މި އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ޖުމްލަ ހަ ޕާޓީއަކަށެވެ. އެއީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީއާ ޕީޕީއެމާއި އެމްޑީއޭގެ އިތުރުން ކޮންގްރެސް ޕާޓީއަށެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާގެ ތަފްސީލް އިލެކްޝަންސް ކޮމިޝަނުން ހާމަ ކޮށްފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އެ އަދަދު އެ ޕާޓީއެއް ގައި ހަމަވޭތޯ ބަލާނީ ދައުލަތުގެ އެ އަަހަރުގެ ބަޖެޓް ފާސްކުރާ ދުވަހާއި ހަމަައަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ގައި އެ ޕާޓީއެއްގެ މެންބަރުން ކަމަށް ބަޔާންކޮށްފައިވާ އަދަދުންނެވެ.
މި އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ޖުމްލަ ހަ ޕާޓީއަކަށެވެ. އެއީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީއާ ޕީޕީއެމާއި އެމްޑީއޭގެ އިތުރުން ކޮންގްރެސް ޕާޓީއަށެވެ. އެންމެ ގިނަ ފައިސާ ލިބެނީ އެމްޑީޕީއަށެވެ. ދެން އެންމެ ގިނަ ފައިސާ ލިބެނީ ސަރުކާރު ހިންގާ ޕީޕީއެމާއި ކޮންގްރެސް ޕާޓީއަށެވެ.
މި ލިސްޓްގައި އަލަށް ހިމެނުނީ ސަރުކާރު ހިންގާ މައި ޕާޓީ ކޮންގްރެސް އެވެ. މިދިޔަ އަހަރު ފައިސާ ލިބުނު ޕާޓީތަކުގެ ތެރެއިން ލިސްޓުން އުނިވީ މޯލްޑިވްސް ނެޝަނަލް ޕާޓީ އެވެ.
މި އަހަރު މި ޕާޓީތަކަށް ޖުމްލަ 44،099،905 ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ނަމަވެސް މި އަހަރު ފައިސާ ދޫކުރާ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީއާ އެމްޑީއޭ ގައި އެ އަދަދަށް މެންބަރުން ނެތެވެ. އެ ދެ ޕާޓީގައި ނުވަހާސް މެންބަރުން ވެސް ނުހިމެނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ދައުލަތުގެ މި އަހަރުގެ ބަޖެޓް ފާސްކުރި ދުވަހާއި ހަމައަށް އަދާލަތާއި އެމްޑީއޭ ގައި ވެސް 10،000 މެންބަރުން ހަމަވާ ކަމަށެވެ. އަދި މިއަދު އާންމު ކުރި ލިސްޓްގައި ހިމެނޭ އަދަދަކީ މިދިޔަ އަހަރުގެ ނިޔަލަށް ޕާޓީތަކުގައި މެންބަރުން ތިބި އަދަދު ކަމަށެވެ.