ވޯޓްލުމުގެ ފުރުސަތު ނުވަ ގަޑިއިރުގެ މުއްދަތަށް ދިން ނަމަވެސް ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 37270 މީހުން ވޯޓްލާން ނިކުމެފައެއް ނުވެ އެވެ.
މާލެ ސިޓީގެ މޭޔަރު ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބު ގައި ވޯޓްލުމުގެ ހައްގު ލިބުނު މީހުންގެ ތެރެއިން 37،000 ވުރެ ގިނަ މީހުން ވޯޓް ނުލަ އެވެ. ރާއްޖޭގައި ބޭއްވޭ ތިންވަނައަށް އެންމެ ބޮޑު އިންތިހާބަކީ ވެރިރަށަށް މޭޔަރު ހޮވުމުގެ އިންތިހާބެވެ.
މޭޔަރު އިންތިހާބު ކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަންސް ދާއިމީ ނަތީޖާ މިއަދު އިއުލާނު ކޮށްފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބު ގައި ވޯޓް ދިނުމުގެ ހައްގު 54680 މީހުންނަށް ލިބިފައި އޮތް ކަމަށެވެ. ނަމަވެސް ވޯޓްލާން ނިކުތީ 17410 މީހުންނެވެ.
ވޯޓްލުމުގެ ފުރުސަތު ނުވަ ގަޑިއިރުގެ މުއްދަތަށް ދިން ނަމަވެސް ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 37270 މީހުން ވޯޓްލާން ނިކުމެފައެއް ނުވެ އެވެ.
އެހެން ކަމުން މޭޔަރުގެ މަގާމަށް ބޭފުޅަކު އިންތިހާބުވީ 7621 ވޯޓާ އެކު އެވެ. މޭޔަރު ކަމަށް އިންތިހާބު ވީ އެމްޑީޕީގެ ފަރާތުން މޭޔަރު ކަމަށް ވާދަ ކުރެއްވި އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު / ސީއީއޯ އާދަމް އާޒިމެވެ.
އާޒިމްއާ އެންމެ ގާތުން ވާދަ ކުރެއްވީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރެވެ. އެކަމަނާ އަށް ލިބިވަޑައިގަތީ 5،031 ވޯޓެވެ. ދަ ޑިމޮކްރެޓްސް ގެ މުހައްމަދު ސައިފް ފާތިހަށް 2،343 ވޯޓް ލިބިވަޑައިގެންނެވިއިރު ރައީސް ޔާމީންގެ އެންޑޯޒްމަންޓާ އެކު އަމިއްލަ ގޮތުން އިންތިހާބު ގައި ވާދަކުރެއްވި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދަށް 1،888 ވޯޓް ލިބިވަޑައިގަތެވެ. އަމިއްލަ ގޮތުން ވާދަ ކުރެއްވި ޝުއައިބު އަލީއަށް ލިބިވަޑައިގަތީ 125 ވޯޓެވެ.