ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި ނާއިބުންނާއި ބައެއް ސަޕޯޓަރުން މިހާރު ވަނީ މަޖިލީސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރަން ފަށާފައެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އިން ނިންމުމުން އެ ނިންމުމާއި ދެކޮޅު ހަދާ ސަރުކާރުގެ ބައެއް ވެރީންނާއި ސަރުކާރަށް ސަޕޯޓް ކުރާ މީހުން މަޖިލީސް ދޮށަށް އެއްވެ އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތް ނިންމަން 1:30 ގައި މަޖިލީހުގެ ޖަލްސާ އަލުން ފަށަން އޮތީ ހަމަޖެހިފައެވެ. ނަމަވެސް ޖަލްސާގެ ވަގުތުގެ ކުރީން ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާ ކުރާ މާލަމަށް ވަދެ ހުރިހާ ދޮރުތައް ތަޅުލާފައެވެ.
އެހެން ކަމުން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ޕީޕީއެމާއި ޕީއެންސީގެ ގިނަ މެންބަރުން ތިބީ ޖަލްސާ ކުރާ މާލަމު ގައެވެ. އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅުނު ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އިންނެވީ ރިޔާސަތު ގައެވެ.
މީގެ އިތުރުން ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި ނާއިބުންނާއި ބައެއް ސަޕޯޓަރުން މިހާރު ވަނީ މަޖިލީސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރަން ފަށާފައެވެ. އެ މީހުން ދަނީ ވަޒީރުންނަށް ރުހުން ދިނުމަށާއި ސަރުކާރު ހިންގުމަށް ހުރަސް ނޭޅުމަށް ގޮވާލަމުންނެވެ. މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި އެމްޑީޕީގެ މެންބަރުންނަށް ފާޑުކިޔާ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ.
ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
އިހުތިޖާޖަށް ފުރުސަތު ދީފައިވާއިރު އިހުތިޖާޖުގެ ބައިވެރީން ތިބީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެންނެވެ.