"އަނިޔާވި މެމްބަރުން ހޮސްޕިޓަލުން ދޫކޮށްނުލަނިސް މަޖިލީސް ނުބޭއްވޭނެ"

"މިއަދު މަޖިލީހުގައި އަޅުގަނޑުމެންގެ މެމްބަރަކާ މާރާމާރީ ހިންގާ އަނިޔާކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކުރަންވަނީ ޖެހިފައި. އެ މެންބަރު ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން މަޖިލިސް ކުރިއަށް ގެންދަން ޖާގައެއް ނުދެވޭނެ،"

މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު

ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލައިގައި މިއަދު ރައްޔިތުންގެ މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއިން އަނިޔާވި މެމްބަރުން ހޮސްޕިޓަލުން ދޫކޮށް ނުލަނީސް ޖަލްސާ ނުބޭއްވޭނެ ކަމަށް މައިނޯރިޓީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

މޫސާ ސިރާޖު ވިދާޅުވީ މިއަދު މަޖިލީހުގައި، ކަނޑިތީމު ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ޝަހީމާ މާރާމާރީ ހިންގައި އަނިޔާކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އެ މެމްބަރު ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން މަޖިލިސް ކުރިއަށް ގެންދަން ޖާގަ ނުދޭނެ ކަމަށެވެ.

"މިއަދު މަޖިލީހުގައި އަޅުގަނޑުމެންގެ މެމްބަރަކާ މާރާމާރީ ހިންގާ އަނިޔާކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކުރަންވަނީ ޖެހިފައި. އެ މެންބަރު ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން މަޖިލިސް ކުރިއަށް ގެންދަން ޖާގައެއް ނުދެވޭނެ،" ޝަހީމަށް އަވަސް ޝިފާ އަކަށް އެދެމުން އޭނާ އެކްސްގައި ލިޔުއްވާފައިވެ އެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީސް ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ބަހުސްކޮށް، މެންދުރު 1:30 ގައި ވޯޓަށް އެހި އެވެ. 

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީއާ ޑިމޮކްރެޓްސް އިން ތްރީލައިން ވިޕެއް ނެރުމުން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ޖަލްސާ ފެށުމަށް ފުރުސަތު ނުދީފަ އެވެ. އެކަމާއި ގުޅިގެން މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިންގާ މާރާމާރީއަކަށް ވެސް ބަދަލުވި އެވެ. ބައެއް މެންބަރުންނަށް އަނިޔާވެސް ވި އެވެ.

އެހެންވެ، އޭރު ޖަލްސާ މެދުކަނޑާލުމަށްފަހު މިރޭ 8:00 އަށް އަނެއްކާ ވެސް ތާވަލު ކުރި އެވެ. ޖަލްސާ ފެށުމަށް މަޖިލީހުގެ ރައީސް އަސްލަމް ވަނީ ރިޔާސަތަށް ވަޑައިގެންފަ އެވެ. ނަަމަވެސް ސަރުކާރަށް ނިސްްބަތްވާ މެންބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދީފަ އެވެ.

އެކަމުގައި އިސްކޮށް ތިއްބެވީ ދާދި ފަހުން އެމްޑީޕީ ދޫކޮށް ކޮންގްރެސްއާ ގުޅުނު މެންބަރުންނެވެ. އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދާއި މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުންނެވީ ރިޔާސަތު ކައިރީ ދުންމާރި ހިފައިގެންނެވެ. ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ރާޝިދާއި ސިރާޖާއި އައްޑޫ ފޭދޫ މެންބަރު މުހައްމަދު ނިހާދާއި މޫސާ ސިރާޖު ވެސް ރިޔާސަތު ކައިރީ އިހުތިޖާޖު ގައި ހުންނެވި އެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވުމުން އަސްލަމް މިހާރު ވަނީ ރިޔާސަތު ގޮނޑިކޮޅުން ތެދުވެވަޑައިގެންފަ އެވެ. އެއާއެކު މީޑިއާތަކަށް ދޫކުރަމުން އައި ފީޑް ވެސް ވަނީ ކަނޑާލާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.