ދަ އަރަބް ކޮންޓްރެކްޓާސްއާ އެކު އެމްއޯޔޫގައި ސޮއިކުރަން ނިންމާފައި ވަނީ ސާވޭގެ މަސައްކަތް ތިން މަސް ތެރޭގައި ނިންމުމަށް ޝަރުތުކޮށްފަ އެވެ.

އައްޑޫ ހިތަދޫ އާއި ހުޅުމީދޫ ގުޅުވައިލާ ބްރިޖު އަޅަން މިސްރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ، ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އެންޑް އަހުމަދު އޮސްމާން އެންޑް ކޯ އާ ހަވާލު ކުރަން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ކެބިނެޓްގައި މަޝްވަރާ ކުރުމަށްފަހު އެ މަޝްރޫއުގެ ސާވޭ ހަދަން އެ ކުންފުންޏާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.
ދަ އަރަބް ކޮންޓްރެކްޓާސްއާ އެކު އެމްއޯޔޫގައި ސޮއިކުރަން ނިންމާފައި ވަނީ ސާވޭގެ މަސައްކަތް ތިން މަސް ތެރޭގައި ނިންމުމަށް ޝަރުތުކޮށްފަ އެވެ. ނާޒިމް ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ބްރިޖް އެޅުމާ ބެހޭ އެއްވެސް މަޝްވަރާއެއް އިތުރު އެއްވެސް ބަޔަކާއެކު ނުކުރުމަށް ވެސް އަންގަން ނިންމާފައިވާ ކަމަށެވެ.
އަދި، މަޝްރޫއުގާ ގުޅޭ ގޮތުން ހަދަން ޖެހޭ ސްޓަޑީތަކަށް ދިވެހި ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހޭނެ ކަމަށް ހުށަހަޅާފައިވާ ދެ މިލިއަން އެމެރިކާ ޑޮލަރަކީ ސަރުކާރުން ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށް ވެސް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
ސާވޭ ނިންމުމަށްފަހު ފައިނޭންޝަލް ޕްރޮޕޯސަލް އަދި ޓެކްނިކަލް ޕްރޮޕޯސަލްގެ ހަރަދުތަކުގެ ތަފްސީލުތައް ހުށަހަޅަން ވެސް އެ ކުންފުންޏަށް އަންގަން ވަނީ ނިންމާފަ އެވެ.
ރައީސް ޔާމީންގެ 2018ގެ މެނިފެސްޓޯގައި މީދޫ އާއި ހިތަދޫއާ ދެމެދު ބްރިޖް އެޅުމަށް ނިންމާ އެކަން ހިމަނާފައި އޮތެވެ. 2013 ވަނަ އަހަރުން ފެށިގެން އެ ސިޓީގެ ރައްޔިތުން ދަނީ އެކަމަށް އުންމީދު ކުރަމުންނެވެ. ރައީސް ޔާމީނަށް އިންތިހާބަށް ކުރިމަތި ލެއްވޭ ގޮތް ނުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކެންޑިޑޭޓަކަށް ވެވަޑައިގެން ވެސް އެ ވައުދު ވަނީ ތަކުރާރު ކުރައްވާފައެވެ.
ކެމްޕެއިނަށް އައްޑޫއަށް ވަޑައިގެންނެވި ދެ ފަހަރު ވެސް ކެމްޕެއިން ޖަލްސާއަށް އެ ސިޓީގައި ތަން އިންތިޒާމު ކުރީ މީދޫ-ހިތަދޫ ބްރިޖު ސިފަކުރެވޭނެ ގޮތަށެވެ.