ސިޔާސީ ޕާޓީތަކުން މޯލްޑިވިއަންގެ ހިދުމަތް ހޯދުމަށް ފަހު ބިލުތަކަށް ފައިސާ ނުދައްކާ އޮންނަ މައްސަލަ އަބަދުވެސް ކުރިމަތިވެ އެވެ. އަދި އެއީ މޯލްޑިވިއަންއަށް ގެއްލުވާ ސަބަބަކަށްވެފައި ވެއެވެ.
މިދިއަ ރިޔާސީ އިންތިހާބުގެ ތެރޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން އައިލެންޑް އޭވިއޭޝަން ސާވިސްގެ މޯލްޑިވިއަނުން ނަގާފައިވާ ޓިކެޓްތަކާއި ޗާޓަރު ކުރި ފްލައިޓްތަކަށް މިހާތަނަށް ނުދައްކާ ހުރި ފައިސާ ދައްކާ ހަލާސް ކުރަން އެ ޕާޓީއަށް އަންގައި މުހުލަތެއް ދީފި އެވެ.
އައިލެންޑް އޭވިއޭޝަނުން އެމްޑީޕީއަށް ފޮނުވާފައިވާ ސިޓީއެއްގެ ބުނާ ގޮތުން އެމްޑީޕީން މޯލްޑިވިއަނަށް ނުދައްކާ 5.6 މިލިއަން ރުފިޔާ އެބައޮތެވެ. އަދި އެ ފައިސާ ހޯދަން އެކި ފަހަރު މަތީން އެމްޑީޕީއަށް ސިޓީ ފޮނުވައިގެން ވެސް އެ ބިލްތަކަށް ފައިސާ ދައްކާފައެއް ނުވެ އެވެ.
"މި" ނޫހަށް ކޮޕީއެއް ލިބިފައިވާ އެ ސިޓީ ބުނާ ގޮތުން އެމްޑީޕީން އެއްބަސްވެފައި ވަނީ ހިދުމަތް ހޯދާ ދުވަހުން ފެށިގެން 48 ތެރޭގައި ފައިސާ ދައްކާ ނިންމާށެވެ. އެމްޑީޕީން ނުދައް އޮތް ފައިސާގެ ޖުމްލަ އަދަދަކީ ފައިސާ 5،629،861ރ. އެވެ.
އެ ފައިސާ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ދައްކާ ހަލާސް ނުކޮށްފިނަމަ މޯލްޑިވިއަންއަށް ނުލިބި ހުރި އެ ފައިސާ ހޯދުމުގެ ޝަރުއީ މަރުހަލާ ފަށާ ކޯޓަށް ދާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް މި ސިޓީ ފޮނުވާފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހުގެ ތާރީހުގަ އެވެ.
މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ބަހެއް ހޯދަން ޕާޓީގެ ސްޕޯކްސް ޕާސަން އަނަސް އަބްދުއް ސައްތާރަށް ފޯނު ކުރި ނަމަވެސް ޖަވާބު ނުދެއްވާތީ އެ ޕާޓީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
މި މައްސަލަ ކުރިމަތިވި އިރު މީގެ ކުރީން ޑީއާރްޕީން މޯލްޑިވިއަން ދައްކަން ޖެހޭ 510497ރ. ގެ މައްސަލާގައި ވެސް ކޯޓަށް ދިޔަ އެވެ.
އަދި އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރަން ވެސް އެންގި އެވެ. އެއީ ރައީސް މައުމޫން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ޕާޓީން ކޮށްފައިވާ ދަތުރުތަކަށް ދައްކަން ޖެހޭ ފައިސާ އެވެ. އިލެކްޝަނުން އެ ޕާޓީ އުވާލަން ނިންމި އިރު ވެސް އެ ޕާޓީ އެ ދަރަނި ހަލާސް ނުކޮށް އެބައޮތެވެ.
މީގެ އިތުރުން 2018 އިގެ ރިޔާސީ ކެމްޕޭނުގައި ޕީޕީއެމުން އެ ޕާޓީގެ މެންބަރުން މޯލްޑިވިއަންގެ ބޯޓުތަކުގައި ދަތުރު ކުރުމަށް ފަހު، ނުދައްކައި އޮތް 3.8 މިލިއަން ރުފިޔާ ހޯދަން ވެސް އެ ކުންފުނިން ކޯޓުގައި ދައުވާ ކޮށްފައި ވެއެވެ.