ވާހަކަ

އިންތިހާއަށް ލޯބިވީމާ – އެޕިސޯޑް 55

ރިޝްފާ ދެލޯ ބޮޑުކޮށްގެން ހުރެ ބަލައިލީ މާއިޒަށެވެ. އެވަގުތު މާއިޒްގެ މުޅި މޫނުގައި ހުރީ ލެޔެވެ.

- އެޕިސޯޑް 55–

މާއިޒްގެ މޫނުގައިވާ ލޭތައް ފެނުމާ އެކުގައި ރިޝްފާއަށް ކަރު ބުޑުން ހަޅޭލަވައިގަނެވުނެވެ. "ރާއިން"އޭ ކިޔާ ހަޅޭލަވައިގަންނަމުން ރިޝްފާ ފުންމައިގެން ކޮޅަށް ތެދުވިއެވެ. ހަމަ އެބާރު މިނުގައި މާއިޒްގެ ދެއަތުން ރިޝްފާ ކޮށްޕާ ވައްޓާލިއެވެ. ވީ ތެދެއްގެ ބޮޑު ކަމުން "އައްދޯއި" ކިޔާ ރިޝްފާއަށް ފެށުނީ ރޯށެވެ. ތަނަށް ވެރިވެފައިވާ ބިރުވެރިކަމާ ވެސް އެކުގައެވެ. އެނދުގައި އޮތް ރާއިން ދެކިލަން ރިޝްފާ އިނީ އިންތިހާ އަށް ބޭނުން ވެފައެވެ. އެ ތުއްތު ތުއްތު ފުރާނައަށް މާއިޒް ހަމަލާއަށް ދީފިކަން ރިޝްފާއަށް ޔަޤީންނެވެ. މާއިޒްގެ މޫނަށް ބުރައިގެން އެ ދިޔައީ ރާއިންގެ ތުއްތު ހަށިގަނޑުގެ ލޭތައްކަން ކަށަވަރެވެ. ތަނަށް ވެރިވެފައިވާ ބިރުވެރި ކަމާއެކުގައި ރިޝްފާގެ ހިތުގެ ހިނގުން އަވަސްވެ، މީހާ ދާހިއްލާ ފޯއްވެއްޖެއެވެ. އޭރު ވެސް ހުއްޓުމެއް ނެތި ރިޝްފާގެ ލޮލުން ކަރުނަތައް ފައިބަމުން ދެއެވެ.

"ހެޔޮނުވާނެ! ތިހެން ނުހަދާ!" ރިޝްފާއަށް ވާހަކަދެކެވުނީ ވަރަށް އުނދަގުލުންނެވެ. މާއިޒް ބަލައިލީ ރިޝްފާގެ މޫނަށެވެ. ރުޅިއައިސްގެން މާއިޒް އޭރުވެސް ހީވަނީ "ހަލާކު" ވެދާނެ ހެންނެވެ.

"މި ވޭތުވެގެން ދިޔަ ދުވަސްތަކުގަ އަހަރެން އުޅުނީ ހަމަ ނޭވާ ނުލެވިގެން.. ކަލޭގެ ސަބަބުން. ކަލޭ އަހަރެންގެ ދިރިއުޅުން ވަރަށް ދަތިކޮށްލާފަ އަހަންނާ ވަރަށް ކުޅެލަން އުޅެފިން ދޯ؟ ތިކަމެއް ނުވާނެ.. އަހަރެން ހޯދަން ބޭނުންވާ އެއްޗެއް ބޭނުންވާ ވަގުތެއްގައި ހޯދާނަން.. އެކަން މި ސާބިތުކޮށްދިނީ.." ދެލޯ ވީދައިގެންދާ ވަރަށް ރިޝްފާއާ ދިމާލަށް ބަލަހައްޓައިގެން ހުރެ މާއިޒް ވަރަށް ޒުވާބުކޮށް ނެގިއެވެ. ރިޝްފާއަށް ކުދި އެތައް އަނިޔާއެއް ދެމުން އެރޭ މާއިޒް ރިޝްފާއަށް ނުގޮވާކަށް އައުގުރާނައެއް ނެތެވެ. ނަމަވެސް އެ ބިރުވެރި ރޭ، އެ ނާމާން ވަގުތުގައި ރިޝްފާ އިނީ އެއްވެސް ބާރެއް ނެތިފައެވެ. މާއިޒް ހެދިހާ އެއްޗަކަށް، ކުރިހާ ޒުވާބަކަށް ކެތްކޮށްލައިގެންނެވެ.

އެތައް ފަހަރަކު ހަމަ ދެންމެ ދެންމެ ރިޝްފާ މަރާލަން އުޅޭހެން ހީވެއެވެ. އެހާ ވެސް މާއިޒްގެ އަމަލުތައް އެރޭގަ އަނިޔާވެރިއެވެ. ރިޝްފާ ސަލާމަތްވީ ރިޝްފާ އެރޭ ހުއްޓުމެއްނެތި ކުރިހާ އާދޭހާ، ރިޝްފާ ވީ ވަޢުދުގެ ސަބަބުންނެވެ. ދުވަހަކު ވެސް މާއިޒް ފެންނަ ހިސާބަށް ނާންނާނެ ކަމަށާއި ރިޝްފާގެ އެއްވެސް އުނދަގޫއެއް މާއިޒަށް ނުޖެހޭނެ ކަމަށް ރިޝްފާ ވަޢުދު ވުމުންނެވެ. މި ހިނގާ ދިޔަ ކަންތައް މީ ކައްވަޅަށް ދާން ދެން ސިއްރެއްގެ ގޮތުގައި ބާއްވާނެ ވާހަކަތަކެއް ކަމަށް ރިޝްފާ ވަޢުދު ވުމުންނެވެ.

ކޮޅަށް ތެދުވެ ރިޝްފާ ރާއިންއަށް ބަލާލި ވަގުތަކީ ރިޝްފާގެ ޙަޔާތަށް އައި އެންމެ ހިތްދަތި ވަގުތުކޮޅެވެ. އިއްޔަ ފަދައިން އަދިވެސް ރިޝްފާގެ ހިތާއި ސިކުނޑީގައި އެ މަންޒަރުތައް ސިފަވެގެން ދެއެވެ. މާއިޒް ހަމަލާ ދީފައި އޮތީ ރާއިންގެ ސީދާ މެޔަށެވެ. ރިޝްފާގެ މައިލަގޮނޑި ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އެ ތުއްތު ކުއްޖާގެ ކުށަކީ ކޮބައިހެއްޔެވެ؟ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް، މާއިޒް އެ ޤަތުލު ކުރީ އޭނާގެ އަމިއްލަ ލެޔެވެ. އޭނާގެ ދަރިއެކެވެ. ގިސްލާ ރޮމުން ދިޔަ ރިޝްފާ މަޑުމަޑުން ރާއިންއާ ގާތްވެލިއެވެ. ފަހުގެ ވަދާޢީ ސަލާމް ކޮށްލުމަށެވެ. ނަމަވެސް އެކަމެއް އޭނާއަކަށް ނުވިއެވެ. ރާއިންގެ ހަށިގަނޑުގައި އަތް ޖައްސާލަން އުޅެނިކޮށް ރިޝްފާގެ މޫނު މައްޗަށް އަނދިރި ވެގެން އޭނާ ވެއްޓުނީއެވެ.

ހޭވެރިކަން ވީއިރު ގާތުގައި ހުރީ މާއިޒެވެ. ވަށައިގެން ރިޝްފާ ބަލައިލިއެވެ. ރިޝްފާ އޮތީ އޭނާ އިންޑިއާގައި ދިރިއުޅޭ ގޭގަ ބާއްވާފައެވެ. ރިޝްފާ ކުއްލިއަކަށް އަވަހަށް އެނދުން ތެދުވިއެވެ. އަދި ރާއިންއޭ ކިޔާ ތެޅިގަނެވުނެވެ. ހަމަ އެހިނދުގައި ރާއިން ދުނިޔޭގައި ނެތްކަން އެނގުމުން، އަޑުން އަޑު ނަގާ ރިޝްފާއަށް ފެށުނީ ރޯންށެވެ. ރިޝްފާގެ ޙާލަށް އެއްވެސް ވަރަކަށް މާއިޒްގެ ހިތުގައި ކުލުނެއް ނެތެވެ. ރިޝްފާ ރޮމުން ގެންދިޔަ އިރު މާއިޒް ހުރީ އޭނާގެ ގާތުގައި ހީނލަ ހީނލައެވެ. ރިޝްފާ ހޭނެތުމުން މުޅި ގޭތެރެ ސާފުކޮށް ރާއިންގެ ހަށިގަނޑު ނައްތާލީ މާއިޒްއެވެ.

"އަހަރެން މިދަނީ ރާއްޖެ! ދިޔުމުގެ ކުރިން..." މާއިޒްގެ އަޑަށް ރިޝްފާ ދެލޯ ބޮޑުކޮށްގެން އޮވެ މާއިޒަށް ބަލާލިއެވެ. މާއިޒް މަޑުމަޑުން ރިޝްފާއާ ގާތްވެލަމުން ދިޔައެވެ. އެގޮތަށް ގޮސް ރިޝްފާގެ މޫނާ މާއިޒްގެ މޫނު ޖައްސާލިއެވެ. ދެމީހުންނަށް ނޭވާގެ ހޫނުކަން ލިބޭހާ ގާތްވެލިއެވެ. ރިޝްފާގެ މުޅި މޫނުމަތިން ވަނީ މިލައި މޯޅިވެފައެވެ. އެއްވެސް ތާޒާ ކަމެއް އެ ސޫރާގައި ނެތެވެ. ބާއްވާފައި އޮތް ބުދެއް ފަދައިން ރިޝްފާ ހަމަ އޮތީއެވެ. ގުޑާ ވެސް ނުލައެވެ. އިތުރަށް ދައްކާނީ ވެސް ކޮން ގަދައެއް ހެއްޔެވެ؟ ހިތާއި ދެކޮޅަށް އޮތުން ނޫނީ ދެން އޮތީ ވަކި ކޮން ގޮތެއް ހެއްޔެވެ؟ އެފަކީރުގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައިރު، ލިބެމުން ދިޔަ ދިލަ ތަދަށް ކެތްކުރީ ވަރަށް ޙާލުންނެވެ. ދެލޯ މަރާ ބާރުކޮށްގެން އޮތް އިރު ރިޝްފާ ގެންދިޔައީ އެންމެ ހިތްދަތި ކަމާއެކުގައި ހިމޭން ރުއިމެއްގައި ވަގުތު ހޭދަ ކުރަމުންނެވެ. މާއިޒްގެ އަނިޔާވެރި ވަކި ތަކުން ރިޝްފާ "ރޭޕް" ކޮށް ނިންމާލުމަށްފަހު މާއިޒް އެގެއިން ނުކުތީ ހިތްހަމަ ޖެހިގެންނެވެ. ކުރެވުން އެއްވެސް ކަމަކާ ހާސްކަމެއް ނެތިއެވެ.

ވޭތުވެގެން ދިޔަ 3 އަހަރާ އެތައް މަސްތަކެއް ގައި ރިޝްފާ ހޭދަކުރީ އެކަނިވެރި ދިރިއުޅުމެކެވެ. ހަނގުރާމަ ކުރަމުން ގެންދިޔައީ "ޑިޕްރަޝަން"އާ އެވެ. އިރު އަރާ އޮއްސޭ ކޮންމެ ދުވަހެއްގައި ރިޝްފާ މާއިޒަށް ކުރާ ނަފްރަތު ދިޔައީ އިންތިހާއަށް އިތުރު ވަމުންނެވެ. ބަލިން އަރައި ގަނެވި، ދުނިޔެއަށް ހަމަޖެހިގެން ލެވުން ފުރަތަމަ ނޭވާއާ އެކުގައި ރިޝްފާ އަޒްމު ކަނޑައެޅީ މާއިޒަށް ބަދަލު ހިފާށެވެ. އެތައް ގޮތްތަކުން މަސައްކަތް ކޮށްގެން ލިބުން ނާކާމިޔާބީއަށް އުއްމީދުގެ އަލިކަމެއް ލިބުނީ ސަމާއާ ދިމާވި ހިސާބުންނެވެ.

***

"ރިޝްފާ.. ކަލެއާ އޭ މި ވާހަކަދައްކަނީ" ކަރު ބުޑުން މާއިޒް ހަޅޭލަވައިގަތުމާ އެކު، ރިޝްފާގެ ވޭނީ ދާސްތާނުން އޭނާއަށް ނުކުމެވެއްޖެއެވެ. ތެޅިގަތްފައި ގޮތަކަށް ރިޝްފާއަށް ބަލައިލެވުނީ މާއިޒްގެ މޫނަށެވެ. އެވަގުތު ވެސް މާއިޒް ހުރީ ރިޝްފާއާ ދިމާލަށް ވަޅި ދިއްކޮށްގެންނެވެ.

"ކަލޭއަށް މިވަރަށް ގޮވާ އިރު ކިހިނެއް ވެފަ ތި ހުންނަނީ؟ އެއްބުރުން ވަޅި އަރުވާލަންވީތަ؟" މާއިޒް އޭނާގެ އަތުގައި އޮތް ވަޅި ޖައްސާލީ ރިޝްފާގެ ކަރުގައެވެ.

"ނޫން.." ރިޝްފާގެ އަނގައިން ނުކުތީ ހަމައެކަނި އެވަރަށެވެ.

"އެހެން ވިއްޔާ ކިޔާދީ! ހަމަ މިހާރު ކިޔާދީ! ހުރިހާ އެއްޗެއް ކިޔާދީ! ސަމާއާ ރިޝްފާ ތި ރޭވި ރޭވުންތައް ވެސް ކިޔާދީ! ރީތިކޮށް ތެދަށް ކިޔާދިއްފިއްޔާ، ދެން ވެސް ކަލެއަށް މާފު ދޭނަން. ކަލޭ ދޫކޮށްލާނަން. ކުރިން ގޮތަށް.." މާއިޒްގެ އަމުރުތަކަށް ރިޝްފާ ތަބާވެ، ހުރިހާ ވާހަކައެއް ކިޔާދޭން ފެށިއެވެ. ވާހަކަތައް ކިޔާދެމުން ދިޔައިރު ގަތްފައިވާ ބިރުން ބައެއް ފަހަރު ހުއްޓުން ވެސް އަރައެވެ. މާއިޒް ހަޅޭލަވައިގަތީމަ، އަނެއްކާ ވެސް ކުރިއަށް ގެންދަނީއެވެ.

ރިޝްފާ އާއި ސަމާ ދިމާވި ގޮތާއި، ރިޝްފާ ބޭނުންވީ މާއިޒަށް ބަދަލު ހިފަން ކަމަށާއި، އެގޮތުން މާއިޒްގެ ހުރިހާ މުދާތަކެއް ފޭރި ގަނެ، މާއިޒް އިނދަ ޖައްސާލަން މަސައްކަތް ކުރި ކަމުގައި ރިޝްފާ ބުންޏެވެ. މިކަމުގައި ރިޝްފާއަށް ސަމާގެ ހުރިހާ އެހީތެރިކަމެއް ލިބޭ ކަމަށާއި، ސަމާ ވެސް ބޭނުން ވަނީ ފައިސާ ކަމުގައި ރިޝްފާ ބުންޏެވެ. ނަމަވެސް ރިޝްފާގެ އަމާޒަކީ ހަމައެކަނި މާއިޒް އިނދަ ޖައްސާލުން ނޫން ކަމަށާއި، ރިޝްފާ ބޭނުންވީ ހުރިހާ ގޮތަކުން މާއިޒަށް ބަދަލު ހިފަން ކަމުގައި ރިޝްފާ ކިޔާދިނެވެ. މިހެން ގޮސް ފަޔާޒަށް ޖެއްސި ޙާލާއި، ސަމާ މާއިޒް ބޭނުންވީ ނިއުޝާއަށް ވާދައަށް ކަމަށާއި، އެއީ ހަސަދައިގެ ކަމެއް ކަމަށް ރިޝްފާ ފާހަގަ ކުރިއެވެ. ހުރިހާ ވާހަކަތަކެއް ރިޝްފާ ކިޔައިދެމުން ދިޔައިރު، މާއިޒްގެ ރުޅިގަނޑު ކެކި އުތުރެމުން ދިޔައެވެ. އެތެރެހަށި ހޫނު ވެގެން ގޮސް މާއިޒް ފަޅައިގެން ނުގޮސް ހުރީ ހަމަ ކިރިޔަ ކިރިޔާ އެވެ.

"އަހަންނަށް މާފު ކުރޭ މާއިޒް.. އަހަރެން މި ކިޔާ ދިނީ ހުރިހާ ވާހަަކައެއް ތެދު ތެދަށް.. އަހަރެން މިކަން މިކުރި ސަބަބު މާއިޒް ހަމަޖެހިގެން ވިސްނާލީމާ ގެޓް ވާނެ.. ކޮންމެ މީހެއް ނަމަވެސް މިވަރުގެ އަނިޔާއެއް ދިނީމަ ގޮތްތަކެއް ވާނެ. އެހެން ރޫޙެއް އާލާ ވާނެ. އަހަންނަށް މާފު ކުރޭ! އަހަންނަށް އަހަރެންގެ ލެސަން ދަސްވެއްޖެ! އަހަރެން ދޫކޮށްލާ. މާއިޒްގެ ކުށެއް ނެތި މާއިޒްގެ ދިރިއުޅުން ހަޤީޤަތުގަ ހަލާކު ކުރަން އުޅުން މީހަކީ ސަމާ.. އަހަރެން ސަމާއާ ބައިވެރިވީ މާއިޒް އަހަންނަށް ދިން އަނިޔާގެ ސަބަބުން. ޕްލީޒް.. އަހަރެން ދޫކޮށްލާ!" ރިޝްފާ ގެންދިޔައީ ހުއްޓުމެއް ނެތި ރޮމުންނެވެ. މާއިޒް އެއްވެސް އެއްޗެއް ނުބުނެ ހިމޭން ވެގެން ހުއްޓެވެ. އެވަގުތު ރިޝްފާގެ ކަރުގައި ޖައްސާފައިވާ ވަޅި ދިޔައީ ތުރުތުރު އަޅަމުންނެވެ. އެއީ މާއިޒްގެ މުޅި ހަށިގަނޑު ރޫރޫ އަޅާވަރުންނެވެ. މީހާ ރުޅިގަދަ ވެގެން ހައްދުން ނެއްޓެނީއެވެ. މާއިޒް ކުއްލިއަކަށް ހުރެފައި މަހެއްގެ ބޯ ބުރިކޮށްލާ ބީދައިން ރިޝްފާގެ ކަރުގެ ފުން މިނަށް ވަޅި ކޮށްޕާލިއެވެ. ރިޝްފާގެ ދެލޯ ބޮޑު ވެގެން ގޮސް ލޮލުގެ ކަޅި ހީވީ ސީލިންގަ ޖެހުން ހެންނެވެ. ރިޝްފާއަށް ލިބުނީ ކުޑަ ސިކުންތު ކޮޅެކެވެ. ބިންމައްޗަށް ލޭތަކާ އެކުގައި ރިޝްފާ ވެއްޓުނެވެ.

އެވަރުން ވެސް މާއިޒްގެ ހިތެއް ނުފުރުނެވެ. ބޮޑު ވަޅި ނަގާ، ރިޝްފާގެ ގައިގެ އެކި ތަންތަނަށް ހަމަލާ ދެމުން ގެންދިޔައެވެ. މުޅި އެތަން ލޭގެ ކޯރަކަށް ބަދަލުވެ، މާއިޒްގެ ހަމުގެ ކުލަ ފޮރުވޭ ވަރަށް އޭނާގެ މުޅިގައިގައި ހުސް ލެޔެވެ. މާއިޒް ހުއްޓާލީ އޭނާގެ ދެއަތް ވާޅުވެގެންނެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން މާއިޒް ބަލައިލީ ސިޓިންގރޫމަށެވެ. މުޅި ތަނުގައި ލެޔެވެ. މާއިޒްގެ ދާދި ގާތުގައި ރިޝްފާގެ ދެ ފައި ވަކިން އޮތެވެ. ރިޝްފާގެ ބޯ އޮތީ މާއިޒްއާ ގާތްގަނޑަކަށް 2 ވަރަކަށް ފޫޓު ދުރުގައެވެ. ބޯ އޮތް ދިމާލުގައި ސިކުނޑި އޮތީ ފައިބާފައެވެ. ދެއަތާއި ހިތާއި މޭ އޮތީ ދޮރާ ދިމާލުގައެވެ. މޫނުމަތިން ލޭތައް ފުހެލުމަށް މާއިޒް އޭނާގެ ދެއަތުން މޫނުގައި އަތް ކާއްތާލިއެވެ. އޭރު ދެއަތުގައި ވެސް ފުރާ ލެޔެވެ. މާއިޒް ކޮޅަށް ތެދުވެ ހިނގައިގަތީ ފާޚާނާއާ ދިމާލަށެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.