ފްލެޓާ ގުޅޭ ތަފްސީލް އަންނަ ހަފްތާގައި ހާމަ ކުރަނީ

ހައުސިން މިނިސްޓްރީން ރޭ ބުނީ އޭސީސީން ބެލި މައްސަލައާ ގުޅޭގޮތުން އިއްޔެ ސިޓީއެއް ލިބިފައިވާ ކަމަަށެވެ. ނަމަވެސް އެ ސިޓީއާ ގުޅޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.

ފްލެޓް އަޅާ ކުންފުނީގެ މައި އޮފީސް

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަން ފަށާފައިވާ 4000 ފްލެޓާއި ގުޅޭ ތަފްސީލު އަންނަ ހަފްތާގައި ހާމަ ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަން ފަށާފައިވާ 4000 ފްލެޓް ލިބޭނެ މީހުން ކަނޑައެޅި ގޮތާއިމެދު އޭސީސީން ބަލަން ފަށާފައިވާ މައްސަލަ ބަލާ ނިންމިފައިވާ ކަމަަށް އެ ކޮމިޝަނުން ރޭ ވަނީ ބުނެފައެވެ.

އޭސީސީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން، ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ފުލެޓު ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އަންގާފައިވާ އެންގުން އިއްޔެ ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ،

އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން ޢަމަލުކުރުމަށް މިނިސްޓްރީއަށް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އެގޮތުން އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން މައްސަލަހުރި ފޯމުތައް މުރާޖައާ ކުރުމަށް ވަނީ އަންގާފައެވެ. މުރާޖައާކުރުމު ގައި އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާ މުރާޖައާ ކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށް ވަނީ އަންގާފައެވެ.

އެކަމާއި ގުޅިގެން ހައުސިން މިނިސްޓްރީން ރޭ ބުނީ އޭސީސީން ބެލި މައްސަލައާ ގުޅޭގޮތުން އިއްޔެ ސިޓީއެއް ލިބިފައިވާ ކަމަަށެވެ. ނަމަވެސް އެ ސިޓީއާ ގުޅޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.

އަދި ބުނީ ސިޓީއާ ގުޅިގެން ކުރަން ޖެހޭ މަޝްވަރާ ފަށާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލް ފެށޭ ހަފްތާގައި އާންމު ކުރާނެ ކަމަށް ބުންޏެވެ.

ނިމިދިޔަ ސަރުކާރުން ދޫކުރި 4000 ފްލެޓް ހަވާލު ކުރުން އޭސީސީ އިން ހުއްޓުވީ އެކަމާ ގުޅިގެން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ކަމަަށް ބުނެ އެވެ. މިދިޔަ ފަސް އަހަރު ޒިންމާ އަދާކުރުމުގައި ވަރަށް ބޮޑަށް އިހްމާލުވި އޭސީސީން މި މައްސަލަ ބަލާތާ ކިތަންމެ ދުވަހެެކެވެ. މައްސަލަ ނުނިމި ދިގުލައިގެން ދާތީ ފްލެޓް ލިބުނު މީހުންގެ ތެރެއިން ބައެއް މީހުން ވަނީ އޭސީސީ އަށް ވަދެ އިހުތިޖާޖު ކޮށްފައެވެ. 

މި ސަރުކާރުން ދަނީ ފްލެޓް ލިސްޓަށް ބަދަލު ގެންނަން މަސައްކަތް ނުކުރާ ކަމަށާ ފްލެޓް ދޫކުރުން ވެސް ފަސް ނުކުރާނެ ކަމަށް ބުނަމުންނެވެ. އޭރު ބުނީ އެ މަސައްކަތް މަޑުޖެހިފައި އޮތީ އޭސީސީން މައްސަލަ ބަލަމުންދާތީ ކަމަށެވެ. އަދި މައްސަލަ ނިމުމާއެކު ފްލެޓް ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ސަރުކާރުން އޭރު ބުނެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދާދި ފަހުން އާންމުކުރި ވީޑިއޯއެއް ގައި ބުނެފައި ވަނީ ފްލެޓްތަކުގެ އެގްރީމަންޓްތައް ވެސް މިހާރު ހުރީ ޕްރިންޓްކޮށް ނިމިފައި ކަމަށާ ލިސްޓްގެ ކަންކަން ނިމޭތާ ތިން ދުވަސް ތެރޭގައި ސޮއި ކުރަން ފެށޭނެ ކަމަށެވެ.

ހައްގު ނޫން އެތައް ބަޔަކަށް ފްލެޓް ދިނުމާއި ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އިންސާފުން އެއްކިބާ ވެފައިވާ ކަމަށް ކުރެވޭ ތުހުމަތާ އެކު އޭސީސީން ތަހުގީގެއް ފެށީ މީގެ ތިން މަހެއްހާ ދުވަސް ކުރީންނެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ފެށި ހައުސިންގެ ފުރަތަމަ މަޝްރޫއު ތާރީހަށް ނުނިމި އެ ސަރުކާރަށް ފްލެޓްތައް ހަވާލު ކުރެވޭ ގޮތް ނުވީ އެވެ. މި ސަރުކާރު އައިސް ފްލެޓް މަސައްކަތުގެ ސްޕީޑް އަވަސްކޮށް ސައުވީސް ގަޑިއިރު މަަސައްކަތް ދަނީ ހިނގަމުންނެވެ. ބައެއް ފްލެޓްތައް ދެތީން މަސްތެރޭ މުޅީން ނިންމާލެވޭނެ އެވެ. 32 ޓަވަރުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.