ފައިލޭރިއާއަށް ސްކްރީން ކުރުމުގެ ކެމްޕޭނެއް މުޅި ރާއްޖޭގައި ފަށަނީ

ޓެސްޓް ކުރުމަށްފަހު ޕޮޒިޓިވްވާ މީހުންނަށް ސިއްހީ ހިދުމަތްތެރިއެއްގެ އެހީގައި ފައިލޭރިއާގެ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭސް ވަގުތުން ދޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ބޭރު ގައުމެއްގައި ފައިލޭރިއާއަށް ޓެސްޓް ކުރަނީ: މުޅި ރާއްޖޭގައި ސްކްރީނިން ޕްރޮގްރާމެއް ބާއްވަން ވަނީ ހަމަޖެހިފައި --

ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށްޜަކައި މުޅި ރާއްޖޭގައި ފައިލޭރިއާއަށް ސްކްރީން ކުރުމުގެ ކެމްޕޭނެއް ފަށަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތައްޔާރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މުޅި ރާއްޖޭގައި ކުރިއަށްގެންދާ މި ސްކްރީނިން ޕްރޮގްރާމް ފަށާނީ. މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ބައެއް ރިސޯޓުތަކުގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައި މި ސްކްރީނިން ކުރިއަށް ދާނެ އެވެ.

އެޗްޕީއޭ އިން ބުނީ ކޮންމެ ރަށަކުން ވެސް ސްކްރީނިންގައި ބައިވެރިވެވޭނީ ވަކި އަދަދަކަށް ގުރުއަތުން ހޮވާލެވޭ 18 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ. 

ފައިލޭރިއާއަށް ޓެސްޓް ކުރެވޭނީ ހަށިގަނޑުން ލޭ ނަގައިގެން، އެންޓިޖަން ކިޓް ބޭނުންކޮށްގެންނެވެ. ޓެސްޓްގެ ނަތީޖާ 10 އަކާއި 15 މިނެޓް ތެރޭގައި ލިބޭނެ އެވެ. ޓެސްޓް ކުރުމަށްފަހު ޕޮޒިޓިވްވާ މީހުންނަށް ސިއްހީ ހިދުމަތްތެރިއެއްގެ އެހީގައި ފައިލޭރިއާގެ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭސް ވަގުތުން ދޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ސްކްރީނިންގައި ބައިވެރިވާން ގުރުއަތުން ހޮވޭ މީހުންގެ ގޭގެއަށް ޓީމުތައް ދާނެ އެވެ. ބިދޭސީ މީހުން ސްކްރީން ކުރާނީ އެމީހުންނަށް ވަޒީފާދޭ ފަރާތްތަކާ މުއާމަލާތު ކުރުމަށްފަހު އެވެ.

މި ކެމްޕޭން ކުރިއަށް ގެންދާނީ މޯލްޑިވްސް ރެޑް ކްރެސެންޓާއި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ އިތުރުން ކައުންސިލްތަކާ ގުޅިގެންނެވެ.

ފައިލޭރިއާ އަކީ ކޮބާ؟ ފައިލޭރިއާ އަކީ އާންމުކޮށް ކިއުލެކްސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔެެކެވެ. މި މަދިރި އުފެދި އާލާވަނީ އާންމުކޮށް ހަޑި ފެނުގަ އެވެ. ފައިލޭރިއާ ޖެހުމަށް ފަހު އެތައް ދުވަހެއް ވަންދެން ބޭރަށް އަލާމާތެއް ނުފެނި ހުރެދާނެ އެވެ. އެެހެން ނަމަވެސް ދިގު މުއްދަތަކަށް ފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމަތްތައް ފެންނާނެ އެވެ.

ފައިލޭރިއާގެ އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުމެވެ. ފައިލޭރިއާ ހުރިކަން ޔަގީންވާ މީހުންނަށް ދެވޭ ފަރުވާ އަކީ އެއްފަހަރު ބޭނުންކުރާ ދެ ބޭހެކެވެ. މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި މި ބައްޔަކީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެކެވެ. މީގެ ގިނަ އަހަރުތަކެއް ކުރީން މިއީ ރާއްޖޭގައި ވަރަށް އާންމުވެފައި އޮތް ބައްޔެކެވެ.   

ނަމަވެސް މި ބަލި އަނެއްކާ ވެސް ރާއްޖެއިން ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ކުޅުދުއްފުށި ސިޓީންނެވެ. ބަލި ޖެހިފައިވާ ބަޔަކު ފެނުނީ އެ ސިޓީގައި ބިދޭސީ މަސައްކަތްތެރީންނަށް ހާއްސަކޮށްގެން ހިންގި ސްކްރީން ކޭމްޕެއްގެ ތެރެއިންނެވެ. އެ ރަށުން އެ ބަލި ޖެހިފައިވާ 25 މީހަކު ފެނިފައިވެ އެވެ.

އޭގެ ފަހުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މައިގްރޭންޓް ފެއާ ގައި 13 ބިދޭސީ އަކު ޓެސްޓް ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެކަކު ފައިލޭރިއާ އަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި ވިލިމާލެ އާއި ގުޅިފަޅާއި ތިލަފުއްޓާއި މާލެ އިން ވެސް އެކި މީހުން ޓެސްޓް ކުރި އެވެ. އެ ގޮތުން މާލެ އިން ޓެސްޓް ކުރި 15 މީހުންގެ ތެރެއިން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.