ބުރުންޏަށް ބަލާއިރު، ރަށް ގިރުމުގެ މައްސަލަ ބޮޑުވެފައިވާއިރު އެންމެ އިސްކަމެއް ދޭނީ އެ މައްސަލަ ހައްލު ކުރަން ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ފަހުން ދެން އިސްކަން ދޭނީ ރަށުގެ ބަނދަރު ހެދުމަށް ކަމަށެވެ.
ރަށްރަށުގައި ބަނދަރު ހެދުން ފަދަ އެތައް މަޝްރޫއުއެއް ހިންގަން ކުރީ ސަރުކާރުން އެގްރިމެންޓްތަކުގައި ސޮއިކޮށްފައިވީ ނަމަވެސް ގިނަ ކަންކަން މިއަހަރަށް ލަފާ ކުރާ ބަޖެޓްގައި ހިމަނާފައި ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު ތ. ބުރުންޏަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބުކުރައްވަމުން ރައީސް ވަނީ އެރަށުގައި ހުއްޓިފައިވާ ދެ މަޝްރޫއެއް ފާހަގަކުރައްވާފަ އެވެ. އެއީ ރަށް ގިރުމުގެ މައްސަލަ އާއި ބަނދަރު ހެދުމުގެ މަޝްރޫއެވެ.
ރައީސް ވިދާޅުވީ އެގޮތަށް އެއްބަސްވުންތައް ހަދާފައިވާ މަޝްރޫއުތައް ހުއްޓިފައި ވަނީ ބަޖެޓް ނެތުމުން ކަމަށެވެ. މިއަހަރަށް ލަފާ ކުރާ ބަޖެޓް ހެދިއިރު އެކަންކަން ހިމަނާފައި ނުވާތީ، އަލުން މަޝްރޫއުތައް ފަށައިގަންނަން ދަތި ވާނެ ކަން ވެސް ފާހަގަކުރެއްވި އެވެ.
"މިހެން ހުއްޓިފަ ހުރި މަޝްރޫއުތައް ކުރިއަށް ގެންދަން އެންމެ އެކަށީގެންވާ ޖާގައެއް އަދި މި ބެޖެޓުގަ ނެތި ހިނގައިދާނެ. އަދި އިގްތިސޯދީ ގޮތުން ކުންފުނިތައް އޮތް ހާލަތުގެ ގޮތުން ވެސް ދަތިތަކެއް ކުރިމަތިވެދާނެ. އެހެންނަމަވެސް މިފަދަ މުހިންމު މަޝްރޫއުތަކަށް އިސްކަން ދިނުމަކީ އަޅުގަނޑުމެންގެ ސިޔާސަތަކީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިފަދަ މަޝްރޫއުތައް ފަށާއިރު އެންމެ އިސްކަން ދޭނީ ރަށްރަށަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަމުގެ ތަރުތީބުން ކަމަށެވެ. ބުރުންޏަށް ބަލާއިރު، ރަށް ގިރުމުގެ މައްސަލަ ބޮޑުވެފައިވާއިރު އެންމެ އިސްކަމެއް ދޭނީ އެ މައްސަލަ ހައްލު ކުރަން ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ފަހުން ދެން އިސްކަން ދޭނީ ރަށުގެ ބަނދަރު ހެދުމަށް ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ އިސް ކަމެއް ދޭ އެއް ކަމަކީ ފަރުދުން ކުރިއެރުވުން ކަމަށްވާއިރު، އެ ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމުގެ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ބުރުނިން ދެން ރައީސް ވަޑައިގަންނަވާނީ ކަނޑޫދޫ އަށެވެ. ރައީސް ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މިއަދު އަދި ތިން ރަށަށް ވަޑައިގަންނަވާނެ އެވެ.