ވާހަކަ

އިންތިހާއަށް ލޯބިވީމާ – 58

އަމިއްލަ ނަފުސަށް އެތައް އަނިޔާއެއް ދެމުން ނިއުޝާ އެންމެ ފަހުން ނިކަން ބާރަށް ފާރުގަ އޭނާގެ ބޯ ޖެހިއެވެ. ހަމަ އެއާއެކު، ނިއުޝާއަށް އަނދިރި ވެގެން ކޮޓަރި ތެރެއަށް އޭނާ ވެއްޓުނެވެ.

- އެޕިސޯޑް 58 –

ކޮޓަރި ތެރެއަށް ވެއްޓިފައިވާ ނިއުޝާގެ އެއްވެސް ޚަބަރެއް ނެތެވެ. އޭނާގެ ބޮލުން ފައިބަމުންދާ ލޭތައް ކޮޓަރީގެ ޓައިލްސްގަނޑު މަތީގައި ކޭތެެމުން ދިޔައެވެ.

"އަހަރެންގެ އަތުގަ އޮންނާނެ ތަޅުދަނޑި.." ހައިކަލް ބަލައިލީ ފަޔާޒްގެ މޫނަށެވެ. އޭރު އެދެމީހުންނާ އެކު ނާޝިދު ވެސް ހިނގާފައި ނިއުޝާ ދިރިއުޅެމުންދާ ފަޔާޒްގެ ގެއާ ވަރަށް ގާތަށް އާދެވިއްޖެއެވެ. އެ ތިން މީހުންނަށް އެއްވެސް ކަމެއް ނޭނގެއެވެ. ގޭތެރޭގައި ބޮޑު ކަމެއް ހިނގައިފި ކަމުގެ ރޭކާވެސް ނުލައެވެ. ނާޝިދުގެ އެދުމަށް ފަޔާޒް ގެއަށް ނުގޮސް މަޑުކުރުމަށްފަހު، މިވަގުތު ފަޔާޒް ގޮވައިގެން ނާޝިދު އެގެންދަނީ އޭނާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރުމުގެ ބޭނުމުގައެވެ.

ނިއުޝާގެ އެއްވެސް ވާހަކައެއް ނާޝިދު ފަޔާޒަށް ކިޔައެއް ނުދެއެވެ. ނާޝިދު ބޭނުންވީ ސީދާ ނިއުޝާގެ ކުރިމަތީގައި ހުރިހާ ވާހަކައެއް ފަޔާޒަށް އަންގާދޭށެވެ. ފަޔާޒް ދެރަވާނެ ވަރު އިޙްސާސް ކުރެއެވެ. ނަމަވެސް އެއީ ފަޔާޒަށް އެނގެން ޖެހޭ ޙަޤީޤަތެކެވެ.

ހައިކަލް މަޑުމަޑުން ގޭގެ ދޮރު ހުޅުވާލިއެވެ. މުޅި ގޭތެރެއިން ފެންނަނީ ހިމޭން ކަމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ތިން މީހުން އެއްކޮށް ގޭތެރެއަށް ވަނެވެ. ހައިކަލް މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ހައިކަލްގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ. ހައިކަލްގެ ފަހަތުން އައި ފަޔާޒް އާއި ނާޝިދަށް ވެސް ލިބުނީ ބޮޑު ޝޮކެކެވެ. "ނިއުޝާ"އޭ ގޮވާލަމުން ފަޔާޒް ދުވެފައި ގޮސް ނިއުޝާގެ ގައިގައި އޮޅުލައިގަތެވެ.

"ނިއު... ނިއުޝާ... ނިއު.." ފަޔާޒްގެ އަޑު މުޅިން ބަދަލުވެއްޖެއެވެ. ފަޔާޒްގެ ދެލޯ ކަރުނައިން ފުރާލަން ނެގީ މަދު ސިކުންތު ކޮޅެކެވެ.

"ނާޝިދު.. ނިއު އަށް ކިހިނެއްވެފަ މިއޮތީ؟" ފަޔާޒްގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް ހާސް ކަމެވެ. ނާޝިދު އަވަސްވެ ގަތީ އެމްބިއުލާންސްއަށް ގުޅުމަށެވެ.

***

ކަމުގެ ޙަޤީޤަތް އެނގުމާ އެކުގައި މޫސައަށް ލިބުނީ ބަޔާން ކުރަން ދަތި ހިތްދަތި އިޙްސާސެކެވެ. މޫސަގެ ފޯނަށް ސަމާ ގުޅާފައި ދެއްކި ވާހަކަ ޤަބޫޫލު ކުރަން މޫސައަށް ފަސޭހައެއް ނުވިއެވެ. އެ އުމުރުގައި އެ ލިބުން ޚަބަރުން މޫސަ ދިރި ހުރެ، ދިރިއުޅުން ނެތިގެން ދިޔަ ފަދައެވެ. ލޮލުގެ ކޮއި ފަދައިން ބަލާ ބޮޑު ކުރި ދަރިއެއްގެ ހިތުގައި އެވަރުގެ ނަފުރަތެއް އެހާ ފަސޭހައިން އުފެއްދުނީތީ މިއަދު މޫސަ އިންތިހާއަށް ދެރަވެ، ލަދުވެތި ވެއެވެ. 

މޫސަގެ ގާތުގައި މިއަދު އެންމެ ލަދުވެތި ކަމާއެކުގައި އިނީ ރޫމާއެވެ. ރޫމާގެ ދަރިއެއްގެ ފަރާތުން ފެނުން މިފަދަ ކަމެއް މަޔެއްގެ ހައިސިއްޔަތުން ރޫމާއަށް ޤަބޫލު ކުރަން އެއްވެސް ވަރަކަށް ފަސޭހަ އެއް ނޫނެވެ. ފަސޭހަ ވާނީ ވެސް ކިހިނެއް ހެއްޔެވެ؟ ސަމާ އަކީ އެކަހަލަ އަމިއްލަ އެދުން ބޮޑު، ވިޔާ ނުދާ ދަރިއެއް ކަމެއް ރޫމާ އަކަށް ނޭނގެއެވެ. އެއީ ރޫމާ ސަމާއަށް އެއްވެސް އިރެއްގައި ދިން ތަރުބިއްޔަތެއް ނޫނެވެ. ނަމަވެސް ސަމާ ހަލާކު ވެގެން ދިޔުމުގެ ޒިންމާ ރޫމާ ހުރީ އޭނާ ނަގަން ތައްޔާރަށެވެ. މަޔެއްގެ މަޤާމުން ރޫމާ މިއަދު ފެއިލްވީ ކަމުގައި ރޫމާ ނިންމައިގެން މޫސަގެ ގާތުގައި އިނދެ ރޫމާ ވެސް ގެންދިޔައީ ރޮމުންނެވެ.

އައު ދުވަހެއް ފެށިގެން ދިޔައީ ސަމާއަށް އުނދަގޫ އެތައް އިޙްސާސްތަކެއް ކުރުވަމުންނެވެ. އަމިއްލައަށް ފުލުހަށް ގޮސް ސަމާ ފުލުހުންނާ ހަވާލުވީއެވެ. ހުރިހާ ވާހަކައެއް ތެދަށް ސަމާ ކިޔާދިނެވެ. ސަމާގެ ހުރިހާ ރޭވުމެއް ފުލުހުންނަށް ހިއްސާ ކުރިއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ސަމާ ހައްޔަރުވެގެން ދިޔައެވެ.

***

"ނިއުޝާގެ ޙާލު ރަނގަޅު.. ބޭނުން ނަމަ ވަދެވޭނެ. ވާހަކަ ވެސް ދައްކާލެވޭނެ!" ނިއުޝާ ބާއްވާފައި އޮތް ވޯރޑްގެ ކުރިމަތީގައި ހުރި ނަރުސް ބުނެލިއެވެ. ފަޔާޒްގެ މޫނުމަތިން އެވަގުތު ފެނިގެން ދިޔަ އުފާވެރިކަން ކިތަންމެ ރަނގަޅަށް ވެސް ހައިކަލް އާއި ނާޝިދަށް ފެނުނެވެ. ފަޔާޒް ކުރިއަށް ފިޔަވަޅެއް ނެގިއެވެ. ހައިކަލް އާއި ނާޝިދު މަޑުކޮށްލީ ދުރުގައެވެ.

ފަޔާޒަށް ނިއުޝާ ފެނުމާއެކުގައި ވަރަށް އަސަރުކޮށްފިއެވެ. ނިއުޝާގެ ބޮލުގައި ވަނީ ބޭސް އަޅާފައެވެ. އަތަށް ގުޅާފައިވާ އައިވީ ފުޅިއަށް ބަލައިލަމުން ފަޔާޒް މަޑުމަޑުން ނިއުޝާގެ ދިމާ ކުރިމަތީގައި ހުއްޓުނެވެ. ފަޔާޒަށް ހަތަރު ކަޅި ހަމަ ކުރާނެ ހިތްވަރެއް ނިއުޝާއަކަށް ނުލިބުނެވެ. ނިއުޝާ އޭނާގެ މޫނު އެއް ފަރާތަށް އަނބުރާލިއެވެ. ހަމަ އެއާއެކުގައި ނިއުޝާގެ ލޮލުން ހޯސްލާފައި ފޭބި ކަރުނަތަކުން ބާލިސް ތެތްމަން ފެށިއެވެ.

"ނިއު.." ފަޔާޒް މަޑުމަޑުން ގޮވާލިއެވެ. ފަޔާޒްގެ އަޑު ޖެހުމާއެކުގައި ނިއުޝާއަށް ހަމަ ރަނގަޅަށް ވެސް ރޯން ފެށުނެވެ. ފަޔާޒް ގޮސް ހިފައިލީ ނިއުޝާގެ އަތުގައެވެ.

"އަހަރެންނަށް ހުރިހާ ކަމެއް ވެސް އެނގޭ! އަހަރެންނަށް އެނގޭ އަހަރެން ކުށްވެރިކޮށްލެވުނީމަ ނިއު ތިހުންނަނީ ވަރަށް ދެރަވެފަ ކަން.. އެކަމު ނިއު.. އެއީ ތިމާ އަމިއްލައަށް އަމިއްލަ ނަފުސަށް ގެއްލުން ދޭން ޖެހޭނެ ސަބަބެއް ނޫން.. އަހަރެން މިހުރީ އަދިވެެސް ނިއު އާ އެކުގަ.. އަހަރެން ހޭދަކުރި ކޮންމެ ސިކުންތެއް އަހަރެން ހޭދަ ކުރީ ނިއުގެ ހަނދާނުގަ. ނިއު އަށް ޓަކާ.. ނިއު ކީއްވެ އެވަރުގެ އިތުބާރެއް އަހަރެންގެ ލޯތްބަށް ނެތީ..." ފަޔާޒް ރޮމުން ރޮމުން ގޮސް، އޭނާގެ ބޯ ޖައްސާލީ ނިއުޝާގެ ނިއްކުރިމަތީގައެވެ.

އެއްވެސް އެއްޗެއް ބުނާނެ ހިތްވަރެއް ނިއުޝާއަކަށް ނުލިބުނެވެ. ރުއިން ނޫން އިތުރު ކަމެއް ނިއުޝާ ނުކުރެއެވެ. ގިސްލަ ގިސްލާފައި ނިއުޝާ ރޮނީއެވެ. ނިއުޝާއަށް ވަރަށް އަނިޔާވެރިކޮށް ފަޔާޒްއާ މެދުގައި ކަންތައް ކުރެވިފައިވާ އޮތުމުންނެވެ.

"ކޮބާ އަހަރެމެންގެ ދަރި؟" އެތައް އިރަކު ރުއިމަށްފަހު ނިއުޝާ އަހައިލިއެވެ.

"ނާޝިދު ގޭގަ. ނާޝިދު އަންހުން ގާތުގަ." ފަޔާޒްގެ ދެއަތުން ނިއުޝާގެ ބޮލުގައި މަޑުމަޑުން އަތް ޖައްސާލަމުން ބުނެލިއެވެ.

"ޑޮކްޓަރުން ގާތުގަ ބުނެބަލަ! އަހަރެން ގެއަށް ދޫކޮށްލަން.. އަހަރެން ރަނގަޅޭ މިހާރު! އަހަރެންގެ ދަރިއަށް އަހަރެން ވަރަށް މުހިންމު ވާނެ. އަދި އެހާ ތުއްތު އިރު.." ނިއުޝާ ބަލައިލީ ފަޔާޒަށެވެ.

ޑޮކްޓަރުން ހަދަން ޖެހޭ އިތުރު ބައެއް ރިޕޯޓުތައް ހެދުމަށްފަހު ނިއުޝާ ގެއަށް ދޫކޮށްލީ އިރު އޮއްސެން އުޅެނިކޮށެވެ. ނިއުޝާ އާއި ފަޔާޒްގެ ގާތްކަން ހައިކަލް އާއި ނާޝިދަށް ހަމަ ރަނގަޅަށް ވެސް ދިޔައީ ފެންނަމުންނެވެ. ނަމަވެސް ނާޝިދު ހުރީ މަޑުންނެވެ. ރަނގަޅު ވަގުތު ޖެހެން ދެންނެވެ.

***

ނާޝިދުގެ ގެއިން ނިއުޝާގެ ދަރިފުޅު ނަގައިގެން ފަޔާޒް އާއި ނިއުޝާ ކާރަށް އެރީ އެމީހުންގެ ގެއަށް ދިޔުމަށެވެ. ކާރަށް އެރުމާ އެކުގައި ނިއުޝާ ވަރަށް ލޯބިން އޭނާގެ ބޯ ބާއްވައިލީ ފަޔާޒްގެ ކޮނޑުގައެވެ. ނިއުޝާގެ އުނގުގައި އޮތް ތުއްތު ތުއްތު ފުރާނައަށް ބަލައިލަމުން ފަޔާޒް ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އަދި ލުއިކޮށް ހިނިތުންވެލީ އުފާވެރި ދުވަސްތަކަަކަށް އުއްމީދު ކުރަމުންނެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.