ރާއްޖެ - ޔޫއޭއީ ދަތުރު | މަލްޓި ބިލިއަން ޑޮލަރުގެ ފުރުސަތެއް

މީގެ ދެ ދުވަސްފަހުން ދުބާއީގައި އޮންނަ އިންވެސްޓްމަންޓް ފޯރަމަށް ގިނަ މަޝްރޫއުތަކެއް ރާއްޖޭން ހުށަހަޅާނެ އެވެ. އެއީ ގިނަ ފުރުސަތުތަކެއް ހިމެނޭނެ ފޯރަމެކެވެ.

ރަސްމާލެ ހިއްކަން ފެށުމާއެކު ކޮންނަ ބޯޓުގެ ހޮޅިން ފުރަތަމަ ވެލިގަނޑު އޮހިގެންދަނީ

ދުބާއީން: މުހައްމަދު އަފްރާހު

ރާއްޖެއާ އެކުވެރި އަރަބް އެމިރޭޓްސް (ޔޫއޭއީ) ސިޔާސީ ގުޅުމުން ބަނދެވިގެން ގޮސްފައި ވަނީ މާޗް 15، 1978 ވަނަ އަހަރު އެވެ. ދެ ގައުމުގެ ގުޅުމުގައި އެޅުނު ސޮޔާއެކު ރާއްޖެ-ޔޫއޭއީ ވެގެން ގޮސްފައި ވަނީ ދުނިޔެއަށް މިސާލަކަށެވެ. ގާތްގަނޑަކަށް ހަތަރު މިލިއަން މީހުން ދިރިއުޅޭ ޔޫއޭއީ އާއި ފަސް ލައްކަ ކިރިޔާ ހަމަވާ ރާއްޖޭގެ ގުޅުމަށް މިވީ 46 އަހަރު ތެރޭ ފުރުސަތުތަކުގެ މަންފާ ރާއްޖެއަށް ބޮޑުތަނުން ކޮށްފައި ވެއެވެ.

ހާއްސަކޮށް ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިގްތިސޯދު ބިނާ ކުރުމުގައި ޔޫއޭއީ ވެފައިވަނީ މުހިންމު އެއް ބައިވެރިޔާ އަށެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ އެންމެ އިސްވެރިން އެންމެ ފުރަތަމަ ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ލިސްޓުގައި ޔޫއޭއީ ހިމަނަނީ އެހެންވެ އެވެ. އެ ހުރިހާ ވެރިންނަށްވުރެ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ޔޫއޭއީއާ ގާތުގަ އެވެ. ރައީސް މުއިއްޒު ވަނީ މަގާމުގެ ހުވާ ކުރެއްވުމުގެ ކުރީގައި ވެސް ޔޫއޭއީގެ ދައުވަތަކަށް އެ ގައުމަށް ވަޑައިގެންނެފަ އެވެ. 

މި ގާތް ގުޅުމުގެ އެއް ސަބަބަކީ ރައީސް ޑރ. މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒަރު ޓް ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖަނާހެވެ. އަދި މެދުއިރުމައްޗާއި ގާތް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިސްލާމީ ދުނިޔޭން މިސާލެއްގެ ގޮތުގައި ބައްލަވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. 

އެ ބޭފުޅުންނާއެކު ރާއްޖޭގެ ރައީސް ކުރިއަށް ފުރާމަ ދަތުރުފުޅެއްގައި ޔޫއޭއީއަށް ވަޑައިގެން ކުރިޔަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި ފުރުސަތުތައް މެދުއިރުމަތީގެ އިންވެސްޓަރުންގެ ކުރިމައްޗަށް ނެރުއްވާނެ އެވެ. 

ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް ވަޑައިގެން ހުންނެވީ އިގްތިސޯދީ، ސިނާއީ ތަރައްގީގެ މުހިންމު ބައިތަކެއް ހިމެނޭ މެނިފެސްޓޯއަކާ އެކުގަ އެވެ. އެ މެނިފެސްޓޯގައި މުޅީން ވެސް ހުރީ ޔޫއޭއީ ފަދަ، އިންވެސްޓަރުން ގިނަ ގައުމުތަކަަށް ހުރި ފުރުސަތުތަކެވެ. މަލްޓި ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ފުރުސަތުތަކެވެ.

8 ޑިގުރީ ޕޯޓާއި، ލާމު ޓްރާންޝިޕްމަންޓް ބަނދަރު

މީގެ ދެ ދުވަސް ފަހުން ޔޫއޭއީގެ ވިޔަފާރީގެ މައި ސަހަރު، ދުބާއީގައި އޮންނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި އިންވެސްޓަރުންގެ ކުރިމައްޗަށް ހުށަހަޅާނެ އިންވެސްޓްމަންޓުގެ އެންމެ ބޮޑު އެއް ފުރުސަތުތަކީ ރާއްޖޭގެ އިގްތިސޯދު ބަދަލު ކޮށްލާނެ އިހަވަންދިއްޕޮޅު އިގްތިސޯދީ ބޮޑު ދޮރު ހުޅުވިގެންދާނެ ރާއްޖެ އޮތް ސްޓްރެޓެޖިކް ލޮކޭޝަންގައި ހިމެނޭ "އަށް ޑިގުރި ޗެނަލް" އިން އިކޮނޮމިކް ނަފާ ނަގޭނެ ބިޔަ މަޝްރޫއެވެ. 

ވޭތުވެދިޔަ 40 އަހަރަށް ވުރެ ގިނަ އަހަރުތަކުގައި ވެސް ކުރަން ކިޔައިކިޔައި ނުވި މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށަން ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ފޫޓަކާ ކައިރިވެފަ އެވެ. އެސްއީޒެޑް ގާނޫނު އެކްޓިވްކޮށް އެންމެ ކުޑަ އިންވެސްޓްމަންޓުގެ އަދަދަކީ 100 މިލިއަން ޑޮލަރު ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. އަދި ބިޔަ މި މަޝްރޫއު ހިންގަން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނު (އެމްއައިޑީއެފްޒީ) ކުންފުނި ވަނީ އުފައްދާފަ އެވެ. މި ކުންފުންޏަކީ މިކަމާ ގުޅުންހުރި ހުރިހާ ކުންފުނިތަކެއް ގުޅިގެން އެކުލެވިފައިވާ ކޮންސޯޓިއަމް އެކެވެ. 

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ

މަޝްރޫގައި ހިމެނޭ ބައިތައް

  • އާގު ބޯޓު ފަހަރަށް ތެޔޮ އެޅުމުގެ ހިދުމަތް
  • ބަންކަރިންގެ ބައެއް ހިދުމަތްތައް
  • މި ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓެއް
  • ބޯޓު ފަހަރަށް ފުރިހަމަ ހިދުމަތް ލިބޭނެ

މި މަޝްރޫއުގެ އިތުރުން ލ. ގާދޫގައި ވެސް މިފަދަ މަޝްރޫއެއް ފަށަން ވަނީ ނިންމާފަ އެވެ. ގާދޫ އޮތް މަގަކީ ވެސް ކާރޫބާރު ކުޑަމަގެއް ނޫނެވެ. އެހެންވެ އެއީ ވެސް މި ދަތުރުގައި އިންވެސްޓަރުންގެ ކުރިމައްޗަށް ނެރޭނެ މަޝްރޫއުތަކެކެވެ. 

އެއާޕޯޓް ދެވަނަ ފިޔަވަހި: ފިއުޗާ އެއާޕޯޓް

އެމްއެންއޭސީއައިގެ ރައީސް ޖަނާ އަދި ރައީސް ޑރ. މުއިއްޒު -- ރައީސް އޮފީސް

މިހާރު ތަރައްގީ ކުރަމުން ގެންދާ ވީއައިއޭގެ މަޝްރޫއު މި އަހަރު ނިމޭނެ އެވެ. މިހާރު ތަރައްގީ ކުރާ އެއާޕޯޓުގެ ކެޕޭސިޓީއަކީ ހަތް މިލިއަން މީހުންނެވެ. ނަމަވެސް ސަރުކާރުން ވަނީ 25 މިލިއަން މީހުނަށް އެއާޕޯޓް ފުޅާ ކުރަން ބިޔަ މަޝްރޫއެއް އިއުލާނު ކޮށްފަ އެވެ. މި މަޝްރޫއު ވެސް ވެގެން ދާނީ ދުބާއީ އިންވެސްޓްމަންޓް ފޯރަމަށް ހުށަހެޅޭނެ އެންމެ ބޮޑު އެއް މަޝްރޫއަށެވެ. 

މި މަޝްރޫއުގެ ބޭނުނަކީ 10 ޕަސެންޓުގެ ދުވެއްގައި ކުރިއަރަމުން ދާ ޓޫރިޒަމާއި އިގްތިސޯދު ގުޅުވާލައިގެން ފުރުސަތުތަކެއް ހުޅުވާލުމެވެ. ވީއައިއޭއަކީ ވައިގެ މަަގުން ޓްރާންސްޝިޕްމަންޓް ބަނދަރަށް ހެދުމެވެ. 

އެއާޕޯޓް ދެވަނަ ފިޔަވަހި ކުރުކޮށް

  •  ޑޮމެސްޓިކް އާ ޓާމިނަލް- ގަޑިއަކު 2،000 ފަސިންޖަރުން
  •  އަގުހެޔޮ އެއާލައިން ޓާމިނަލް - ގަޑިއަކު 1،000 ފަސިންޖަރުން
  •  ލޯކޮޓް އެއާލައިންތަކަށް ޓާމިނަލެއް - ހަތަރު ގޭޓް
  •  ސީޕްލޭން ވަސީލަތް ފުޅާ ކުރެވޭނެ
  •  ފިއުލް ކެޕޭސިޓީ - 15 މިލިއަނުން 100 މިލިއަނަށް
  •  އީޔޫ ގަބޫލުކުރާ މަތިންދާ ބޯޓް މަރާމާތު ކުރާތަނެއް
  •  ކާގޯ ޓާމިނަލް 100،000 މެޓްރިކްޓަނުން 300،000 މަތިވާނެ
  •  ޕްރައިވެޓް ޖެޓަށް ހާއްސަ ޓާމިނަލެއް
  •  އެއާކްރާފްޓް - ކެޕޭސިޓީ 34 އިން 73 އަށް

ނުހެދި ހުރި 63 ރިސޯޓް، އަލަށް 20 ރިސޯޓް

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

މި މަޝްރޫއުގެ އިތުރުން ރާއްޖޭގައި ހުއްޓިފައި ހުރި 63 ރިސޯޓް ހެދުމާއެކު މި އަހަރު އަލަށް 20 ރިސޯޓެއް ނެރެންވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނުހެދި ހުރި 63 ރަށް މާކެޓަށް ނެރޭނެ ސިޔާސަތެއް މިހާރު ވަނީ އެކުލަވާލާފަ އެވެ. މިދިޔަ ސަރުކާރުން ހެދި އެންމެ ބޮޑު ގޯހަކީ 50 ރިސޯޓު ބިޑަށް ހުޅުވާލި ނަމަވެސް އެކަމަށް އިންވެސްޓްމަންޓް ހޯދަން މަސައްކަތް ނުކުރުމެވެ. ނުވަތަ ނުވުމެވެ. މިހެންވެ އެ ސަރުކާރުގައި އަލަށް ނެރެވުނީ ހަތަރު ރިސޯޓެވެ. މިއީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިންވެސްޓްމަންޓް ފުރުސަތުގެ މޫނުމަތި ކިލަނބުކޮށްލި ކަމެކެވެ. 

ނަމަވެސް "މި" ނޫހަށް އެނގިފައިވާ ގޮތުގައި އިންވެސްޓްމަންޓް ހޯދަން މިހާރު ކުރަމުންދާ މަސައްކަތާއެކު މިކަން އެއްކޮށް ބަދަލު ވެގެންދާނެ އެވެ. އެކަމުގެ ފެހި ސިންގަލްތައް މިހާރު ވެސް ރައީސް މުއިއްޒުގެ ސަރުކާރަށް ވަނީ ލިބިފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގައި ގައުމާ މުހާތަބު ކުރައްވައި ރާއްޖޭގެ އިގްތިސޯދަށް ކޮންމެހެން ބޭނުންވެފައިވާ މި މައްސަލައިގެ ހައްލު ހޯއްދެވި ގޮތުގެ ކުޑަ ތަފުސީލެއް ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޓޫރިޒަމަށް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްގީ ކުރުމަށް ހުރި ދަތިތަކާއި ހުރަސްތައް ބަލައި އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ

ވީއައިއޭގެ ދެވަނަ ފިޔަވަހީގެ ކުރެހުމެއް : އިތުރު ޓާމިނަލެއް އަޅަން ނިންމާފައިވަނީ މިހާރުގެ ސީޕްލޭން ޓާމިނަލް ނަގާފައި

"އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި މި މަސައްކަތް ނިމޭނެ. އަދި މިފަދަ ތަންތަން ތަރައްގީކޮށް ނިންމުމަށްޓަކައި ލީސް އެގްރީމަންޓާއި އިންވެސްމަންޓްތައް ރީ-ސްޓްރަކްޗާކޮށް، އެ ރަށްތަކުގެ މަސައްކަތް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެކުލަވާލައި އިރާދަކުރެއްވިއްޔާ ތަންފީޒުކުރެވިގެންދާނެ. އަތޮޅުތަކަށް ޓޫރިޒަމް އިތުރަށް ފުޅާކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ އާ 20 ރިސޯޓް މިއަހަރު ހުޅުވައި 2857 އެނދު އުފެދިގެން ދިއުމެވެ. އަދި ނުހެދި ހުރި ރިސޯޓްތައް ނިންމަން ފުރުސަތު ފަހިކޮށްދިނުމެވެ. 

އަތޮޅުތަކަށް ޓޫރިޒަމް އިތުރަށް ފުޅާކުރާނެ އެވެ. މިގޮތުން ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް "އައްސޭރި ޓޫރިޒަމް" މަޝްރޫއެއް އެކުލަވާލައި އިފްތިތާހު ކުރުމުގެ ގޮތުން އައްޑޫ ސިޓީއަށް ހާއްސަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންއެއްގެ މަސައްކަތް ކުރަމުންދެ އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ވަޒީރުންގެ މަޖިލީހުގައި ވިޒިޓާ އިކޮނޮމީ ކައުންސިލެއް އުފެއްދެވީ ޓޫރިޒަމްގެ ހިދުމަތް ރާއްޖޭގައި ފުޅާކުރާށެވެ. އަދި ބައިނަލްއަގްވާމީ ބޮޑެތި މަހާސިންތާތަކާ ހަފްލާތައް ބޭއްވޭ މަންޒިލަކަށް ރާއްޖެ ހަދަން މައިސް ޓޫރިޒަމް ތައާރަފު ކުރާށެވެ.

"ތައުލީމީ ދާއިރާއާ ސަގާފަތާއި ތަރިކައިގެ ދާއިރާއާ ސީއްހީ ދާއިރާއާ ތިމާވެށީގެ ދާއިރާގެ ތެރެއިންވެސް ޓޫރިޒަމްގެ ހިދުމަތް ރާއްޖޭގައި ފުޅާކުރަން. މި ދައުރުގެ ތެރޭގައި މި ހެޔޮ ބަދަލުތައް ރާއްޖޭގެ ޓޫރިޒަމަށް އިރާދަކުރެއްވިއްޔާ އަންނާނެ،" ރައީސް ވިދާޅުވި އެވެ. 


ޓޫރިޒަމްގެ ފުރުސަތު ފުޅާ ކުރަން ސަރުކާރުން ވަނީ ވިޒިޓާ އިކޮނޮމިކް ކައުންސިލް (ވީއީސީ) އުފައްދާފަ އެވެ. ޓޫރިޒަމް ޑައިވާސިފައި ކުރުމަށް މުޅި ސަރުކާރު އެއްކޮށް ހުޅުވާލި މި ފުރުސަތުގެ ދަށުން ޓޫރިޒަމްގެ އެކި ބައިތަކެއް އުފައްދަން މުޅި ސަރުކާރު އެއްކޮށް މަސައްކަތް ކުރާނެ އެވެ. މިއީވެސް އިންވެސްޓަރުންނަށް ހުޅުވާލެ ފުރުސަތެކެވެ. 

ރަސްމާލެ - އިކޯސިޓީ، ކަނޑުއަޑީގެ ޓަނަލް

ފުށިދިއްގަރުފަޅުން ބިއްކައި ރަސްމާލެ ޕްރޮޖެކްޓް ފައްޓަވައި ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގެ އާބާދީ ތޮއްޖެހުމާއި ބޯހިޔާވަހިކަމަށް ހައްލު ގެންނަން ސަރުކާރުން ވަނީ ފިއުޗަރިސްޓިކް މަޝްރޫއުއެއް ފަށާފަ އެވެ. މިއީ ވެސް އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫއެކެވެ. މި މަޝްރޫއު ބްރޭންޑް ކުރަނީ އިކޯއައިލެންޑުގެ ގޮތުގަ އެވެ. ސަބަބަކީ އިއާދަ ހަކަތައިގެ އިންވެސްޓްމަންޓްތަކެއް އެތަނަށް ގެނެސް ތަރައްގީ ކުރުމެވެ. 

މިކަން ކުރަން ސަރުކާރުން ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށް ދިގު މުއްދަތަށް ހުޅުމާލޭގެ ފަޅުން 10 ހެކްޓަރު އަދި ފުށިދިއްގަރު ފަޅުން 60 ހެކްޓަރުގެ ބިން ދިގު މުއްދަތަށް ދޭ ގޮތަށް ބިން ހިއްކަން ފަށާފަ އެވެ. އަދި މި ރަށާއި މާލެ ކަނޑުގެ އަޑިން ޓަނަލް އަކުން ގުޅާލާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މިއީވެސް ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ. 

ރަސްމާލޭގެ ހާއްސަ ސިފަތައް

  •  ރަސްމާލެއަކީ 20 އަހަރުގެ ޕްލޭނެއް ހިމެނޭ ސިޓީއެއް
  •   ހުޅުމާލޭގެ ދެ ފޭސްއަށް ވުރެ ތިން ގުނަ ބޮޑު ސަރަހައްދެއް
  •  އަށް މަސް ތެރޭ ބިން ހިއްކާ ނިމޭނެ
  •  އެ ސިޓީ ތަރައްގީ ކުރަނީ މާލެ ނައިސް ވާނެ މިންވަރަށް
  •  ފުރިހަމަ ފެރީ ނިޒާމެއް އޮންނާނެ
  •  އާ ސިޓީ ހަދަނީ ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން
  •  ހައުސިން ސިނާއަތަށް އިންގިލާބީ އަދި ތާރީހީ ބޮޑު ކުރި އެރުމެއް ލިބޭނެ
  •  ރަސް މާލެ ބްރޭންޑް ކުރަނީ އިކޯ ސިޓީއެއްގެ ގޮތުގަ
  •  މުޅި ސިޓީ އޮންނާނީ ތިމާވެއްޓާ ރަހުމަތްތެރިކޮށް
  •  ރަސްމާލެއާ ކައިރީގައި އެއާ ސްލިޕެއް
  •  ރަށް ތަރައްގީ ކުރަނީ ސޭފް އައިލެންޑެއްގެ ގޮތުގައި
  •  އެއްފަހަރާ 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން
  •  މި ސިޓީގައި 1600 އަކަފޫޓްގެ 11،000 ގޯއްޗާއި 1400 އަކަފޫޓްގެ 20،000 ފްލެޓް
  •  ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ހިމެނޭނެ
  •  ގެސްޓްހައުސް އާއި ޓޫރިޒަމަށް ހާއްސަ ވަކި ދެ ރަށެއް އެ ފަޅުގައި ތަރައްގީކުރާނެ
  •  ވިޔަފާރި އަދި ކުޅިވަރަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކުރާނެ

މިހުރިހާ ފުރުސަތުތަކާއެކު ރާއްޖޭން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިންވެސްޓަރުންގެ ކުރިމައްޗަށް ބޮޑު ޕްރޮޕޯސަލެއް ހުށަހަޅާނެ އެވެ. ގިނަ ފުރުސަތުތަކެއް ދޭނެ އެވެ. ހަމަޔަގީނުންވެސް މިފަހަރު އިންވެސްޓަރުންނަށް ފުރުސަތުތައް އެބަހުއްޓެވެ. ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި މިފަދަ އެތައް ކަމެއް ލިޔެފައި އެބަހުއްޓެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.