މި މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ހޯދުމަށް އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއް ވަނީ އައްޔަނުކޮށްފައެވެ.
ރާއްޖެއިން ގެއްލިފައިވާ ކަނޑުގެ ސަރަހައްދުން ހޯދުމަށް ކުރަމުންދާ މަަސައްކަތުގައި އެހީތެރިވެ ދެއްވާ ބޭރުގެ މާހިރުންނަށް ކުރާ ހަރަދާއި މުޅި މަސައްކަތަށް ހަރަދުވީ ފައިސާގެ މައުލޫމާތު ސިއްރު ނުކުރާނެ ކަމަށް އެޓާނީ ޖެެނެރަލްގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިހެން ބުނެފައި ވަނީ ކަނޑު ހޯދުމުގެ މަސައްކަތުގައި ބައިވެރިވާ ގާނޫނީ ދާއިރާގެ ބޭރުގެ މާހިރުންނަށް ކުރާ ހަރަދާއި އެ ބޭފުޅުންގެ ހުރިހާ މައުލޫމާތެއް ސިއްރު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުންނެވެ.
މި މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ހޯދުމަށް އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއް ވަނީ އައްޔަނުކޮށްފައެވެ. އެ ދެ ބޭފުޅުން އައްޔަނު ކުރި ކަމަށް ބުނުން ފިޔަވާ އެ ބޭފުޅުންގެ ނަމެއް އަދި އެ ބޭފުޅުންގެ އެ މަސައްކަތަށް ދައުލަތުން ކުރާ ހޭދައެއް ވެސް ހާމައެއް ނުކުރެ އެވެ.
މި ދެ ގާނޫނީ މާހިރުންނަކީ ވެސް ކަނޑާބެހޭ މުއާހަދާ އާ ގުޅުންހުރި މި ފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެބޭފުޅުންނެވެ. މި ދެބޭފުޅުންނާ ހަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި އެ މައްސަލަ އިޓްލޮސްގައި ކުރިޔަށް ދިޔައިރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުމާއި މި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިޙްގެ ފަރާތްޕުޅުން އޮގަސްޓް 22، 2023 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލާގައި ދިވެހިރާއްޖެއިން ނެގެން ހުރި ދިފާއުތަކަކީ ކޮބައިތޯ އަދި އެ ގޮތަށް އަމަލުކުރި ނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުސަތު އޮތްތޯ ބެލުމާއި މި މައްސަލައިގައި ދެން އަމަލުކުރެވިދާނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި މިކަންކަމާގުޅޭ ގާނޫނީ ލަފާ ހޯދުން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
މި މާހިރުންގެ މަސައްކަތް ނިންމަވާ ކުރިޔަށް އޮތް ފެބްރުވަރީ މަހުގެ ކުރީކޮޅު އެބޭފުޅުންގެ ގާނޫނީ ލަފާ ބަންޑާރަނައިބަށް ލިޔުމުން ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭޖީ އޮފީހުން ބުނީ ގާނޫނީ މާހިރުންނާ ގުޅޭ މައުލޫމާތުތަކާއި މި މަސައްކަތަށް ހަރަދުވި ފައިސާ ފަދަ މައުލޫމާތުތައް ހާމަކުރުމަށް ނިންމާފައިވާ ކަމަށް ބަންޑާރަ ނާއިބު ވަނީ ވިދާޅުވެފައެވެ.