ޒަމީލް ޖޫރިމަނާކޮށްފައި ވަނީ 20،000 ރުފިޔާ އިންނެވެ. މަރްހާން ޖޫރިމަނާ ކުރީ 6000 ރުފިޔާ އިންނެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލްގެ މާލީ ބަޔާން ފުރިހަމަ ނުވާތީ ޖޫރިމަނާ ކުރުމުން އެ ޖޫރިމަނާ ފަސްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
ޒަމީލްގެ މާލީ ބަޔާން ފުރިހަމަ ނުވާތީ އޭނާގެ އިތުރުން އޭނާގެ އިންތިހާބީ އެޖެންޓަކަށް މަސައްކަތް ކުރި އޭނާގެ ފިރިހެން ދަރިފުޅު މަރްހާން ޒަމީލް ވެސް އިލެކްޝަން ކޮމިޝަނުން ޖޫރިމަނާކޮށްފައިވެ އެވެ. ޒަމީލް ޖޫރިމަނާކޮށްފައި ވަނީ 20،000 ރުފިޔާ އިންނެވެ. މަރްހާން ޖޫރިމަނާ ކުރީ 6000 ރުފިޔާ އިންނެވެ.
ޒަމީލް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އޭނާގެ ފަރާތުން މިކަމާ ގުޅިގެން ޖުޑީޝަލް ރިވިއުގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅުމަށް ގަސްތު ކުރާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހުށަހަޅުމުގެ ކުރިން ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.
އީސީ އިން ޖޫރިމަނާކޮށްފައި ވަނީ ޑިސެމްބަރު 11، 2023 ގައެވެ. އެ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ވަނީ އަންގައިފަ އެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނީ، މަދަނީ އިޖުރާއަތު ގާނޫނުގެ ދަށުން ވަގުތީ އަމުރު ނެރެދެވޭނީ ކޯޓަށް ހުށަހެޅިފައިވާ ދައުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.
އަދި، މައުލޫއީ މައްސަލައެއް ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދެން ޖެހޭ ހާލަތެއް ވެސް މި މައްސަލައިގައި ނެތް ކަމަށެވެ. އެއް ކަމަކީ ހުށަހެޅިފައިވާ މައްސަލައަކީ އަވަހަށް ފިޔަވަޅެއް އަޅަން ޖެހޭ މައްސަލައަކަށް ވުމެވެ. އަނެއް ކަމަކީ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ އިންސާފު ގާއިމް ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވުމެވެ. މި ދެކަމުން އެއްވެސް ކަމަކަށް މި މައްސަލަ ނުފެތޭ ކަމަށް ހުކުމުގައިވެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ފުރިހަމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމެވެ،
ޒަމީލްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރާއި ފާރިސް މައުމޫނު އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވަނީ މާލީ ބަޔާން ފުރިހަމަ ނުވާތީ ޖޫރިމަނާކޮށްފަ އެވެ.