އިއްޔެ މަޖިލީސް ހުއްޓުވީ ކޮމެޓީތަކުން ބޭރު ކުރުމުން: ސަލީމް

ސަރުކާރު ހިންގާ ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ އެ ވަގުތު ޖަލްސާ ހުއްޓުވީ ދާއިމީ ކޮމެޓީތަކުން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ބޭރުކުރުމުން ކަމަށެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ދައުރުން ބޭރުން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ވޯޓް ގަޑީގައި ޖަލްސާ ހުއްޓުވީ ކޮމެޓީތަކުން ސަރުކާރު މެމްބަރުން ބޭރު ކުރުމުން ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހަން އިއްޔެ 1:00 ގައި ބާއްވަން އުޅުނު ޖަލްސާ ނުބޭއްވުނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ތަޅުމުގެ ދޮރު ތަޅުލައި، އިދިކޮޅު މެމްބަރު ނުވެއްދުމުންނެވެ. އޭގެ ފަހުން މެމްބަރުންގެ މެދުގައި މާރާމާރީ ހިންގައި ހަމަނުޖެހުން ވެސް އުފެއްދި އެވެ.

ސަރުކާރު ހިންގާ ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ އެ ވަގުތު ޖަލްސާ ހުއްޓުވީ ދާއިމީ ކޮމެޓީތަކުން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ބޭރުކުރުމުން ކަމަށެވެ. އެމްޑީޕީއަށް ނިސްބަތްވާ 13 މެމްބަރަކު ދާދިފަހުން ކޮންގްރެސްއާ ގުޅިވަޑައިގަތުމާއެކު އިއްޔެގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެކަން އިއުލާނުކުރައްވާފަ އެވެ.

ސަލީމް މިއަދު ވިދާޅުވީ އާންމު ގޮތެއްގައި އެފަދަ ބޮޑު ބަދަލެއް އައިސްފި ނަމަ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ރައީސް މަޝްވަރާ ކުރައްވާ ކަމަށެވެ. އެކަމަކު އިއްޔެ އެފަދަ އެއްވެސް ހިޔާލެއް ނުހޯދައި، ސަރުކާރު މެމްބަރުން ކޮމެޓީތަކުން ބޭރުކޮށްލާފައިވާ ކަމަށެވެ.

ރޭގެ ޖަލްސާ ހުއްޓުވީ އިއްޔެ މެންދުރުގެ ހަމަނުޖެހުމުގައި އަނިޔާވި ކަނޑިތީމު ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ޝަހީމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާތީ ކަމަށެވެ. ޖަލްސާ ކުރިއަށްދާއިރު އެއްވެސް މެމްބަރަކު މަދުވާން ބޭނުން ނުވާ ކަމަށެވެ.

ސަލީމް އިތުރަށް ވިދާޅުވީ ވަޒީރުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ކޮމެޓީން ނިންމާފައިވާއިރު، ރުހުން ނުދޭން އުޅެނީ ކެބިނެޓްގެ އެންމެ ގާބިލް ވަޒީރުންނަށް ކަމަށެވެ.

"ބާރު އޮތް ބަޔަކަށް ވަޒީރުންނަށް ރުހުން ނުދީ ގެންދެވިދާނެ. ނަމަވެސް އެޔަކީ މިހާތަނަށް އަޅުގަނޑުމެން ަމަލު ކުރަމުން އައި ގޮތެއް ނޫން. މަޖިލީހުގައި އަޅުގަނޑުގެ ތާރީހުގަ ހަމަގައިމުވެސް އަލަށް އަންނަ ހުރިހާ ވަޒީރުންނަށް ރުހުން ދޭ. މިއަށްވުރެ މާ ޝަރުތު ހަމަނުވާ، މާ ދަށް ކޮލެޓީގެ މީހުންނަށް ވެސް އެބަހުރި ރުހުން ދީފަ،" އޭނާ ވިދާޅުވި އެވެ.

ކޮންގްރެސް ކޯލިޝަނުން ކުރު ޕްރެސް އެއް ދީފައި ވަނީ ދައުރުން ބޭރުން މިއަދު ޖަލްސާއެއް ބާއްވަން ތާވަލު ކޮށްފައި އޮތް ގަޑީގަ އެވެ. ވަޒީރުންނަށް ރުހުން ދިނުމަށް މިހާރު ވޯޓަށް އަހަން ދަނީ ތައްޔާރު ވަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.