ޔޫތު މިނިސްޓްރީން ފެށި މަޝްރޫއުތަކުގެ އަގު 600 މިލިއަން ރުފިޔާއަށްވުރެ މައްޗެވެ. މީގެ ގިނަ މަސައްކަތްތައް ހުރީ ނުނިމި އެވެ.
ޔޫތު މިނިސްޓްރީގައި މިދިޔަ ސަރުކާރު ނިމުނުއިރު 200 އަށްވުރެ ގިނަ މަޝްރޫއު ފެށިފައިވާއިރު ނުދީހުރި ފައިސާގެ އަދަދު 160 މިލިއަނަށްވުރެ މައްޗަށް އަރާ ކަމަށް އެ މިނިސްޓްރީގެ މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނަށް ދިނުމަށްޓަކައި ރަސްރަނި ބަގީޗާ ގައި މިރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވީ އެ މިނިސްޓްރީގައި 232 މަޝްރޫއު އޮތް ކަމަށާ މި ޕްރޮޖެކްޓްތަކުގެ އަގު 600 މިލިއަން ރުފިޔާއަށްވުރެ ބޮޑު ކަމަށެވެ.
"އަޅުގަނޑުމެންގެ ދަރަނި 160 މިލިއަންގައި އޮތީ. އެހެންނަމަވެސް މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން 125 މިލިއަން ރުފިޔާގެ ދަރަނި ވަނީ ދައްކާފަ. އިތުރަށް 131 ޕްރޮޖެކްޓް ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފަ،" ރާއްޕެ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހަފުތާ 14 ގައި ހިމެނޭ އެއް ވައުދު ކަމަށްވާ ގައުމީ މުބާރާތް ކުރިއަށްދާއިރު ފަސްޓް އެއިޑްގެ ހިދުމަތް ދެމުންދާ ކަމަށެވެ.
"މިހާރު ހަފުތާއަކު ތިން ދުވަހު އެތްލީޓުންނަށް ތެރެޕީ ލިބޭ ގޮތަށްވެސް ވާނީ ހަމަޖައްސާފަ. މީގެ އިތުރުން މަރާމާތު ކުރަން ހުރި ގިނަ ތަންތަނެއްގެ މަސައްކަތްވެސް ވާނީ ފެށިފަ،" ރާއްޕެ ވިދާޅުވި އެވެ.