ރާއްޖޭގެ އިގްތިސޯދު އުފުލާން: 300 ވިޔަފާރިވެރިން ބްރުޖް އަލް އަރަބަށް

މި ފޯރަމްގައި ބައިވެރިވާ ވިޔަފާރިވެރިންގެ 50 ޕަސެންޓަކީ ބޭރުގެ ކުންފުނިތަކެވެ. ދުބާއީގެ އެންމެ އައިކޮނިކް ބިނާގައި އޮންނަ މި ފޯރަމްގައި މަޝްރޫއު މޫނުތަކެއް ފެނިގެންދާނެ އެވެ.

ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް އޮންނަ ބްރުޖް އަލް އަރަބް

ދުބާއީން: މުހައްމަދު އަފްރާހު

ދުބާއިގައި މިހެން ހިނގަމުންދާއިރު އަރާ ހަމަވެފައި މިވާ ހޮޓަލާ މާ ދުރު ނޫން ހިސާބެއްގައި ފެންނާން އެ ހުރީ ދުނިޔޭގެ އެންމެ އައިކަނިކް އެއް އިމާރާތެވެ. އެއީ އިމާރާތް ކުރުމުގެ ދުނިޔެ ހައިރާންކޮށް ކޮށްކޮށްލި ފުރިހަމަ ބިނާ މަޝްހޫރު ބްރުޖް އަލް އަރަބް އެވެ. ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކާއެކު ދިވެހި ސަރުކާރުން މީގެ ދެ ދުވަސް ފަހުން ވަންނާނީ މި އިމާރާތެށެވެ. އެ ތާނގެ އުހުގައި ބޭރުގެ އިންވެސްޓަރުން ގާތު ބުނާނީ ރާއްޖޭގެ އިގްތިސޯދު ވަރަށް މައްޗަށް އުފުލައިލަން ބޭނުމެވެ؛ އަދި ކިޔައި ދޭނީ ރާއްޖޭގެ އިގްތިސޯދު މައްޗަށް އުފުލާލަން ރާއްޖޭގައި ހުރި ފުރުސަތުތަކެވެ. މި ފުރުސުތައް ދެކެލާން މި ހާއްސަ އިމާރާތަށް 300 އެއްހާ ބޮޑެތި ވިޔަފާރިވެރިން ޖަމަވާނެ އެވެ. 

ރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތައް މި ދުބާއީގައި ތިބި ބޭރުގެ އިންވެސްޓަރުންނަށް ކިޔައިދޭން ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް - ދުބާއީގައި، 300 އަށްވުރެ ގިނަ އިންވެސްޓަރުން އެއްތަންވެ މައުލޫމާތު ސާފު ކުރާނެ އެވެ. އަދި މި ފުރުސަތުތަކުގެ ބޭނުން ހިފައި ދުބާއީގައި އޮފީސް ހުޅުވައިގެން ވިޔަފާރިކުރާ ދިވެހި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ވެސް ބައިވެރިވާނެ އެވެ. 

އެކަމަކު މި ފޯރަމްގައި ބައިވެރިވާ އިންވެސްޓަރުންނާއި ވިޔަފާރިތަކުގެ މައިގަނޑު ބަޔަކަށް ވާނީ މަލްޓި ބިލިއަން ޑޮލަރުގެ ބޮޑެތި ކުންފުނިތަކާއި ދުނިޔޭގެ ބިލިއަނަރުންނެވެ. މީގެ ތެރޭގައި ދުނިޔޭގެ ޓޫރިޒަމްގެ ބޮޑެތި ބްރޭންޑްތަކުގެ އޯނަރުންނާއި އިޔާދަ - ހަކަތަ ފަދަ އިންވެސްޓްމަންޓުގެ ފުރުސަތުތަކަށް ފަހިވާ އާ ޒަމާނުގެ ވިޔަފާރިތައް ކުރާ ފަރާތްތައް ވެސް ހިމެނެ އެވެ.  

މި ވިޔަފާރިވެރިންގެ ތެރޭގައި ރަސްމާލެ ކަނޑު އަޑީގެ ޓަނަލާއި ވަރުގަދަ އެއާޕޯޓްތަކަށް އިންވެސްޓް ކުރެވޭ ފެންވަރުގެ ބޮޑެތި ބޭންކުތަކުގެ ވެރިން ވެސް ހިމެނި ވަޑައިގަންނަވަ އެވެ.

ސިޓީގެ އޯނަރު ފަދަ އެތައް ވިޔަފާރިވެރިންނެއް

މިއަދު ދުބާއީގައި "މި" ނޫހުން ބަލައި ކަށަވަރު ކުރި އިރު މި ފޯރަމްގައި ޔުނައިޑެޓް އެރެބް އެމިރޭޓް (ޔޫއޭއީ) ގެ ހަތް ސަހަރަކުން ފާހަގަކޮށްލެވޭ ވިޔަފާރިވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި މި ޔޫއޭއީ ޝާހީ އާއިލާގެ ގިނަ ވިޔަފާރިވެރި ބޭފުޅުން ވެސް ހިމެނި ވަޑައިގަންނަވަ އެވެ. މީގެތެރޭގައި މެންޗެސްޓާ ސިޓީގެ އޯނަރު އަދި ރާއްޖޭގެ ވަން އެންޑް އޮންލީ ރިސޯޓުގެ ވެރިޔާ މަންސޫރު ބިން ޒައިދް އަލް ނަހްޔާން ފަދަ ބިލިއަނަރުންނެއް ހިމެނި ވަޑައިގަންނަވަ އެވެ. 

ބްރުޖް އަލް އަރަބްގައި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް ފަށާނީ މަހުގެ 13 ވަނަ ދުވަސް / އަންނަ އަންގާރަ ދުވަހުގެ ހަވީރު ފިނީގަ އެވެ.

މި ފޯރަމްގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކުގެ މައުލޫމާތު ދެއްވާން ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތެދުވެ ވަޑައިގަންނަވާނެ އެވެ. އަދި މީގެ އިތުރުން ހާއްސަ ޕެނަލް ޑިސްކަޝަންއެއް ވެސް އޮންނާނެ އެ ޕެނަލް ޑިސްކަޝަންގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޕްރިންސިޕަލް އެޑްވައިޒަރު ޓް ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖަނާހު ބައިވެރިވަޑައިގަންނަވާނެ އެވެ. 

ހުށަހަޅާނެ ކަމަށް ބެލެވޭ މަޝްރޫއުތައް

  •  8 ޑިގުރީ ޕޯޓާއި، ލާމު ޓްރާންޝިޕްމަންޓް ބަނދަރު
  •  އެސްއީޒެޑް ގާނޫނާއެކު އަންނާނެ އިންވެސްޓްމަންޓްތައް
  •  ފޮނަދޫން ތެޔޮ ފެސިލޓީ ނަގައި ހަދާ ފައިނޭންޝަލް ހަބް
  •  އެއާޕޯޓް ދެވަނަ ފިޔަވަހި / ފިއުޗާ އެއާޕޯޓް
  •  ނުހެދި ހުރި ރިސޯޓުތަކުގެ ފުރުސަތުތައް
  •  ރަސްމާލެ މަޝްހޫރު / ކަނޑު އަޑީ ޓަނަލް
  •  އެތޭގެ އެއާޕޯޓްތައް އެޅުން
  •  މި އަހަރު އަލަށް ނެރޭ 20 ރިސޯޓް

ރާއްޖޭން މިހާތަނަށް ބޭއްވި ފޯރަމްތައް

ރާއްޖޭން މިހާތަނަށް ބޭރުގައި ބޭއްވި ގިނަ އިންވެސްޓްމަންޓް ފޯރަމްގައި އިންތިޒާމު ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުވި އެއް ބޭފުޅަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އޭނާގެ އިކޮނޮމިކް މިނިސްޓަރު ކަމުގައި 2014 ވަނަ އަހަރު ސިންގަޕޫރު އަދި 2015 ވަނަ އަހަރު ޗައިނާގެ ބެއިޖިން އާއި ވަނީ އިންޑިއާގެ ނިއުދިއްލީގަ ވެސް އިންވެސްޓްމަންޓް ފޯރަމެއް ބާއްވާފަ އެވެ. އޭގެ ފަހުން ރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތައް ކިޔައިދޭން ފޯރަމެއް ބޭރުގަ ބާއްވާފައެއް ނުވެ އެވެ.

މިހާރު އާދެވިފައި މިހުރީ ބްރުޖް އަލް އަރަބްއާ ނުހުނަހު ކައިރީ ހިސާބަކަށެވެ. އަންގާރަ ދުވަހު ރާއްޖޭގެ އިގްތިސޯދު އުފުލާން 300 މަހުޖަނު ވިޔަފާރިވެރިން ބްރުޖް އަލް އަރަބަށް އަރާ އެރުމަކީ ރާއްޖެއަށް ދެވޭނެ ވަރަށްވެސް އުސް ހަރުފަތަކަށް ވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.