ސަރުކާރަށް ފާޑުކިޔަމުން އެމީހުން މަގުމަތީގައި އިހުތިޖާޖު ކުރަމުން ދިޔައީ އާއިލާގެ ހައްގުގައި ކަމަށް އޭނާ ބުންޏެވެ. އެމީހުންގެ ޑިމާންޑަކީ ވަޒީފާ އަނބުރާ ދިނުމަށްފަހު ތިން މަސް ފަހުން އަލުން ވަކިކުރަން ބޭނުން ނަމަ ވަކިކުރުމެވެ.
ހއ. ދިއްދޫ ފެނަކަ ކޯޕަރޭޝަންގައި ކޮންޓްރެކްޓް އުސޫލުން ވަޒީފާ ދީފައިބާ 53 މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކޮށްދިނުމުން މަގުމަތީގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.
އެ މުވައްޒަފުންނަކީ އެރަށުގެ އިންޖީނުގެ އެޅުމަށް ނަގާފައި ތިބި މުވައްޒަފުންނެވެ. އެމީހުންގެ ޝަކުވާއަކީ ނުބުނެ ކުއްލިއަކަށް ކަނޑައިލުމެވެ.
"ކޮންޓްރެކްޓް ހަމަވާކަން އެނގޭ. އެކަމަކު ވަކި ކުރިކަން އެނގުނީ އޮފީހަށް މިއަދު ދިޔައީމަ. ދެން ކުއްލިއަކަށް އެހެން އެންގީމަ ޝޮކަކަށް ނޫންތޯ ދާނީ. މައްސަލައަކީ ކުރިން އެއްޗެއް ނާންގާ އޮތުން،" ވަޒީފާއިން ވަކިކުރި މުވައްޒަފަކު ބުންޏެވެ.
ސަރުކާރަށް ފާޑު ކިޔަމުން އެމީހުން މަގުމަތީގައި އިހުތިޖާޖު ކުރަމުން ދިޔައީ އާއިލާގެ ހައްގުގައި ކަމަށް އޭނާ ބުންޏެވެ. އެމީހުންގެ ޑިމާންޑަކީ ވަޒީފާ އަނބުރާ ދިނުމަށްފަހު ތިން މަސް ފަހުން އަލުން ވަކިކުރަން ބޭނުން ނަމަ ވަކި ކުރުމެވެ.
މިކަމާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ އެ މުވައްޒަފުންނަކީ ވަކި ޕްރޮޖެކްޓަކަށް ނަގާފައި ތިބި ބައެއް ކަމަށެވެ. އެގޮތަށް އެގްރިމެންޓް ހަމަވެގެން އަލުން ކޮންޓްރެކްޓް އާ ނުކޮށް މަޑުޖައްސާލާފައި ވަނީ އެރަށުގައި އެކަނި ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އަދި، ކޮންޓްރެކްޓް އާ ނުކުރަން ނިންމީ މިވަގުތަށް އެ މުވައްޒަފުން ކުރާނެ މަސައްކަތެއް ވެސް ނެތުމުން ކަމަށް މުއާޒު ވިދާޅުވި އެވެ.
މި ސަރުކާރު އައިއިރު 1600 އެއްހާ ކޮންޓްރެކްޓް މުވައްޒަފުން އެބަ ތިބި ކަމަށް ކުރީން މުއާޒު ވިދާޅުވެފައިވެ އެވެ. އެ މީހުން މަސައްކަތް ނިމުމުން ދެން ކޮންޓްރެކްޓް އާ ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ފެނަކައަކީ އެންމެ ގިނައިން ސިޔާސީ ވަޒީފާތައް ދޭ ކުންފުންޏެވެ. އެކުންފުނީގައި ތިބި ސިޔާސީ މުވައްޒަފުން ވަކި ނުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.