ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަތުކުރީ ގަޑި ހިމެނެ އެވެ. މި ތަކެތީގެ އަގު މިލިއަނަކަށްވުރެ ބޮޑެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެ ކަމަށްވާ ހ. ތިމާވެށިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނެގި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ވައްކަން ކޮށްފައި ވަނީ ތިމާވެށި ގޭގެ ފަސް ވަނަ ފަންގިފިލާއިން ކަމަށެވެ. މި ވައްކަމުގައި ޝާމިލް ވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެކެވެ. ވައްކަން ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހުން ވެސް މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ދެ މީހުންގެ ތެރެއިން 30 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ ހުކުރު ދުވަހު އެވެ. އަދި 38 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ ހޮނިހިރު ދުވަހު އެވެ. މި ދެމީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ދެމީހުންނެވެ.
މި ދެމީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު ހ. ތިމާވެށި ގެއިން ވަގަށް ނަގާފައިވާ ބައެއް ތަކެތި، އެތަނުން އެކަކު ދިރިއުޅޭ ގެ އިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަތުކުރީ ގަޑި ހިމެނެ އެވެ. މި ތަކެތީގެ އަގު މިލިއަނަކަށްވުރެ ބޮޑެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބައްދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ 30 ދުވަހަށް އަދި 38 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގުޅޭ ތަފްސީލެއް ހޯދަން "މި" ނޫހުން ޖާބިރަށް ގުޅި ނަމަވެސް ފޯނެއް ނުނަންގަވަ އެވެ. އެ ގޭގެ ފަސްވަނަ ފަންގިފިލާގައި އުޅެނީ ކޮން ބައެއް ކަމަށް ނޭނގެ އެވެ.