ރައީސް ދެއްވީ މަޑިފުށި-ދިޔަމިގިލި ގުޅާލާނެ ކަމުގެ ޔަގީންކަން

އެ ރަށަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ކޯޒްވޭ އަކުން މަޑިފުށި-ދިޔަމިގިލި ގުޅާލުން ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަން ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގުރައިދޫ ކުއްޖަކާ އެކު ފޮޓޯއެއް ނަންގަވަނީ

ތަރައްގީގެ މަަސައްކަތްތަކަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު ކަމަށާ ނަމަވެސް ރިޔާސީ އިންތިހާބު ގައި ވެވަޑައިގެންނެވި ކޮންމެ ވައުދެއް ފުއްދަވައި ދެއްވުމުގައި ދެމި ހުންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ތ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅު ގައި އެ އަތޮޅު ދިޔަމިގިއްޔަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި ތަރައްގީގެ މަަސައްކަތްތަކަށް މިވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ އިގްތިސާދު އޮތް ހާލަތެވެ. ނަމަވެސް އާމްދަނީ އިތުރު ކުރުމާއި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް މިހާރު ފެށިފައިވާ މަސައްކަތާ އެކު އާމްދަނީ އިތުރުވެ ތަރައްގީގެ ހުރިހާ މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށެވެ.

"އަޅުގަނޑު ދޭން އޮތް ޔަގީން ކަމަކީ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކަންކަމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭނެކަން،"

ރައީސް ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރާއްޖޭގެ ދަރަނީގެ ހާލަތު އޮތީ ދުވަހަކު ނުދާހާ މައްޗަށް ގޮސްފައި ކަމަށެވެ. ބޭރުގެ ދަރަނީގެ އިތުރުން ކުންފުނިތަކުން ދައްކަން ޖެހޭ ދަރަނި ވެސް އޮތީ ވަރަށް މަތީގައި ކަމަށް ވިދާޅުވި އެވެ. އަދި އެކި މަސައްކަތްތަކާއި ގުޅިގެން ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ އެތައް ބިލިއަން ރުފިޔާ އެއް އޮތް ކަމަށް ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން ރަށްރަށުގައި ފަށާފައި ހުރި މަސައްކަތްތައް ހުރީ ހުއްޓިފައި ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ ހާލަތު އޮތީ މިހެން. އިރާދަކުރެއްވިއްޔާ މިކަންކަމުން އަރައިގަންނާނަން،"

ރައީސް ވިދާޅުވީ ދިމިގިއްޔަށް އެމަނިކުފާނު ވެވަޑައިގެންނެވި އެއްވެސް ވައުދަކަށް ފަރުވާ ކުޑަ ނުކުރައްވާނެ ކަމަށެވެ. އެ ރަށަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ކޯޒްވޭ އަކުން މަޑިފުށި-ދިޔަމިގިލި ގުޅާލުން ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަން ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ. އަދި އުންމީދަކީ އަހަރު ދެ ބައިވުމުގެ ކުރީން އެކަމާއި ގުޅޭ މަސައްކަތްތައް ފަށައިގަނެވި މި އަހަރު ތެރޭ އަމަލީ މަސައްކަތް ފެއްޓެވުން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އެެދޭ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނަށް ވެސް ވިދާޅުވެވިދާނެ ކަމަށެވެ. ނަމަވެސް އެއީ ގަބޫލު ކުރައްވާ ހަމަ ނޫން ކަމަށާ އވިދާޅުވާ ކޮންމެ ވާހަކައަކަށް އެމަނިކުފާނު ޒިންމާ ނަންގަވަން ބޭނުންފުޅުވާ ކަމަށެވެ. ވިދާޅުވާނީ އެކަމެއް ކޮށްދެއްވޭނެ އަދި އެކަމެއް ކޮށްދެއްވަން ބޭނުންފުޅު ވެގެން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު މި އޮތް ދަތި ހާލަތުން އަރައިގަތުމަށް ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.