ވާހަކަ

އިންތިހާއަށް ލޯބިވީމާ – އެޕިސޯޑް 56

މޫނުމަތިން ލޭތައް ފުހެލުމަށް މާއިޒް އޭނާގެ ދެއަތުން މޫނުގައި އަތް ކާއްތާލިއެވެ. އޭރު ދެއަތުގައި ވެސް ފުރާ ލެޔެވެ. މާއިޒް ކޮޅަށް ތެދުވެ ހިނގައިގަތީ ފާޚާނާއާ ދިމާލަށެވެ.

– އެޕިސޯޑް 56 -

ފާޚާނާއަށް ވަދެ މާއިޒް ވަރަށް ރަނގަޅަށް ފެންވަރާލިއެވެ. ގައިން ލޭތައް ފިލައިގެންދާ ވަރަށް މުޅި ގައި ސާފުކޮށްލަމުން މާއިޒް ފާޚާނާއިން ނުކުމެ ގޭތެރެ ސާފު ކުރަން ފެށިއެވެ. ސިޓިންރޫމާއި މުޅި ގޭތެރޭގައި ހުރި ލޭތަކާއި ރިޝްފާގެ ހަށިގަނޑުގެ އެކި ގުނަވަންތައް ކަޅު ބޮޑު ކޮތަޅަކަށް އަޅާ، ނިކަން ރަނގަޅަށް "ޕެކް"ކޮށްލިއެވެ. މިހުރިހާ ކަމެއް މާއިޒް ކުރަމުން ދިޔަ އިރު، އޭނާގެ ޚިޔާލާއި ފިކުރުގައި އެއްވެސް ހާސް ކަމެއް ނެތެވެ. އޭނާއަށް ބަލާފައި އެއްވެސް ކަމަކާ ވިސްނާ ނުވަތަ ޖެހިލުންވެފައިވާކަން ފާހަގައެއް ނުވެއެވެ. މީހާ ހުރީ ނިކަން ހަމަޖެހިގެންނެވެ.

ރާއްޖެ ދޫކޮށް ދާން ހުރިހާ ކަމެއް ތައްޔާރުކޮށް ނިންމާލުމަށްފަހު ސަމާ އިނީ އޭނާގެ ކޮޓަރީގައެވެ. ސަމާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް ހާސްކަމެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އެންމެ ހާސް ވަނީ ރިޝްފާގެ ޚަބަރެއް ނުވާތީއެވެ. ރިޝްފާއަށް ގުޅުން އަދަދު ވެސް ސަމާއަކަށް ނޭނގެއެވެ. ނަމަވެސް ރިޝްފާގެ ފޯނު ނިއްވާލާފައި އޮތުމުން އެކަމާ ސަމާ ވަރަށް ހާސްވެ މޭޖެހޭ ގޮތްވިއެވެ. މިއީ ރިޝްފާ ފޯނު ނިއްވާލާނެ ވަގުތެއް ނޫންކަން ސަމާއަށް ކަނޑައެޅިގެން އެނގޭތީއެވެ. ކޮންމެވެސް ކަމެއް ވެއްޖެ ކަމުގެ އިޙްސާސް ސަމާއަށް ކުރުވާން ފަށައިފިއެވެ. އެންމެ ފަހުން ސަމާ ނިންމީ އެގެއަށް ދާށެވެ.

***

ވަގުތުތައް ހޭދަ ވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ރިޝްފާގެ ޚަބަރެއް ބަލަން ސަމާ އެގެއާ ހިސާބަށް ދިޔައެވެ. ނަމަވެސް އެގެއަށް ވަންނަން ސަމާ ފަސް ޖެހުނީއެވެ. ސަބަބަކީ އެގޭ ދޮރުމަތީގައި 4 ވަރަކަށް ފިރިހެނުން މަޑުކޮށްލައިގެން ތިބުމާއެކުގައެވެ. އެހެންވެ ސަމާ މަޑުކޮށްލީ އެގެއާ އިން ވެގެން ހުރި މަގުގެ ކަންމަތީގައެވެ. ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ސަމާއަށް ޔަޤީންވީ އެގޭ ދޮރުމަތީގައި ތިބި މީހުންގެ ހަރަކާތްތައް ފެނިފައެވެ. އެއީ އާދައިގެ ބަޔަކު އުޅޭނެ ގޮތެއް ނޫނެވެ. ދަންވަރުގެ މި ހިމޭން ވަގުތުގައި އެ މީހުން އެ ހިންގަނީ ރަނގަޅު ކަމެއް ނޫނެވެ. މަގުގެ ދެފަރާތަށް ބަލަމުން، މީހެއްގެ ހިލަމެއް ވޭތޯ ބަލަމުން އެމީހުން އެ ހިންގަނީ ބޮޑު ޖަރީމާއެއްކަން ސަމާއަށް އެނގޭތީ އޭނާ ވެސް އެމީހުންނަށް ނުފެންނާނެހެން ނިވާވެލިއެވެ.

"އަނެއްކާ ރިޝްފާ.." ސަމާއަށް ހިތާހިތާ ކިޔާލެވުނެވެ. އޭނާއަށް ލިބިފައިވާ ބިރުވެރިކަން ދެގުނަ ވެގެން ދިޔައެވެ. މާއިޒްގެ މީހުން ރިޝްފާއަށް ކަމެއް ކުރީބާއޭ ހިތާއެވެ. އެ ޚިޔާލުތަކުގައި ހުއްޓާ ސަމާއަށް ފެނުން މަންޒަރުން އޭނާ ހުރިތަނަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އޭނާ ދެލޯ ބޮޑުވެގެން ދިޔައެވެ. ސަމާއަށް ހިތްމަތީގައި އަތް އަޅާލެވުނީ އޭނާއަށް ދުނިޔެ ނިމުން ފަދަ އިޙްސާސްއެއް ވުމުންނެވެ. ފެނުން މަންޒަރު ޤަބޫލު ކުރަން ސަމާގެ ހިތް ބޭނުމެއް ނުވިއެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތީ ސަމާގެ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.

އެެގެއިން ނުކުމެގެން އެ ދިޔައީ މާއިޒް ނޫން ދެވަނަ މީހެއް ނޫނެވެ. ކަޅު ބޮޑު ކޮތަޅެއް އޭނާގެ އަތުގައި އޮތެވެ. ގޭ ދޮރުމަތީގައި ތިބި މީހުންނާއެކު، އެ އެންމެން އެރީ ކާރަކަށެވެ. މިފަދަ ގަޑިއެއްގައި ރިޝްފާގެ ގެއިން މާއިޒް އެ ނުކުތީ ރަނގަޅު ކަމެއް ކޮށްފަ ނޫނެވެ. ގަތްފައިވާ ބިރާ އެކުގައި ސަމާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ވަނީ ރިޝްފާގެ ގެއަށެވެ. މަގުމަތި މުޅީން ހިމޭން ވެފައި ވުމާއެކުގައެވެ. ސަމާ ގޮސް ރިޝްފާ ދިރިއުޅޭ އެޕާރޓްމެންޓުގެ ދޮރުގެ ތަޅުގައި ހިފާލުމާއެކުގައި ދޮރު ހުޅުވެއްޖެއެވެ.

ދެލޯ ބޮޑުކޮށްގެން ހުރެ ސަމާ ވަނީ އެތެރެއަށެވެ. އެއާއި އެކުގައި ސަމާއަށް އޭނާގެ ނޭފަތުގައި އަތް އަޅާލެވުނެވެ. މުޅި ތަނުން ދުވަނީ ލޭ ވަހެވެ. ސަމާއަށް ބިރުން ރޮވޭ ގޮތްވިއެވެ. މަޑުމަޑުން ރިޝްފާއަށް ގޮވަމުން ސަމާ ކުރިއަށް ހިނގަމުން ދިޔައެވެ. ނަމަވެސް ރިޝްފާގެ އެއްވެސް ހިލަމެއް ގޭތެރެއަކުން ފެންނާކަށް ނެތެވެ. ކުއްލިއަކަށް ސަމާގެ ކަޅި އަޅައިގަތީ ސިޓިންގރޫމަގައި ހުރި ސޯފާއަށެވެ. ސޯފާގައި ހުރީ ލެޔެވެ. ސަމާއަށް ފަހަތަށް ފިޔަވަޅެއް ނެގުނެވެ. ގޭގެ ފާރަށް ޖެހިގަންނަމުން ރިޝްފާއޭ ކިޔާ ސަމާއަށް ހަޅޭލަވައިގަނެވުނެވެ. ސަމާ ވަށައިގެން ކަޅު އަނދިރި ތޫފާނެއް ބައްދާލި ފަދައެވެ. އޭނާ ގޮތް ހުސްވިއެވެ. މީހުންނަށް ހަސަދަލަމުން، އެހެން މީހުންގެ ދިރިއުޅުން ހަލާކު ކުރެވޭތޯ ބެލި ސަމާ އެއްކޮށް ބަލިކަށި ވެއްޖެއެވެ. ހަދާނެ ގޮތް ނޭނގި މީހާ މުޅިން ނިކަމެތި ވެއްޖެއެވެ.

މިގޮތަށް ރޯން އިނދެވެން ނެތްކަން ސަމާއަށް އެނގެއެވެ. ވަގުތެއް ނެތެވެ. ދެން މާއިޒް ދާނީ ސަމާ ހޯދަން ގެއަށެވެ. އެހިސާބުން ސަމާއަށް ވެސް ނުރައްކާވީއެވެ. ކުރިއަށް އަޅާކަށް މާގިނަ ފިޔަވަޅެއް ނެތެވެ. ރާވާނެ މޮޅު ރޭވުމެއް ވެސް ނެތެވެ. ސަމާ މުޅިން ގޮތް ހުސްވެއްޖެއެވެ. ސަމާ ފޯނު ނެގީ ފުލުހުންނަށް ގުޅާށެވެ. އެވަގުތު ވެސް ސަމާގެ މުޅި ހަށިގަނޑު ދިޔައީ ބިރުން ތުރުތުރު އަޅަމުންނެވެ. ވީ އެންމެ އަވަހަކަށް ފުލުހުންނަށް ގުޅައިގެން މާއިޒް ހައްޔަރު ކުރެވުމަކީ ކަމުގެ ޙަޤީޤަތް ދުނިޔެއަށް ކިޔާދެވެން ލިބޭނެ ހަމައެކަނި ފުރުޞަތު ކަމުގައި ސަމާއަށް ވިސްނުނީއެވެ. ސަމާ ހުރީ އޭނާ އަމިއްލައަށް ކުށްވާން ތައްޔާރުގައެވެ.

"ހަލޯ ޕޮލިސް.." ސަމާއަށް ފުރަތަމަ ވެސް ފެށުނީ ރޯންށެވެ. ރޮމުން ގިސްލަމުން ރިޝްފާގެ މަރުގެ ޚަބަރު ސަމާ ފުލުހުންނަށް ދިނެވެ.

***

މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރުގެ އަލިކަން ފާޅުވީ މުޅި މާލެ އާއި ރާއްޖެ ހިމޭން ކޮށްލަމުންނެވެ. މުޅި ޤައުމުގައި ގުގުމަމުން ދިޔައީ ރިޝްފާގެ ރަޚްމު ކުޑަ ޤަތުލުގެ ވާހަކައެވެ. މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމާއެކުގައި ފުލުހުން މާއިޒް އާއި އިތުރު 4 ފިރިހެނުން ހައްޔަރު ކުރީ ފުރިހަމަ ހެއްކާ އެކުގައި ހުޅުމާލޭގެ ފޭސް 2ކުންނެވެ. ފުލުހުންގެ ފޮރެންސިކް ޓީމުން ރިޝްފާގެ ހަށިގަނޑު އެމީހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މާއިޒް ހައްޔަރު ކުރި ޚަބަރަކީ އެތައް ބަޔަކަށް ހައިރާންކަން ލިބިގެން ޚަބަރެކެވެ. އެފަދަ ކަމެއް މާއިޒް ކޮށްފާނެބާއޭ އެތައް ބަޔަކު ސުވާލު ކުރަމުން ދިޔައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މާއިޒް އަކީ މީހުންގެ ކުރިމަތީގައި ވަރަށް ރަނގަޅު މީހެއްގެ ގޮތުގައި ލޭބަލް ވެފައިވާ މީހެކެވެ. އެފަދަ ބޮޑު ކުށެއް މާއިޒް ހިންގާފާނެތޯ މީހުންނަށް ސުވާލު އުފެދެނީ ވެސް އެހެންވެގެންނެވެ.

***

ދަރީންނަށް ހެނދުނުގެ ނާސްތާ ދޭން ހުރި ޝިފާގެ ކަންފަތުގެ ހިނދުރީގައި މާއިޒްގެ ޚަބަރު ޖެހުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ޝިފާގެ އަތުން ސައިތަށި ވެސް ވެއްޓުނީ ބިންމައްޗަށެވެ. ދަރީންގެ ބައްޕަ އަކީ އެފަދަ މީހެއް ކަމެއް ޝިފާއަށް އެނގިފައި ނުވާތީއެވެ. އޭނާއަށް ލިބުނީ ކުއްލި ބޮޑު ޝޮކެކެވެ. ޝިފާ އޭނާގެ ޢާއިލާގެ މީހުންނަށް ގޮވާ ރޭޑިއޯއިން ކިޔަމުން ދިޔަ ޚަބަރު އިއްވިއެވެ. އެ އެެންމެން ވެސް ތިބީ ބުނާނެ އެއްްޗެއް ނޭނގި ގަނބުވެފައެވެ.

"އަހަރެން ދަރީންއާ އެކުގަ މާލެ ދާން ބޭނުން.. އަހަރެން ބޭނުން މިކަން ކުރިއަށް ދާއިރު ވަރަށް ގާތުގަ ހުންނަން.." ޝިފާ ބަލައިލީ އޭނާގެ ބޭބެއަށެވެ. (ނުނިމޭ)

ކޮމެންޓް

1
450
ސަމާ
8 months ago

ވަރަށް ވަރަށް ރީތި. އަޅެ އަވަސް އަވަހަށް އަޕް ކޮށްދީބަލަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.