އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގުގެ މެޖޯރިޓީ ހިއްސާ ހޯދުމުގެ މަސައްކަތް ފަށަނީ

ދިރާގުގެ މެޖޯރިޓީ ހިއްސާ 40 މިލިއަން ޑޮލަރަށް އިނގިރޭސި ކޭބަލް އެންޑް ވަޔަލެސްއަށް ވިއްކާލީ 2009 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ.

ރާއްޖޭގެ މުއާސަލަތީ ކުންފުނި، ދިރާގުގެ ހިއްސާގެ ކޮންޓްރޯލް ރާއްޖެއަށް އޮންނަ ގޮތް ހެދުމުގެ ގޮތުން، ބީޓީސީ އައިލެންޑް ލިމިޓެޑް (ބަޓެލްކޯ) ގެ ހިއްސާ ދިވެހި ސަރުކާރުން ގަނެ، ދިވެހި ދައުލަތުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކަށް ބަދަލު ކުރެވިދާނެ ގޮތެއް އޮތްތޯ ބަލަން ބަލަން ސަރުކާރުން ފަށައިފި އެވެ. 

"މި" ނޫހަށް އެނގިފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބަޓެލްކޯގައި އޮތް ދިރާގުގެ މެޖޯރިޓީ ހިއްސާ ކަމަށްވާ 52 ޕަސެންޓް ސަރުކާރަށް ހޯދައި އެ ކުންފުންޏަކީ ދިވެހި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލު ކުރެވިދާނެ ގޮތެއް ބަލަން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށް ވަނީ އަންގާފަ އެވެ. 

އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީން ބުނީ އެ މުއާމަލާތެއް މިހާތަނަށް ކުރެވެމުން ނުދާ ކަމަށެވެ. މިނިސްޓަރީން އެހެން ބުނި ނަމަވެސް "މި" ނޫހަށް ޔަގީންވެފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަޓެލްކޯއަށް ވިއްކާލި ދިވެހި ދައުލަތުގެ ހިއްސާ އަނބުރާ ހޯދޭނެ ހުރިހާ އޮޕްޝަންތަކެއް ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. 

ދިރާގުގެ ހިއްސާ އޮތް ގޮތުން - މިހާރު ދިރާގުގެ ހިއްސާގެ އޮނިގަނޑު އެތުރިފައި އޮތީ ބަޓެލްކޯގެ 52 ޕަސެންޓް ހިއްސާ އާއި ދިވެހި ދައުލަތުގެ 41.8 ޕަސެންޓް ހިއްސާ އަދި އާއްމު ޕަބްލިކުގެ 6.2 ޕަސެންޓް ހިއްސާގެ މައްޗަށެވެ.

ސަރުކާރު އަތުން ހިއްސާ ދޫވިގޮތް

ކުރިން ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ މުއާސަލާތީ ކުންފުނި، ދިރާގުގެ ހަތް ޕަސެންޓް ހިއްސާ 40 މިލިއަން ޑޮލަރަށް (514 މިލިއަން ރުފިޔާ) އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަލަސްއަށް ވިއްކާލީ ރައީސް މުހައްމަދު ނަޝީދުގެ ވެރި ކަމުގައި 2009 ގައެވެ. މޯބައިލް ފޯނާއި އިންޓަނެޓާއި އަދި ފިކްސްޑް ލައިންގެ ހިދުމަތް ދޭ ކުންފުނީގައި އޮތް ސަރުކާރުގެ 55 ޕަސެންޓް ހިއްސާގެ ތެރެއިން ހަތް ޕަސެންޓް ވިއްކާލުމުން، މިހާރު ދިރާގުގައި އޮންނާނީ ދިވެހި ސަރުކާރުގެ 48 ޕަސެންޓް ހިއްސާ އެވެ. އަނެއް ހިއްސާދާރު، ކޭބަލް އެންޑް ވަޔަލަސްގެ ހިއްސާ  ބަދަލުވީ 52 ޕަސެންޓަށެވެ. ނަޝީދުގެ ސަރުކާރުން ވިއްކާލީ ސަރުކާރުގެ ޕްރައިވެޓައިޒޭޝަން ސިޔާސަތާ ގުޅޭ އަމަލީ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނަމުންނެވެ.

އޭގެ ފަހުން ދިރާގުގެ މެޖޯރިޓީ ހިއްސާދާރު، ކޭބަލް އެންޑް ވަޔަލެސްގެ މެޖޯރިޓީ އެސެޓްސް ހިމެނޭ "މޮނާކޯ އެންޑް އައިލެންޑްސް ބިޒްނަސް ޔުނިޓް" ބަހްރެއިން ޓެލެކޮމިއުނިކޭޝަންސް ކޮމްޕެނީ (ބަޓެލްކޯ) އަށް ވިއްކާލީ އެވެ. ބަޓެލްކޯއަށް ވިއްކާލުމާ ގުޅިގެން ދިރާގުގެ 52 ޕަސެންޓް ހިއްސާދާރަކީ ބަޓެލްކޯ އެވެ.

ދިރާގަކީ ވަރަށް ބޮޑު އަގުގައި ހިދުމަތް ދީ، ބޮޑު ފައިދާއެއް ހޯދާ ކުންފުންޏެކެވެ. އެ ކުންފުންޏަށް ލިބޭ އާމްދަނީގެ ބޮޑުބައި ގެންދަނީ ބަޓެލްކޯއިންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.