އިންޑިއާ އިން އެއްބަސްވީ ސަރުކާރުން އެދިފައިވާ ގޮތަށް މާޗް 15 ގެ ކުރީން އިންޑިއާ ސިފައިން ގެންދަންތޯ ނުވަތަ އޭގެ ފަހުން ވިޔަސް އެހެން ތާރީހެއް ގައި ލަސްނުކޮށް ގެންދިއުން ކަމެއް ސާފެއް ނުވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރީން ބާލަން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ހުށައެޅި ހުށައެޅުމާ އެކު އިންޑިއާ ސިފައިން ގެންދިއުން އަވަސް ކުރުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ދިވެހި ހާރިޖިއްޔާ އިން ބުނެފި އެވެ.
ދިވެހި ސަރުކާރުން މި ހުށައެޅުން ހުށައެޅީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން އިންޑިއާގެ މަތީ ފެންވަރުގެ ބޭފުޅުންނާ ދިވެހި ސަރުކާރުގެ އިސް ބޭފުޅުންނާ އެކު މިހާރު ހިނގާ މަޝްވަރާތަކުގެ ތެރެއިންނެވެ. މިއަދު ހެނދުނުން ފެށިގެން ހަވީރުގެ ވަރަށް ފަސްވަންދެން ފޮރިން މިނިސްޓްރީ ގައި އެ މަޝްވަރާ ވަނީ ކުރިއަށް ގެންގޮސްފައެވެ.
މަޝްވަރާތަކަށް ފަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ގެންދިއުން އަވަސް ކުރުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އިނގިރޭސި ބަހުން ނެރުނު އެ ބަޔާނުގައި އިތުރު ތަފްސީލެއް ނެތެވެ.
އިންޑިއާ އިން އެއްބަސްވީ ސަރުކާރުން އެދިފައިވާ ގޮތަށް މާޗް 15 ގެ ކުރީން އިންޑިއާ ސިފައިން ގެންދަންތޯ ނުވަތަ އޭގެ ފަހުން ވިޔަސް އެހެން ތާރީހެއް ގައި ލަސްނުކޮށް ގެންދިއުން ކަމެއް ސާފެއް ނުވެ އެވެ.
އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާގެ އިތުރުން ތަރައްގީގެ ކަންކަމުގައި ދެ ގައުމުން އެއްބާރުލުން ދިނުމާއި ގުޅުން ވަރުގަދަ ކުރަން ވެސް މަޝްވަރާ ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ބައްދަލުވުމަކީ ކޮޕް-28 ގެ ތެރެއިން ދުބާއީގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރައްވައި އިއުލާނުކުރެއްވި އިންޑިއާ ސިފައިން ބޭލުމާބެހޭ "ކޯ ގްރޫޕް" ގެ ފުރަތަމަ ބައްދަލުވުމެވެ.
ފުރަތަމަ ބައްދަލްވުން ބޭއްވީ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ހިމެނި ވަޑައިގަންނަވާ ގޮތަށް އެހެން ޑިޕްލޮމޭޓުން މައްޗަށް އެކުލަވާލާފައިވާ ވަފުދަކާއި ރާއްޖޭގެ ސަރުކާރާއެކު އެވެ. މި މަޝްވަރާތަކުގައި އިންޑިއާގެ ފަސް ބޭފުޅަކު ބައިވެެރިވެ ވަޑައިގެންނެވި އެވެ.
މި މަޝްވަރާތަކުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި އެމްބެސަޑާ އެޓް ލާޖް އަލީ ނަސީރު (އަލިނީ) އާއި އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރު އިބްރާހިމް ޝަހީބާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް ހިމެނިވަޑައިގަންނަވަ އެވެ.
މި މަޝްވަރާތައް ފެށުނުއިރު ރައީސް މުއިއްޒު އިއްޔެ ވަނީ ޗައިނާއިން ވަޑައިގެން އިންޑިއާއަށް އަމާޒުކޮށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. އަދި ރައީސް މުއިއްޒު ވަނީ ރާއްޖެ އިންޑިއާއަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވައި އެފަދަ ބައެއް ފިޔަވަޅުތައް އިއުލާން ކުރައްވާފަ އެވެ.
ރާއްޖޭން ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދާނެ ތާރީހެއް އަންނަ މާޗުގެ ކުރިން ދިނުމަށް އިންޑިއާ ސަރުކާރުގެ ކިބައިން އެދިފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި އިންޑިއާގެ 80 ސިފައިން ރާއްޖޭގައި އެބަތިއްބެވެ.