މި އެހީތެރިކަން އުރީދޫން ވަނީ އެ ކުންފުނިން ލައިސަންސް ފީގެ ގޮތުގައި ދައްކާ ހަ ޕަސެންޓް ފީ ފަސް ޕަސެންޓަށް ކުޑަކުރުމުންނެވެ.
ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ ރައްޔިތުންގެ ހިއްސާވާ ގަތަރު ސަރުކާރުގެ ހިއްސާ އޮންނަ އުރީދޫން ސަރުކާރަށް ގަނޑުކޮށް 200 މިލިއަން ރުފިޔާދީ، ތެލެސީމިއާ ހޮސްޕިޓަލު އަޅަން އެހީވާން ނިންމައިިފި އެވެ.
ރާއްޖޭގައި ޓެލެކޮމް ހިދުމަތްދޭ އެންމެ ބޮޑު މަލްޓިނޭޝަނަލް ކުންފުނި ސަރުކާރަށް މި އެހީތެރިކަން ދީފައިވަނީ އެ ކުންފުނިން އަހަރަކު ސަރުކާރަށް ދައްކާ އެ ކުންފުނީގެ އާމްދަނީގެ ހަ ޕަސެންޓުގެ ފީ ފަސް ޕަސެންޓަށް ކުޑަ ކުރުން ނިންމުމާ ގުޅިގެންނެވެ. މި ބަދަލާއެކު ލައިސަންސް ފީގެ ގޮތުގައި އުރީދޫ އާއި ދިރާގުން ސަރުކާރަށް ދައްކަން ޖެހޭނީ އެއް އަދަދެކެވެ.
ކެބިނެޓުގެ މި ނިންމުމުގެ މައުލޫމާތު މިއަދު ހިއްސާ ކުރައްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މި ބަދަލު ގެނައުމާއެކު 2005 ވަނަ އަހަރު އެ ކުންފުނިން ލައިސަންސް ދިންއިރު ނިންމާފައިވަނީ އުރީދޫގެ އާމްދަނީގެ ފަސް ޕަސެންޓް ސަރުކާރަށް ދެއްކުމުގެ އިތުރުން ރާއްޖޭގެ އައިސީޓީ ދާއިރާ އަށް ފައިދާގެ އެއް ޕަސެންޓް ދައްކާ ގޮތަށް ކަމަށެވެ. ނަމަވެސް ސަރުކާރުން މިހާރު ނިންމާފައިވަނީ މި އަދަދު ފަސް ޕަސެންޓަށް ދަށް ކުރަން ކަމަށެވެ.
ބަދަލުގައި އުރީދޫން ބޮޑު އެހީއެއް - މިކަން ކުރުމާއެކު ދިވެހި ރައްޔިތުންގެ ހިއްސާވާ އުރީދޫން ސަރުކާރަށް ދައްކާ އެޑްވާންސް ޓެކްސް 100 މިލިއަން ރުފިޔާ 200 މިލިއަން ރުފިޔާއަށް ބަދަލު ވެގެންދާނެ އެވެ. އަދި ތެލެސީމިއާ ހޮސްޕިޓަލް އަޅަން އެ ކުންފުނިން 100 މިލިއަން ރުފިޔާގެ އެހީއެއްވެސް ދޭނެ އެވެ.