ވިޝާމް އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމަފާޅު ކުރައްވާ ރައީސް ވިދާޅުވީ ގެއްލުނީ ހިދުމަތްތެރި ޒުވާން ތައުލީމީ ދަރިއެއް ކަމަށެވެ.
ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް އަވަހާރަވުމަކީ ގާނޫނީ ހިދުމަތުގެ ދާއިރާ އަށް ލިބުނު ފޫނުބެދޭނެ އުނި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވިޝާމް، އަވަހާރަވީ މިރޭ ކުއްލި ގޮތަަށެވެ. ބާ ކައުންސިލްގެ މެންބަރަކު އަދި ވިޝާމްއާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކު ވިދާޅުވި ގޮތުގައި ވިޝާމް ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ފާހާނާތެރެއަށް ވެއްޓިފައި އޮއްވަ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ.
ވެއްޓި ޖެހުމުގެ ސަަބަބުން ބޯ ފަޅައިގެން ގޮސް ގިނަ އަދަދަކަށް ލޭ ވެސް ފައިބާފައި ވެ އެވެ.
ވިޝާމް އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމަފާޅު ކުރައްވާ ރައީސް ވިދާޅުވީ ގެއްލުނީ ހިދުމަތްތެރި ޒުވާން ތައުލީމީ ދަރިއެއް ކަމަށެވެ. ހިތާމައިގެ މިވަގުތު އެމަނިކުފާނުގެ އިހްލާސްތެރި ތައުޒިޔާ އާއިލާ އާއި ބާ ކައުންސިލާއި ގާނޫނީ ވަކީލުންނަށް ދަންނަވާ ކަމަށެވެ.
"ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާއީލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ގާނޫނީ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނި ކަމެއް،" އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ރައީސް ވިދާޅުވި އެވެ.
ބަންޑާރަ ނާއިބުގެ އޮފީހުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ވިޝާމް ނިޔާވިއިރު އުމުރަކީ 39 އަހަރެވެ.
ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ޒުވާން ގާނޫނީ ވަކީލުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ވިޝާމް ގެންދެވީ ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސްގެ މަގާމުގެ ފުރުއްވަމުންނެވެ.
ވިޝާމްގެ ކުއްލި ވަކިވުމާއެކު ގާނޫނީ ދާއިރާގެ އިސް ބޭފުޅުންނާއި ވަކީލުން ގެންދަނީ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.