ހުޅުމާލެ ހިއްކީ 50 މިލިއަން ޑޮލަރަށް، ގިރާވަރު ހިއްކަން 200 މިލިއަން ޑޮލަރު

ގިރާވަޅު ފަޅު ހިއްކަން ނ. އަތޮޅުން ދެ 99 އަހަރަށް "ވިއްކާލި" އެވެ. މިފަޅުން ލިބުނީ 27 މިލިއަން ޑޮލަރެވެ. މި އަދަދު ކެނޑިޔަސް ދައުލަތުން 170 މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭނެ އެވެ.

ގިރާވަރު ތިލަފުށި ބްރިޖު އަޅާން ޖެހޭ ކަނޑުއޮޅި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ 240 ހެކްޓަރު ހިއްކާ ނިންމާލީ 50 މިލިއަން ޑޮލަރުގެ އަގެއްގަ އެވެ. އެކަމަކު ގިރާވަރު ފަޅު 150 ހެކްޓަރު ހިއްކަން ސަރުކާރުން ހަވާލު ކޮށްފައިވާ އަގަކީ 197 މިލިއަން ޑޮލަރު، ގާތްގަނޑަކަށް 200 މިލިއަން ޑޮލަރަށެވެ. 

ނޫނުން ދެ ފަޅު ވިއްކާލި މަޝްރޫއު - ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ފަށަން "ރެސިޑެންޓަލް ސިޓީ" އެއް ތަރައްގީ ކުރަން ނިންމައި ގިރާވަަރު ފަޅު ހިއްކަން ނ. އަތޮޅުން ދެ ފަޅެއް 99 އަހަރަށް ވިއްކާލައި ހޯދި ފައިސާއިން މަޝްރޫއު ފެށި އެވެ. 

މި މަޝްރޫއު ފެށި އެ ދެ ފަޅު ވިއްކާލާފައި ވަނީ 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށެވެ.  މީގެ ތެރޭގައި ހިމެނެނީ ދެ ފަޅު ގަންނަން ހަރަދު ކުރި 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) އާއި ފަޅުގެ ލީސް އެކްސްޓެންޝަން ފީގެ ގޮތުގައި ދެއްކި ފަސް މިލިއަން ޑޮލަރެވެ. ފަޅުގެ މުއާމަލުގެ ކަރުދާހު މަސައްކަތްތައް އެއްކޮށް ނިމުމާއެކު ފައިސާ ދައްކަން ޖެހޭ ދެ މަސް ހަމަވުމުގެ މާ ކުރީގައި އެ ފައިސާ ވަނީ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދައިގެން ހިންގާ ތަރައްގީ ކުރަން ނިންމާފައިވާ ގިރާވަރު ފަޅު ރެސިޑެންޝަލް ސިޓީ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރުން ވިއްކާލާފައި ވަނީ ނުވަތަ ސަރުކާރުން ކިޔާ ގޮތުންނަމަ ކުއްޔަށް ދީފައި ވަނީ ނ. ދިގުފަރު ފަޅާއި އެ ފަޅާއި ކައިރީގައި އޮންނަ ދެކެނަންފަރެވެ.

މި ދެ ފަޅު ގަންނަން "ފޭސް" އެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ޔަންކީ ރޮބަޓް ގައިނާޑާ ނަމަކަށް ކިޔާ ސުވިޒަލޭންޑުގެ ރައްޔިތެކެވެ. ނަމަވެސް "މި" ނޫހަށް އެނގިފައިވާ ގޮތުގައި މި ފަޅު ބައްލަވައިގަތް ހަގީގީ އޯނަރަކީ ރަޝިއާގެ ބިލިއަނަރު، ޗެލްސީގެ ކުރީގެ އޯނަރު ރޯމަން އަބްރޮމޮވިޗް އެވެ. 

ނަމަވެސް އޭރު ސަރުކާރުން މި މަޝްރޫއުގެ އަގެއް ނުބުނެ އެވެ. މަޝްރޫއު މެނޭޖު ކުރަން އިކޮނޮމިކް މިނިސްޓްރީގެ ތެރޭގައި އޮންނަ ފަންޑު މެނޭޖުމަންޓް ކުންފުންޏަށް ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއާމެދު ބުނަމުން ދިޔައީ މިކަން ކުރަނީ ފަޅުން ލިބުނު ފައިސާއިން ކަމަށެވެ. 

ގިރާވަރު ރެސިޑެންޝަލް ސިޓީ މަޝްރޫއު

  •  2000 ގޯތި ދިނުން
  •  މަޝްރޫއުގެ ދަށް އަގު ފަސް މިލިއަން ޑޮލަރު
  •  ތިލަމާލެ ބްރިޖުން ގުޅޭނެ

އެކަމަކު މި ފަޅުގެ "ހަމަ އަގު" އެނިގެން ގޮސްފައިވަނީ ގައުމީ ޓީވީގައި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ރޭ ދެއްކެވި ވާހަކަފުޅެއްގެ ތެރޭންނެވެ. 

އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. މުއްތޮލިބު ވިދާޅުވީ މި މަޝްރޫއަކީ 197 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ގެ މަޝްރޫއެއް ކަމަށާ އަގު ބޮޑު ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ މަޝްރޫއެއް ކަމަށާ ނަމަވެސް މި މަޝްރޫއުގެ ދަށުން ހިއްކުން މިވަގުތު އޮތީ ހުއްޓިފަ އެވެ. 

"މަސައްކަތް ހުއްޓިފައި އޮތް އެއް ސަބަބަކީ ދައުލަތުން ދައްކަން ޖެހޭ ފައިސާއެއްގެ ކަންކަން. މި އަހަރުގެ ސެޕްޓެމްބަރު / އޮކްޓޫބަރު ހިސާބު ލާފައި އޮތް ބިލަކަށް ފައިސާ ނުދައްކާ އޮތީ. އެއީ ވަރަށް ބޮޑު އަދަދެއްގެ ފައިސާއަކަށް ވާތީ އެ ފައިސާ ވީހާ ވެސް އަވަހަށް ހަމަޖައްސައި ދީގެން ފަށަން މިދަނީ މަސައްކަތް ކުރަމުން. ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއްކަމެއް އެތަނު [ގިރާވަރު ފަޅު] ގެ ބިން ހިއްކުން ނިންމައި އާބާދު ކުރުން،" މުއްތޮލިބު ވިދާޅުވި އެވެ. 

ހުޅުމާލެ ދެވަނަ ފިޔަވައްސަށްވުރެ ބޮޑުތަން އަގު ބޮޑު

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ ކުރީގައި އޮތް ގޮތް

ގިރާވަރު ފަޅު ހިއްކަން ހަވާލު ކޮށްފައިވާ އަގަކީ ހުޅުމާލެ ދެވަނަ ފިޔަވަހި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކަން ހަވާލުކުރި އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގެއްގަ އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ 240 ހެކްޓަރު ހިއްކީ 50 މިލިއަން ޑޮލަރަށެވެ.  ނަމަވެސް ގިރާވަރު ފަޅުގެ 150 ހެކްޓަރު ހިއްކަން ހަވާލުކުރީ 197 މިލިއަން ޑޮލަރު ނުވަތަ 200 މިލިއަން ޑޮލަރަށެވެ. 

ކޮމެންޓް

1
450
ނަސީ
7 months ago

ލާރި ކެޔުން ނޫންކަމެއް އެއްބަޔަކުވެސް ނުކުރޭ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.