ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަށަށް ގޮސްފައިވާ މިދަނޑިވަޅުގައި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަސައްކަތްތައް ކުރުމަކީ ރަށަށް ލިބޭނެ ކުރިއެރުމެއްކަން ފާހަގަ ކުރައްވަމުން ވިދާޅުވީ މަޑިފުއްޓަށްވެސް އެފަދަ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ
ތ. މަޑިފުއްޓާއި ކައިރީ އޮންނަ ފަޅުރަށް، އުފުރިޔާއާ މަޑިފުށި ގުޅާލައި، އެރަށު ކައުންސިލަށް އިގްތިސޯދީ ފުރުސަތުތައް ފަހި ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ތ. އަތޮޅަށް ކުރައްވާ ތިންވަނަ މަންޒިލަކީ މަޑިފުއްޓެވެ. އެރަށަށް ވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވަމުން ރައީސް ވަނީ އެރަށުގެ ތަރައްގީއާ ކުރިމަގަށް މުހިންމު ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަސައްކަތްތައް ކުރުމަކީ ރަށަށް ލިބޭނެ ކުރިއެރުމެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މަޑިފުއްޓަށް ވެސް އެފަދަ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ.
އެހެންކަމުން އުފުރިޔާގައި މިހާރު ކުރަމުންދާ ރިވެޓްމެންޓް މަސައްކަތުގެ ތެރެއިން ވިޔަސް، ނުވަތަ އެހެން ގޮތަކުން ވިޔަސް މަޑިފުއްޓާ ގުޅާލާނެ ކަމަށް ވިދާޅުވި އެވެ. އަދި އެއާ ޖެހިގެން އޮންނަ އަނެއް ފަޅުރަށް ކަމަށްވާ ކޮޅުފުށި ވެސް މަޑިފުށީގެ އިހުތިސޯސް ތެރެއަށް ގެނެސް، އެރަށުގެ ބޭނުން ވެސް ކައުންސިލަށް ހިފޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"[އުފުރިޔާ] މިރަށާ ގުޅާލައި، ޖާގަ އިތުރުކޮށްދީ، އިގްތިސޯދީ ފުރުސަތުތައް ފަހިވެގެން ދާނެ. އަދި އޭގެ އެކޮޅަށް އޮންނަ ކޮޅުފުށި ވެސް ދެންމެ އަޅުގަނޑު މި ދެންނެވި ގަވާއިދުގެ ތެރެއަށް ދާން ޖެހެންޏާ އެޔަށް ގޮސް، އަދި އެހެން ނޫނީ އިހުތިސޯސް ކަނޑައެޅުމަށްޓަކައި އޮންނަ ހަމަތަކުގެ މަތިން، އޭގެ ތެރެއިން ގެންގޮސްގެން ވިޔަސް، މިދެންނެވި ގޮތުން ކުރެ ކޮންމެސް ހަމަޔަކުން މިރަށުގެ ކައުންސިލަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަވާލުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށު ކައުންސިލްތަކަށް ރަށްތަކާއި ފަޅުތައް ހިމެނޭހެން ކައުންސިލުތަކަށް ރަށްތައް ދޫކުރާ ގަވާއިދުގެ ދަށުން ކައުންސިލްތަކަށް ބޮޑެތި ބާރުތައް މިހާރު ލިބިގެންދާނެ ކަމަށެވެ. އޭގެ ސަބަބުން އިހުތިސޯސްގައި ނޯންނަ މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ވެސް، އެރަށެއްގެ ރައްޔިތުންގެ އެއްބާރުލުމާއެކު މަސައްކަތްތައް ކުރެވޭނެ މަގު ފަހިވެފައިވާ ކަމަށެވެ.
ގައުމުގެ އިގްތިސޯދީ ހާލަތު ރަގަޅުވާ ވަރަކުން އެރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތައް ފަށައިގަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މަސައްކަތްތައް ފަށައިގަންނައިރު އެންމެ ބޭނުން ޖެހިފައި ވަނީ ކޮން ކަމެއްތޯ ވެސް ބައްލަވާނެ ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގުރައިދޫ އަށެވެ. އޭގެ ފަހުން ދެން ވަޑައިގެންނެވީ ދިޔަމިނގިއްޔަށެވެ. މިރޭ ދެން ވަޑައިގަންނަވާނީ ވޭމަންޑޫ އަށެވެ.