މިއަދު ރާއްޖެ ގެނެވުނު އާއިލާތަކުގެ ތެރެއިން ބައެއް އާއިލާތައް ސީރިއާއަށް ދިޔައީ ބޭސްފަރުވާއަށް އިންޑިއާއަށް ފުރުމަށްފަހު އެވެ. އިންޑިއާއަށް ދިޔައީ ހަނގުރާމައަށް ފުރައިގެން ދެވޭނެ މަގެއް ހޯދުމަށެވެ.
ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދިޔަ 90 އެއްހާ ދިވެހިން އަނބުރާ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެމީހުން ތިބި ތަނެއް ހޯދައި އައިޑެންޓިޓީ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.
ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ދިވެހި ފަސް އާއިލާއެއް މިއަދު ސަރުކާރުން ވަނީ ރާއްޖެ ގެނެސްފަ އެވެ. އެމީހުން ގެނައީ ޗާޓަރު ފްލައިޓެއް ފޮނުވައިގެން، ތުރުކީ ބޯޑަރުގައި ހާލުގައި ޖެހިފައި ތިއްބަ އެވެ. މި ފަސް އާއިލާގައި 21 މީހުން ތިބިއިރު، 15 ކުޑަކުދިން ހިމެނެ އެވެ.
މިކަމާ ގުޅޭ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ އަދިވެސް 100 އެއްހާ ދިވެހިން ހަނގުރާމަ ކުރަން ގޮސް ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 90 މީހުން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ކަމުގެ މައުލޫމާތު، ރާއްޖޭގައި ތިބި އެމީހުންގެ އާއިލާތަކުން ދީފައިވާ ކަމަށެވެ.
މިއަދު އަނބުރާ ރާއްޖެ ގެނައި މީހުން ގެނައީވެސް އެމީހުންގެ އައިޑެންޓިޓީ ބެލުމަށްފަހު ޑީއެންއޭ ޓެސްޓްތައް ހަދައި ދިވެހިންކަން ކަށަވަރުކޮށްފަ އެވެ.
"އެހެން ބޭފުޅުން އަދި މިދަނީ ތިބި ތަނާ ކޮންޓެކްޓް އެސްޓެބްލިޝް ކުރުމުގެ މަސައްކަތް ކުރަމުން. މިދެންނެވި 90 ފަރާތަކީ ވެސް ހަމަ ވަރަށް ވޭގް ކޮމިއުނިކޭޝަންއެއް، ކޮންމެވެސް ބޭފުޅަކު އަޅުގަނޑުމެންގެ ވުޒާރާއަށް އަންނަނީ ނުވަތަ ޕޮލިހަށް ރިޕޯޓެއް ލިބެނީ ނުވަތަ ބައިނަލްއަގްވާމީ ކޮންމެވެސް އިދާރާއަކުން އަޅުގަނޑުމެންނާ ހިސާބަށް އަންނަ މައުލޫމާތުތަކުން މި އެނގެނީ މިވެނި ސަރަހައްދެއްގައި ކަމަށް ބެލެވޭ، އެވެސް އެހާ އެކިއުރޭޓްކޮށެއް ނޫން ގިނަ ފަހަރަށް މިއަންނަނީ، ބެލެވޭ މިތައް ބަޔަކު ދިވެހިން ކަމަށް އެބަ ބުނެޔޭ. މިކަހަލަ ގޮތަކަށް މި މައުލޫމާތުތައް ލިބެނީ،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހަނގުރާމައަށް ގޮސް ތިބި މީހުންގެ އާއިލާތަކުން، އެމީހުން އަނބުރާ ގެނެސްދިނުމަށް އެދި ވަރަށް ގިނަ ސިޓީތައް ފޮނުވަމުންދާ ކަމަށެވެ. އެކަމަކު އެމީހުން ތިބީ ސީދާ ކޮން ސަރަހައްދެއްގައިކަން ކަށަވަރު ނުވާތީ އާއި އެ ސަރަހައްދުގެ ދައުލަތާ މުއާމަލާތްކުރަން އުނދަގޫވާތީ މި މަސައްކަތުގައި ގޮންޖެހުންތައް ވަރަށް ބޮޑެވެ. އެ މީހުން ތިބިތަން ހޯދައި، އެއީ ދިވެހިންކަން ކަށަވަރު ވެސް ކުރަން ޖެހެ އެވެ.
ހަނގުރާމައިގައި ބައިވެރިވާން ފުރައިގެން ދިއުމުގެ ވިސްނުން ގެންގުޅޭ ދިވެހިންނަށް މިނިސްޓަރު ވަނީ ވަރަށް އަސަރުގަދަ މެސެޖެއް ވެސް ދެއްވާފަ އެވެ.
"ދިވެހިން ވިސްނަންވީ މިފަދަ އާއިލާތަކުން ގޮސް އެފަދަ ތަންތަނުގަ ޖެހޭ ހާލު. ފިރިހެންވެރިން ބައެއް ފަހަރަށް މިކަހަލަ ކަންކަމުގެ ތެރޭގަ ނިޔާވެ، އޭނާއާއެކުގަ ގެންދާ އަނބިދަރިން ޖެހޭ ހާލު، އެތަނަށް އުފަންވާ ކުޑަކުދިންނަށް ޖެހޭ ހާލު، އެތަނަށް ގޮސް އަދި ކިރިޔާ ހިނގާ ބިނގާވެ އުޅެވެން ފަށާ ކުދިންނަށް ޖެހޭ ހާލު،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އެދިވަޑައިގެންފައި ވަނީ އެފަދަ ހިޔާލުތައް ގެންގުޅޭ ފަރާތެއްކަން އެނގެއްޖެނަމަ އެކަން ވަގުތުން މިނިސްޓްރީއަށް ނުވަތަ ފުލުހުންނަށް ރިޕޯޓް ކުރުމަށެވެ. ރިޕޯޓް ކުރުމުން އެމީހަކަށް އެޓެންޑްވެ، ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
"ހިތާމައަކީ އަޅުގަނޑުމެން މި ދައްކާ ވާހަކަތަކާ، މި ދޭ މައުލޫމާތުތަކަށް ނުބަލާ ކޮންމެވެސް އެއް މަގުސަދެއް ހާސިލް ކުރަން ބޭރަށް ފުރައިގެން ދާތަން. ގޮސް މިފަދަ ހާލުގައި އާއިލާތައް ޖެހުނީމަ ދެން ދައުލަތުގެ މުއައްސަސާއަކަށް ގޮވާފަ މިބުނަކީ އަޅުގަނޑުމެން އަނބުރާ ރާއްޖެ އަންނަން ބޭނުމޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ރާއްޖެ ގެނެވުނު އާއިލާތަކުގެ ތެރެއިން ބައެއް އާއިލާތައް ސީރިއާއަށް ދިޔައީ ބޭސްފަރުވާއަށް އިންޑިއާއަށް ފުރުމަށްފަހު އެވެ. އިންޑިއާއަށް ދިޔައީ ހަނގުރާމައަށް ފުރައިގެން ދެވޭނެ މަގެއް ހޯދުމަށެވެ.
"ދުރާލާ އާއިލާތަކުގަ މިފަދަ ފިކުރުތައް ގެންގުޅޭ ބޭފުޅުން އުޅުއްވާކަމަށް ވެއްޖިއްޔާ، އެއްވެސް ދިމާލަކަށް ފުރައިގެން ދިއުމުގެ ކުރިން އަޅުގަނޑު އެދެން މީ ކޮންކަމަކަށްދާ ދަތުރެއްތޯއާ ހަމަ ހަގީގަތުގަ ވެސް މިދަނީ ތި ވިދާޅުވާ ބޭނުމަށްތޯ ކަށަވަރުކުރަން،" މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރުއްވާނެ ކަމަށެވެ. މިއަދު ގެނަ މީހުން އަލުން މުޖުތަމައުއަށް ނެރުމަށް ދޭން ޖެހޭ ފަރުވާ ދިނުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.