ.
ޔޫއޭއީން މިހާރު ވެސް ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓް މަދެއް ނޫނެވެ. މި އިންވެސްޓްމަންޓްތަކުގައި އާއްމު އަމިއްލަ ވަކިވަކި ފަރުދުންނާ ގުޅިގެން ކޮށްފައިވާ އިންވެސްޓްމަންޓްތައް ހިމެނެ އެވެ. ޔޫއޭއީގެ ޝާހީ އާއިލާއިން ދަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންވެސްޓްކޮށް އިގްތިސޯދަށް އެހީތެރިވަމުންނެވެ. އަދި ޔޫއޭއީ ހިމެނިފައި ވަނީ ރާއްޖެއަށް ހިލޭ އެހީގެ ގޮތުން ވެސް އެންމެ ގިނަ އަދަދެއް ކޮންމެ އަހަރެއްގައި ވެސް އެހީ ދޭ އެއް ގައުމަށެވެ. ދިވެހިރާއްޖެ ބިނާ ކުރުމުގައި ބައިވެރިއެއްގެ ގޮތުގަ އެވެ.
ޔޫއޭއީގެ އަބޫދާބީ ފަންޑަކީ އޭގެ މިސާލަކެވެ؛ ރާއްޖެއާއެކު ސިޔާސީ ގުޅުން އުފެދުނު ދުވަހުން ފެށިގެން އެ ފަންޑުން ދަނީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގައި ވެސް އެންމެ ބޮޑު އެއް ބައިވެރިއަކީ އަބޫދާބީ ފަންޑެވެ.
ޔޫއޭއީ އާއި ރާއްޖެއާ ދެމެދު ހަތަރު އެއާލައިންއަކުން ދަތުރު ކުރެ އެވެ. ޔޫއޭއީގެ އެމިރޭޓްސް އާއި އިއްތިހާދު އަދި ފްލައިދުބާއީގެ އިތުރުން ވިޒްއެއާލައިނާ ރާއްޖެ ވަނީ ގުޅާލެވިފަ އެވެ. ހަފުތާއަކު އަށް ފްލައިޓް ޔޫއޭއީ އާއި ރާއްޖެއާ ދެމެދު އޮވެ އެވެ.
މުންދު ވިދާޅުވި ގޮތުގައި ރާއްޖެ ޔޫއޭއީއާއެކު ފުރިހަމަ ކަނެކްޝަނެއް އޮތުމާއެކު ޓޫރިޒަމް ސިނާއަތުގައި ރާއްޖެ އާއި ޔޫއޭއާ ދެމެދު މިހާތަނަށް ގެންގުޅުނު ވިސްނުން ބަދަލު ކުރަން އެމްއެމްޕީއާރްސީއާ ގުޅިގެން މަސައްކަތް ކުރައްވާނެ އެވެ.
"މިހާތަނަށް ވިސްނަމުން މި އަންނަނީ މިއީ ހަމައެކަނި ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި. އެންމެ ގިނަ ފަތުރުވެރިން ގެންދާ ގައުމަކީ މިއީ. އެކަމަކު ވިސްނަނީ ޓްރާންސިޓްމަންޒިލެއްގެ ގޮތުގަ. ހަގީގަތަކީ މިއި އެންމެ މުއްސަނދި ގައުމު، އަދި މިއީ އާދަޔާ ހިލާފު ގައުމެއް. މި ގައުމުގެ ރައްޔިތުން މަދުވާނެ [އެމިރާޓީސް] މަދުވާނެ. މިތާ ތިބީ ހައި އިންކަމް ބޭފުޅުން. އެހެންވެ ރާއްޖެ އަށް ދާ ފަތުރުވެރިން ގިނަ ކުރެވޭނެ. އެހެންވެ ޔޫއޭއީގައި މާކެޓު ކުރުން ހަރުދަނާ ކުރަން މަސައްކަތް ކުރާނަން،" މުންދު ވިދާޅުވި އެވެ.
ޔޫއޭއީގެ ހަތް ސަރަހައްދުގެ ތެރޭން ފަސް ސަރަހަރެއްގައި ދިވެހިން ދިރިއުޅެ އެވެ؛ މަތީ ފަންތީގެ އެކި ވަޒީފާތަކުގައި ދިވެހި ގިނަ ބަޔަކު މަސައްކަތް ވެސް ކުރެ އެވެ. ޔޫއޭއީގައި ދިވެހި ގިނަ އާއިލާ ތަކެއް ކުދިންނަށް ކިޔަވައިދޭން ދިރިއުޅެ އެވެ. ދިވެހި ގިނަ ކުންފުނިތަކެއް ވެސް ސްޓޭޝަން ވެގެން މަސައްކަތް ކުރެ އެވެ. އެ ފަރާތްތަކުގެ ކުދިންނަށް ދިވެހި - އިސްލާމް ކިޔަވައިދެވޭނެ އިންތިޒާމެއް ވެސް ރައީސް މުއިއްޒާއެކު ފަށާ އާ ދަތުރުގެ ތެރޭން ހަމަޖެހިގެންދާނެ އެވެ. އަދި ޔޫއޭއީގައި ތިބި ދިވެހިންނަށް ޔޫއޭއީން އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެ އެވެ.
ހުރިހާ ގޮތުން ގުޅިފައިވާ ޔޫއޭއީއާއެކު މިފަހަރު ރާއްޖެ އެހެން ހަރުފަތްބަރިއަކަށް މައްޗަށް ޖެހިލާނެ އެވެ. ރާއްޖޭގައި ޔޫއޭއީގެ އާ އިންވެސްޓްމަންޓްތަކެއް ފެށި ދިވެހިންނަށް އާ ފުރުސަތުތަކެއް ފަހި ވެގެން ދިއުމަކީ އެދޭ ގޮތެވެ. ދިވެހި ސަފީރުގެ އަޒުމާއި އަމާޒެވެ. މުންމު ހުންނެވި އެ ޔަގީންކަމާއެކުގަ އެވެ.